ނައިބު ވަޒީރުންނަށްވުރެ ބޮޑު މުސާރައެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިޕާޓުމެންޓުގައި ކޮންޓްރެކްޓް މުއައްޒަފުން ތިބިކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ”ހަވަރު ބެރު“ ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން މެމްބަރު ޑީޑީ ވަނީ ސިޔާސީ މުއައްޒަފުންގެ އަދަދުތައް ގިނަވެފައިވާކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޑީޑީ ވިދާޅުވީ، ސިޔާސީ މުއައްޒަފުންގެ އަދަދަކީ ސަރުކާރުން އެއްގޮތަކަށްވެސް ހާމަކުރަން ބޭނުން ނުވާ ވާހަކައެއްކަމަށެވެ.
އޭނާ ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެ އަދަދުތައް ހޯދުމަށް އެމްޑީޕީއިން ވަރަށް ބޮޑަށް މަސައްކަތްކުރާކަމަށާއި އާންމުކޮށް ފެންނަން ހުރި އަދަދުތަކާއި އެހެނިހެން މަސްދަރުތަކުން ހޯދާފައިވާ މައުލޫމާތުތައް އެއްކޮށް ބަލާލާއިރު ޝައްކެއްވެސް ނެތް ގޮތުގައި މިހާތަނަށް އެންމެ ގިނައިން ސިޔާސީ މުއައްޒަފުން އައްޔަނުކޮށްފައިވަނީ މި ސަރުކާރުންކަން ފެނިގެންދާކަމަށެވެ.
ޑީޑީ ވިދާޅުވީ، މިކަމުގެ މިސާލެއްގެ ގޮތުގައި ބަލާއިރު ރައީސް އޮފީހުގެ ފޮޓޯ ޑިޒައިން ނުވަތަ ކޮމްސް ޑިޕާޓުމެންޓުގައި ހުންނަވާ ކޮމިއުނިކޭޝަންސް މިނިސްޓަަރުގެ މުސާރަ 58000 ރުފިޔާއަށް އަރާކަމަށެވެ. އޭނާ ވިދާޅުވީ، ކޮމިއުނިކޭޝަންސް އަންޑާ ސެކެޓްރީންގެ ގޮތުގައި ދެ މީހަކު ތިބޭކަމަށާއި ކޮންމެ މީހަކަށް މުސާރައިގެ ގޮތުގައި 43000 ރުފިޔާ ލިބޭކަމަށެވެ. އޭނާ ވިދާޅުވީ، ޑެޕިއުޓީ އަންޑާ ސެކެޓްރީންގެ ގޮތުގައި 4 މީހުން ތިބޭކަމަށާއި 36000 ރުފިޔާގެ މުސާރައެއް ދޭކަމަަށެވެ.
ޑީޑީ ވިދާޅުވީ، 31000 ރުފިޔާގެ މުސާރައެއްގައި ފޮޓޯގްރަފަރެއްގެ ގޮތުގައި އެކަކު ހުރިކަމަށާއި ވީޑިއޯ ގްރާފަރެއްވެސް އެ މުސާރައިގައި ނަގާފައިވާކަމަށެވެ. ޑީޑީ ވިދާޅުވީ، 28000 ރުފިޔާގެ މުސާރައިގައި ޕްރަޑަކްޝަން އޮފިސަރެއް ހުރިކަމަށާއި ސީނިއާ ކޮންޓެންޓް ކްރިއޭޓަރުންގެ މަގާމުގައިވެސް 9 މީހަކަށް މުސާރައިގެ ގޮތުގައި 25000 ދެމުންދާކަމަށެވެ.
އޭނާ ވިދާޅުވީ، ކޮންޓެންޓް ކްރިއޭޓަރުންގެ ގޮތުގައި 4 މީހަކު ވަޒީފާގައި ތިބިކަމަށާއި ކޮންމެ މީހަކަށް 20000 ރުފިޔާގެ މުސާރައެއް ދޭކަމަށެވެ. އަދި އިތުރު ތިން ފޮޓޯގްރަފަރަކަށް 20000 ރުފިޔާގެ މުސާރައެއް ދޭކަމަަށާއި ތިން ވީޑިއޯ ގްރަފަރުންވެސް އެ މުސާރައިގައި ތިބިކަމަަށެވެ.
ޑީޑީ ވިދާޅުވީ، 16000 ރުފިޔާގެ މުސާރައެއް ދޭ އިތުރު ދެ ކޮންޓެންޓު ކްރިއޭޓަރުންވެސް ތިބިކަމަށާއި ނައިބު ވަޒީރުންނަށްވުރެ ބޮޑު މުސާރައެއް ދީފައި ކޮންޓްރެކްޓް އުސޫލުން ކްރިއޭޓިވް ޑައިރެކްޓަރުންގެ ގޮތުގައި 4 މީހަކަށް 37700 ރުފިޔާގެ މުސާރައެއް ދީ ވަޒީފާއަށް ނަގާފައިވާކަމަށެވެ. އަދި ޑިޒައިން ކޮންސްލްޓަންޓަކުވެސް އެ މުސާރައިގައި ވަޒީފާއަށް ނަގާފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.
އޭނާ ވިދާޅުވީ، ދެ މީހަކު ޑިޖިޓަލް ސްޓްރެޓެޖިސްޓުންގެ ގޮތުގައި ތިބިކަމަށާއި 32000 ގެ މުސާރައެއް ދެމުންދާކަމަށެވެ. ޑީޑީ ވިދާޅުވީ އިތުރު އެއްވެސް މަސައްކަތެއް ނުކޮށް ހަމަ އެކަނި ރައީސްގެ މޫނު ރީތިކޮށްލުމަށްޓަކައި އެ އޮފީހުގެ އެންމެ ޑިޕާޓުމެންޓެއްގައި 36 މުއައްޒަފުން ތިބިކަމަށާއި އެކަމަށްޓަކައި ޖުމުލަ މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 974200 ރުފިޔާ ހަރަދުވާކަމަށެވެ.

