އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރަން ފެށުމުން އެހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެއްޖެއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާ ވިދާޅުވީ ރާއްޖޭގެ ވަފްދު އެހޯލުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަލަޞްޠީނާމެދު ގެންގުޅުއްވާ ޚާއްސަ ކަމާއި ފަލަސްޠީނުގެ ޙައްޤުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ޚާއްޞަ މަސައްކަތްޕުޅަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލުކުރައްވާ ރައީސް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރައީސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ.
ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސް ގޮވާލައްވާފައިވެއެވެ.
މީގެއިތުރުން ޔޫއެންޖީއޭގެ އާންމު ބަހުސްގައި ރައީސް ވަނީ ހުއްޓުމެއް ނެތި އިޒްރޭލުން ހިންގަމުންދާ ޓެރަރިސްޓު އަމަލުތައް ހުއްޓުވައި، އެ ގައުމު ޖަވާބުދާރީ ކުރުވުމަށް ގޮވާލައްވައިފައެވެ. ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ގައުމަކަށް އަނެއް ގައުމެއްގެ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހައްގެއް ލިބިގެން ނުވާކަމަށެވެ. އަދި ގައުމުތަކުން، އަނެއް ގައުމުގެ ހައްގުތައް އަރައިގަންނަމުންދާއިރު، ގައުމެއްގެ ބޮޑުމިނާއި ކުޑަމިނަށް ބަލައި ނުވަތަ މުއްސަނދިކަމަކަށް ބަލައި ހިމޭނުން އޮވެގެން ނުވާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ، މިއަދު މުޅި ބައިނަލްއަޤުވާމީ ނިޒާމު އޮތީ ޣައްޒާގެ ހައްގުގައި އަޑުއުފުލުމަށް ނުކުޅެދިފަ އެވެ.

