ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރުމަށް ޓަކައި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީއިން ނެރުނު ބާޔާނެއްގައި ބުނެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މެމްބަރުން އިތުރުކުރުމަށް ނުފޫޒު ފޯރުވި މޭރުމުން، މި ސަރުކާރުން ވެސް ދަނީ ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ ނަމުގައި ވަޒީފާގެ ބިރު ދައްކަމުން ކަމަށެވެ. އަދި ޕީއެންސީއަށް ސޮއި ކުރަން މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބަޔާނުގައި ވެއެވެ.
ޕާޓީއަށް މީހުން ވެއްދުމަށްޓަކައި ފޯމު ފުރުމުގެ މަސައްކަތް ސަރުކާރުގެ އިމާރާތްތަކުގައި އަދި މަސައްކަތުގެ ރަސްމީ ގަނޑިތަކުގައި ކުރަމުންދާ އެމްޑީޕީން ތުހުމަތު ކުރެ އެވެ. އަދި މުވައްޒަފުން ލައްވައި އެ މަސައްކަތް ކުރުވަމުން ދާތީ ބައެއް މަސައްކަތަށް ދަތިވަމުންދާކަމަށް ވެއެވެ.
އެމްޑީޕީން ބުނެފައި ސަރުކާރުގެ އޮފީސްތަކުގައި މި މަސައްކަތް ކުރަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ.
އެމްޑީޕީއިން ވަނީ ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ މައި ޕާޓީއަށް ފޯމު ފުރައި މެމްބާޝިޕް އިތުރު ކުރަމުންދާ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް އިލެކްޝަން ކޮމިޝަނަށް ގޮވައިލައިފައެވެ. އަދި ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުޤީޤު ކުރުމަށް މުއައްސަސާތަކަށް އެމްޑީޕީން ގޮވާލި އެވެ.
ޕީއެންސީގެ މެމްބާޝިޕް ޑްރައިވްގެ ހަރަކާތްތައް ކުރިޔަށް ގެންދާއިރު، ރައީސްގެ އަމާޒަކީ އެމަނިކުފާނުގެ ސަރުކާރަށް އަހަރެއް ފުރޭއިރު ޕާޓީގެ މެމްބަރުންގެ އަދަދު 50،000 އިން މައްޗަށް އެރުމެވެ.

