ޕީއެންސީގެ ތެރޭގައި ފެކްޝަންތައް އޮތްކަން އެ ޕާޓީގެ މެމްބަރުން ދައްކަވާ ވާހަކަތަކުން އެނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ( ބިގޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ”ހަވަރު ބެރު“ ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ޕެނަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ކުރީގެ މެމްބަރު މުހައްމަދު ރަޝީދުވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ޕީއެންސީއަށް ސޮއިކުރުމަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ރައީސް ޑރ މުއިއްޒުއަށް ވެރިކަމަށް ވަޑައިގެންނެވުނީ އަމިއްލަ ބާރުވެރިކަމެއް އޮވެގެން ނޫންކަމަށާއި ޕާޓީތަކުގެ ތެރެއިން މަސައްކަތްކުރައްވަމުން ވަޒީރުކަމަށް ވާސިލުވެ ރައީށްކަމުގެ މަގާމަށް ވަޑައިގަތީ އެ ދޭތެރެއިން ދެމިގަނެވެން އޮތް މަގު ހޯއްދަވައިގެން އެގޮތުގެ މަތިންކަމަށެވެ. އެހެންކަމުން އެ މަގާމަށް ވަޑައިގެންނެވި އިރު ކައިރީގައި ވަށައިގެން ތިބޭނެ ބަޔަކު ނެތްކަމަށާއި ޕީއެންސީގެ ތެރޭގައިވެސް ހަމަނުޖެހުންތައް އޮތްކަމަށް ފެނިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
މުހައްމަދު ރަޝީދު ވިދާޅުވީ، ފެކްޝަންތައް ހެދިފައިވާ މަންޒަރު ފެންނަކަމަށާއި، ޕީއެންސީގައިވެސް ތިއްބެވީ އެކުވެރިންކަމަށްވުމުން އެ ފަރާތްތަކުގެ ވާހަކަތަކުން، ރައީސް ވަށައިގެން ކައްތިރިއެއްހެން ވިއްދައިގެން ވެރިކަން ދަމަަހައްޓަދޭނެ ބަޔަކު ނެތްކަން އެނގޭކަމަށެވެ. އަދި މިހާރު ޕީއެންސީގެ ފަރާތުން ފެނިގެންދަނީ އެކަމުގެ ނަތީޖާތައްކަމަށެވެ.
އޭނާ ވިދާޅުވީ، ކައިރީ ބަހައްޓަން ބޭނުންވެއްޖެ ހާލަތެއްގައި ޖެހެނީ ވަޒީފާ ދޭންކަމަށާއި، އެހެން ހެދުމުން ވަޒީފާގެ ބިރަށް އެއްޗެކޭ ބުނަން ނުކެރި ތިބޭއިރު، ސަރުކާރުން ކޮންމެ ކަމެއް ކުރިޔަސް ހިތާ ދެކޮޅަށްވެސް އެތަނަކަށް ދިއުމަށް މަޖުބޫރު ކުރާކަމަށެވެ.
މުހައްމަދު ވިދާޅުވީ، ދާދި ފަހުން މާރަންދޫގައި ކުރިއަށް ގެންދިޔަ ބައި އިލެކްޝަންގެ ކަންކަން ބެއްލެވުމަށް ވަޑައިގެން ހުންނެވިއިރު ހުރިހާ ދާއިރާއަކުން ވަޒީރުންވެސް އެތަނުގައި ތިއްބެވިކަމަށެވެ. އަދި އެތަނުގައި އިސްކޮށް ހުންނެވި ފަރާތަކުން އޭރު އެތަނުގައި ތިބި ބައެއް މީހުންނަށް ލަހުން އައިކަމަށް ބުނެ އެކަމުގެ ޝަކުވާ ރައީސްއަށް ހުށައަޅާނެކަމުގެ އިންޒާރުތައް ދެމުން ގެންދެވިކަމަށެވެ. އޭނާ ވިދާޅުވީ، ގާތުގައި މީހުން ގެންގުޅެމުންދަނީ އެވަރަށް ބިރުދައްކައިގެންކަމަށާއި ހަގީގަތުގައި ވަޒީފާތައް ދެނީ އެ މީހުން ކަންކަން ދެ ބަސް ނުވާނެ ގޮތަށް ހަދައިގެން އެކަން މެދުވެރިކޮށް ވެރިކަން ދެމެހެއްޓުމުގެ ވިސްނުމުގައިކަމަށެވެ.

