ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުނާއި އަދި ޑޮކްޓަރުކަން ކިޔަވާ ކުދިންނަށް އިންޓާންޝިޕްގެ ފުރުސަތުތައް ފަހި ކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއއިްޒު ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސް އާއިއެކު މަޝްވަރާކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއއިްޒު ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސް އާއި ބައްދަލުކުރައްވައިފައިވަނީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ޗީފް އެޑްވައިޒަރ ޑރ. ޔޫނުސް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ކަނޑުތަކާއި ގުޅިފައިވާ އިޤްތިޞާދީ ފުރުޞަތުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ފުރުޞަތުތަކުގެ ބޭނުން ހިފުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރައީސް މުއިއްޒު ވަނީ ތައުލީމީ ދާއިރިން ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަން ފާހަގަކުރައްވާ ”އެކްސްޗޭންޖް ޕްރޮގްރާމްތައް“ ހިންގުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި ދިވެހި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރުކަން ކިޔަވާ ކުދިންނަށް އިންޓާންޝިޕްގެ ފުރުސަތުތައް ފަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
ރައީސް އާއި ޗީފް އެޑްވައިޒަރ ޑޮކްޓަރ ޔޫނުސްގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ޤައުމުން ޙިއްސާކުރާ ކަންބޮޑުވުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ޚާރިޖީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

