ހުއްޓުމެއް ނެތި އިޒްރޭލުން ހިންގަމުންދާ ޓެރަރިސްޓު އަމަލުތައް ހުއްޓުވައި، އެ ގައުމު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ޔޫއެންޖީއޭގެ އާންމު ބަހުސްގައި ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ގައުމަކަށް އަނެއް ގައުމެއްގެ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހައްގެއް ލިބިގެން ނުވާކަމަށެވެ. އަދި ގައުމުތަކުން، އަނެއް ގައުމުގެ ހައްގުތައް އަރައިގަންނަމުންދާއިރު، ގައުމެއްގެ ބޮޑުމިނާއި ކުޑަމިނަށް ބަލައި ނުވަތަ މުއްސަނދިކަމަކަށް ބަލައި ހިމޭނުން އޮވެގެން ނުވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މިއަދު މުޅި ބައިނަލްއަޤުވާމީ ނިޒާމު އޮތީ ޣައްޒާގެ ހައްގުގައި އަޑުއުފުލުމަށް ނުކުޅެދިފަ އެވެ.
ރައީސް ވިދާޅުވީ އިޒްރޭލުން ދަނީ އެތައް ރައްޔިތެއް ޝަހީދުކޮށް، ތަކުރާރުކޮށް ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލުތައް އަދި އިންސާނީ ވަސީލަތްތައް ނައްތާލަމުން ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިން ޝަހީދުކޮށް މިއަދު ލުބުނާނަށް ވެސް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެތައް ރައްޔިތެއްގެ ފުރާނަ ގެއްލިފައިވާކަމަށެވެ.
އަލްޖަޒީރާއަށް އަމާޒުކޮށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާއި، އެ މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށް އަމާޒުކޮށް ކުރިމަތި ކުރުވާ ހުރަސްތައް ރައީސް ކުށްވެރި ކުރެއްވި އެވެ.
ގުދުސްއަކީ ފަލަސްތީންގެ ވެރިރަށް ކަމުގައި ހެދުމަށް ރާއްޖޭގެ ގޮވާލުން ތަކުރާރުކޮށް ރައީސް ވަނީ، އދ ގެ ދާއިމީ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ގޮވާލާފަ އެވެ.

