އާސަންދައިގެ ނިޒާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން 200 އަށް ވުރެ ގިނެ ބޭހެއްގެ އަގު އަންނަ މަހުން ފެށިގެން ކޮންޓްރޯލް ވާނެކަމަށް އެންސްޕާއިން ބުނެފި އެވެ.
ރާއްޖޭގައި އެންމެ ގިނައިން ދޫކުރާ 250 ބޭހެއްގެ އަގު ކޮންޓްރޯލްކޮށް ނެރުނު ބަޔާނުގައި ވަނީ، މި ފިޔަވަޅުގެ ސަބަބުން ބޮޑު އަގުގައި ވިއްކަމުން އައި ބޭހުގެ އަގު ދަށްވެގެން ދާނެކަމަށެވެ. އަދި އާސަންދަ ސްކީމުން ބޭހަށް ކުރާ ހަރަދުން އަހަރެއްގެ މައްޗަށް 220 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް އެންސްޕާގެ ބަޔާނުގައި ވެއެވެ.
އަގު ކޮންޓްރޯލް ކުރާ ހުރިހާ ބޭހެއް ވެސް އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބެން ހުންނާނެ އެވެ.
އެކި ފޭސްތަކަށް ބަހާލައިގެން ތަންފީޒު ކުރާ މި ފިޔަވަޅުތަކާއި ގުޅޭގޮތުން އެންސްޕާ ބުނެފައި ވަނީ އަގުތައް މުރާޖައާކޮށްފައިވާ 87 ބޭހެއްގެ އަގަށް ބަދަލު އަންނަނީ އަންނަ މަހުގެ 1 އިން ފެށިގެން ކަމަށެވެ. އެއަށް ފަހު އެ މަހުގެ 24 ގައި 126 ބޭހެއްގެ އަގަށް ބަދަލު ގެނެވޭނެކަމަށް ބުންޏެވެ.
ބަޔާނުގައި ބުނެފައި ވަނީ އަގު މުރާޖައާ ކުރާ ބޭހުގެ ތަފްސީލުތައް އާސަންދައިގެ ވެބްސައިޓުގައި އާންމު ކުރާނެކަމަށެވެ.
އަގު ކޮންޓްރޯލްކޮށް ބަދަލުތަކެއް ގެނައި ނަމަވެސް، އާންމުންނަށް ހިލޭ ބޭސް ލިބުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ދީ ސޯޝަލް މީޑިއާގައި ދެކެވޭ ވަހަކަތައް އެންސްޕާއިން ދޮގު ކުރި އެވެ. އަދި ބުނެފައި ވަނީ ހިލޭ ބޭސް ލިބިދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ނައިސް ބޭހުގެ ލިސްޓުގައި ހިމެނޭ ކޮންމެވެސް އެއް ބްރޭންޑެއް އެސްޓީއޯގެ ފާމަސީތައް މެދުވެރިކޮށް އިތުރު އަގަކާ ނުލައި، ލިބެން ހުންނާނެ ކަމަށެވެ.
މީގެއިތުރުން އެންސްޕާއިން ބުނީ އާސަންދަ ސްކީމުގައި ރެޖިސްޓްރީކޮށްފައިވާ އަމިއްލަ ފާމަސީތަކުގެ ތެރެއިން، މި ބޭސްތައް ވިއްކުމަށް ރެޖިސްޓްރީކޮށްފައިވާ ފާމަސީތައް މެދުވެރިކޮށް އިތުރު އަގަކާ ނުލައި ބޭސް ލިބޭނެ ކަމަށެވެ.
ހިދުމަތް ދޭ މަރުކަޒުން އުސޫލާއި ހިލާފަށް ބޭސްތައް ދޫކުރާކަން ފާހަގަކުރެވޭނަމަ، އެކަން 7951400 ހޮޓްލައިން މެދުވެރިކޮށް ރިޕޯޓު ކުރުމަށް އެންސްޕާއިން ވަނީ އެދިފަ އެވެ.

