ރާއްޖޭގެ ދަރަނިތައް މަތިވުމުގެ ސަބަބުން ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިން ޓްރިޕަލް ސީ ”ސީސީސީ“ އިން ”ސީސީ“ ގްރޭޑިންގ އަށް ބަދަލުކުރީ މިދިޔަ އޮގަސްޓު މަހު އެވެ.”ފިޗް“ އިން ނެރުނު މައުލޫމާތުގައި ފާހަގަކޮށްފައިވާ ގޮތުން މިއަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވް، މިއަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް 395 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ.
އެރިޕޯޓްގައި ރާއްޖޭ ބޭރުގެ ދަރަނި ހުރި މިންވަރުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ޖުމްލަ ބޭރުގެ ދަރަނި 2025 ވަނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ އެ އަދަދު 1 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އޭގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.
ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ސަބަބުތައް ކަމަށް ފިޗުން ގާބޫލުކުރާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ މަތިވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމާއި އެކަމުގެ ސަބަބުން ޑޮލަރަށް ޑިމާންޑު ބޮޑުވުން ފާހާގަކޮށްފައިވެއެވެ.
މީގެއިތުރުން ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑިސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓީންގ ސީއޭއޭ1 އިން ސީއޭއޭ 2 އަށް ދަށްކޮށް ބުނީ، ރާއްޖެއިން ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމަށް 2025 ވަނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ހިމެނޭގޮތުން، ބޭރުގެ ދަރަނީގެ ސްޓޮކް އިތުރުވެފައިވުމެވެ. އަދި ކުރީ ސަރުކާރުން ޗާޕު ކުރި 8 ބިލިއަން ރުފިޔާގެ ސަބަބުން ބާޒާރުގައި ދައުރުވާ ފައިސާ އިތުރުވެ ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް ރިޕޯޓުގައި ވެއެވެ.
އައު ސަރުކާރަށް ދަރަނި އަދާކުރުމުގައި ގޮންޖެހުންތަކެއް ދިމާވުމުގެ ސަބަބުން، ރީފައިނޭންސިންއަށް ގޮންޖެހުން ބޮޑުވުމުގެ ފުރުސަތު އެބައޮތްކަން ފިޗުން ފާހަގަކުރި އެވެ. އަދި ރާއޖޭގެ ޖުމްލަ ރިޒާވް ވަރަށް ބޮޑުތަނުން ދަށްވެ 492 އަށް ވެއްޓުން އެއީ ރޭޓިން ދަށްކުރި ސަބަބެއްކަމަށް ފިޗުގެ ރިޕޯޓުގައި ވެއެވެ. ފިޗުން ރޭޓިން ދިނުމުގެ ކުރިޔަށް ވެސް ސަރުކާރުން އޮތީ، ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ނިންމިކަން އިއުލާނުކޮށްފަ އެވެ. މޯލްޑިވްސް މަނިތަރީ އޮތޯރިޓީއާއި، އާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އައި ނަމަވެސް ދައުލަތެއްގެ ގޮތުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެބަހުރިކަން އެނގެ އެވެ.
ހާލަތުން އަރައިގަތުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ސަރުކާރުން ނިންމާފައި ވަނީ ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ހޭދަތައް ބޮޑު ދަތުރުތައް މަޑުޖައްސާލުމުގެ އިތުރުން ސަރުކާރުން ބޮޑެތި އިވެންޓުތައް ނުބެއްވުމެވެ. ނުވަތަ ކުރާ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަކުރުމެވެ. އަދި ދައުލަތުގެ ހަރަދު މެނޭޖު ކުރުމާއި ބެހޭ ބިލުގެ މަސައްކަތް ވީހާވެސް އަވަހަށް ތަޅުމުން ނިންމުން ހިމެނެ އެވެ.
މި ނިންމުންތަކަށް ދާން ޖެހުނީ ސަރުކާރަށް ހަ މަސް ތެރޭގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުންކަމަށް އިދިކޮޅު އެމްޑީޕީން ބުނަމުން ދިޔަ ނަމަވެސް އެ ޕާޓީގެ ވެރިކަމުގައި ހާލަތު އޮތީ ވެސް ނާޒުކު ގޮތަކަށެވެ. ފައިސާ ޗާޕު ކުރުމާއި، ދަރަނިތައް ނެގުމަށް ފަހު ގައުމަށް ފައިދާ ހުރި ނުވަތަ ލޮލަށް ފެންނަ ތަރައްގީއެއް ނެތުމަކީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތު އޮތް މިންވަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އައިއެމްއެފްގެ ރިޕޯޓުތަކުގައި ވަނީ ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު ބޮޑުކަމަށާއި ހަރަދުތައް ކުރުމުގައި ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އާމްދަނީ އިތުރު ކުރުމާއި ދަރަނިތައް މެނޭޖް ކުރުމުގައި ހަރުދަނާ އުސޫލުތަކެއް ތަންފީޒު ކުރަންޖެހޭ ކަމަށް އައިއެމްއެފްއިން ވަނީ ބުނެފައެވެ. 2023 ގައި ނެރުނު ރިޕޯޓުގައި ވާ ގޮތުގައި 2021 ޖުލައި އިން 2022 އަށް ރާއްޖޭގެ އިންފްލޭޝަން ވަނީ 0.2 އިން 2.7 އިންސައްތަ އުފުލިފައެވެ.
މީގެ އިތުރުން މަރުކަޒީ ބޭންކު އެމްއެމްއޭއިން ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓާއި ގުޅިގެން އަރުވާފައިވާ ލަފާކުރި ގޮތުގައި، 2023 ވަނަ އަހަރުގެ ސަރުކާރުގެ ޑެފެސިޓް ފައިނޭންސް ކުރުމަށް ހަމަޖެހިފައި ވަނީ ބޭރު ފަރާތްތަކުގެ އަތުން ހޯދުމަށް ހަމަޖެހިފައިވާ 6.4 ބިލިއަން އަދި ޑޮމެސްޓިކް މާކެޓުން ހޯދުމަށް ހަމަޖެހިފައިވާ 4.7 ބިލިއަން ރުފިޔާއިންނެވެ. އެމްއެމްއޭ އިން ބުނީ 2023 ވަނަ އަހަރު ބޭރު ފައިނޭންސްތައް ހޯދުމަށް ހިރާސްތަކެއް ހުރިކަމަށެވެ. އެހެންކަމުން ޑޮމެސްޓިކް މާކެޓުން އެ ފައިސާ ހޯދަން ޖެހޭނެކަމަށްވީނަމަވެސް ވިޔަފާރި ބެންކުތަކުގެ ލިކުއިޑިޓީ ހުރި މިންވަރު ދައްވުމުންނާއި ޓީބިލުގައި އިންވެސްޓުކޮށްފައިވުމުން އެ މާކެޓުންވެސް ފައިސާ ހޯދުމަށް ދަތިވެދާނެކަމަށް ފާހަގަކުރާކަމަށް އެ މުވައްސަސާއިން ބުންޏެވެ.

