ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
ދައުރު ހަމާވާން ގާތްވެފައި ވަނިކޮށް މިދިޔަ މަހުގެ 21 ގައި އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމުން އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓަށް އަހާ ޖަލްސާ ފަށާފައިވަނިކޮށެވެ.
ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި ހުޅުވާލުމުން އެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލި އެވެ. އެހެން ނަމަވެސް ރައީސް މަޖިލީހުގެ ތަޅުމަށް ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ.
އަބާސްއާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ އެކަމަށް ހުޅުވާލުމަށް ފަހު ބޭއްވި ކޮމިޓީގައި ވަނީ އަބާސްއާއި އިންޓަވިއުކޮށްފަ އެވެ.
އިންޓަވިއުއަށް ފަހު އައްބާސް އެ މަގާމަށް އައްޔަނު ކުރުމަށް ކޮމިޓީން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
އައްބާސް ޕީޖީގެ މަގާމަށް އައްޔަނު ކުރުމަށް މާދަމާ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

