ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މީގެ ކުރިން ސަމާލުކަން ދީފައި ނެތް، ހަރަކާތުގައި ރައީސް ބައިވެރި ނުވޭ: ޗީފް އޮފް ޑިފެންސް

ރައީސުލްޖުމްހޫރިއްޔާ, "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު -2024" ހުޅުވައިދެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނަސްރުގެ ދުވަހަށް ދޭން ޖެހޭ ސަމާލުކަން ދީ، މި ދުވަސް ފާހަގަކުރުމަށް މީގެ ކުރިން އިސްކަން ދެވިފައި ނުވާއިރު ދުވަސް ފެށުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތްތަކުގައި މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވެސް ބައިވެރިވެވަޑައިގެންފައި ނެތްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މެޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށްޓަކައި، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ދައުލަތުގެ އިސްވެރިންނާއި، ސިފައިން ބައިވެރިވެ ޖަމާއަތުގައި ފަތިސް ނަމާދުން ދުވަހުގެ ހަރަކާތްތައް ފަށައި، ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި ނެޝަނަލް އާޓް ގެލަރީގައި ނަސްރު ދުވަހުގެ ސިފައިންގެ މައުރަޒު ދަނީ ކުރިޔަށެވެ.

އެއަށް ފަހު މިއަދުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ކުރިޔަށް ގެންދިޔަ ހާއްސަ މިލިޓަރީ ޑިސްޕްލޭ ފެށުމުގެ ރަސްމިއްޔާތުގައި ހިލްމީ ވިދާޅުވީ ނަސްރުގެ ދުވަސް ފާއިތުވި އަހަރުތަކުގައި ފާހަގަކުރަމުން އައީ ހަމައެކަނި ސިފައިންގެ ލެވެލްގައި އެކަނިކަމަށެވެ. އަދި މި ދުވަހަށް އެކަށީގެންވާ ސަމާލުކަން ރަނގަޅު ގޮތުގައި ދެވިފައި ނުވާކަން ފާހަގަކޮށް ހިލްމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ނަސްރުގެ ދުވަސް ގައުމީ ލެވެލްގައި ކުލަ ގަދަކޮށް ފަހަގަކުރުމަށް ކަމަށެވެ.

ހިލްމީ ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ނޮވެމްބަރު 3 ގައި ގައުމުގެ ހައްގުގައި ދިވެހި ސިފައިންވި މަތިވެރި ގުރުބާނީގެ އަގުވަޒަން ކުރަން ކަމަށެވެ.

ވާހަކަފުޅު ފައްޓަވަމުން ހިލްމީ ފާހަގަކުރެއްވީ ނަސްރުގެ ދުވަހު ޖަމާއަތުގައި ފަތިސް ނަމާދުކޮށް ދިދަ ޖެހުން އޮތް ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައި ނެތުމެވެ. އެހެން ނަމަވެސް ޖަމާއަތުގައި ފަތިސް ނަމާދުން ފެށިގެން އައިސް، ހުރިހާ ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާކަމަށް ހިލްމީ ވިދާޅުވި އެވެ.

ހިލްމީ ވިދާޅުވީ އެކަމުން ދޭހަވަނީ ގައުމުގެ ހައްގުގައި ޝަހީދުވެފައިވާ ބޭކަލުންނާއި، ގައުމުގެ ހައްގުގައި ސިފައިންވި މަތިވެރި ގުރުބާނީ އެމަނިކުފާނު އަގުވަޒަން ކުރައްވާކަމެވެ.

މިއީ މީގެ ކުރިން ސިފައިންގޭގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތަކެއް ނޫން.. އެހެން ނަމަވެސް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވައި ސާބިތުކޮށްދެއްވަމުން އެ ގެންދަވަނީ އެމަނިކުފާނަކީ މި ގައުމުގެ ހައްގުގައި ޝަހީދުވެފައިވާ ބޭކަލުންނާއި، ގައުމުގެ ހައްގުގައި މަތިވެރި ގުރުބާނީވެފައިވާ ދިވެހި ސިފައިން އަދި ދިވެހިންގެ އަގު ވަޒަން ކުރައްވާނެ ރައީސުލްޖުމްހޫރިއްޔާއެއްކަން..

ހިލްމީ ވިދާޅުވީ 3 ނޮވެމްބަރު 1988 ގެ ހަމަލާގައި ދިވެހި ސިފައިންނާއި، ދިވެހިން ހޯދި ނަސްރަށް 36 އަހަރު ފުރިގެންދާއިރު ދިވެހި އަސްކަރިއްޔާ ތަރައްގީގެ މަގުގައި ގިނަ ކުރިއެރުންތައް ހޯދާފައިވާކަމަށެވެ. ވަކިން ހާއްސަކޮށް ދިވެހި އަސްކަރިއްޔާގެ ތެރޭގައި ވައިގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރި އެވެ.

އެހެންކަމުން ދިވެހި އަސްކަރިއްޔާ ތަރައްގީކޮށް، ޒަމާނާއި ގުޅޭގޮތަށް އިކުއިޕްކޮށް އަޅުގަނޑުމެންނަކީ މި ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެންވާ ބައެއްކަމަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެންމެހާ ސިފައިންގެ އޮފިސަރުންގެ ނަމުގައި ޝުކުރު އަރިސްކުރަން..

ހިލްމީ ވިދާޅުވީ ވެރިކަމުގެ ކުރީކޮޅު އެމަނިކުފާނު މުހިންމު ނިންމެވުންތައް، ނިންމަވައި ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށް ބޭނުންތެރި ފިޔަވަޅުތައް އަޅުއްވާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: