ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ގަބޫލު ކުރެވޭތީ، އިނގިރޭސިވިލާތުގެ ސަރުކާރަށް ކިތާބީ ހެކިތަކާއި އެކު ސިޓީއެއް ފޮނުއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރަށް އެންމެ ބޮޑަށް އޭރުގެ އިދިކޮޅުން ކުރި ތުހުމަތަކީ ރާއްޖެ – މޮރިޝަސް ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި އިންޓަނޭޝަނަލް ޓަރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް މައްސަލަ ނިމުނީ އެމަނިކުފާނު އެކަމުގައި އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖެއިން ސްޓޭންޑު ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވުމުގެ ފަހަތުގައި ވެސް ޑީލްތަކެއް ވާކަމަށް ބުނެފައި ވެއެވެ.
ގެއްލުނުކަމަށް ބުނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ، ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ރިޕޯޓުތަކެއް އެކުލަވާލައި އެކަމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައި ވެއެވެ.
ގެއްލުނު ކަނޑުގެ ސަރަހައްދު ދިވެހި ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް ކުރާ މަސައްކަތަށް ދޫ ދިނުމެއް ނެތްކަމަށް މިރޭ ރައީސް ވިދާޅުވިއިރު ޗާގޮސްގެ ސިޔާދަތީ ބާރުތައް މޮރިޝަސް އާއި ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވަނީ ނިންމާފަ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ރަސްމީ ޖަލްސާގައި ރައީސް ވަނީ، މި މަސައްކަތުގައި ސަރުކާރުން އަޅަމުން ދާ ފިޔަވަޅުގެ ބައެއް ތަފްސީލު ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ވި ވައުދަށް ދޫ ނުދެއްވާނެކަމަށާއި، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރާ މަސައްކަތަށް ހުއްޓުމެއް ނާންނަނެކަމަށެވެ.
ރައީސް ވިދާޅުވީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުން، އެކަމަށް ހާއްސަކޮށް މުވައްޒަފުންނާއި އެކު ކުރިޔަށް ވުރެ ބާރަށް މިހާރު ކުރިޔަށްދާކަމަށެވެ. އެގޮތުން ދިވެހި ސަރުކާރުގެ ފަރާތުން އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުވައި ޗާގޮސްގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިންކަން ކިތާބީ ހެއްކާއި އެކު ހުށަހެޅުއްވިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިނގިރޭސި ސަރުކާރުން ޗާގޮސް މޮރިޝަސްގެ ސަރުކާރަށް ހަވާލު ކުރާ ވާހަކަ އަޑުއިވުނީމާއި، އަޅުގަނޑުމެންގެ ތާރީހީ ވަރަށް ބޮޑު ގުޅުމެއް އޮތް ތަނަކަށް އެތަން ވާތީ ރަސްމީކޮށް.. ރަސްމީކޮށް ލިޔެކިއުމުން.. ސިޓީއިން ދިވެހި ސަރުކާރުން މިހާރު ވާނީ އިނގިރޭސި ސަރުކާރަށް އެ ތަންތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ސިޓީތަކާއި އެކުގައި ފެންނާން ހުރި ލިއުންތައް ހުރުމާއި އެކު އެހެން ތަނަކަށް ވުރެ ވެސް މާ އައުލާކަން ބޮޑު ދިވެހިރާއްޖޭގެ ތަނެއްކަމަށް ތާރީހީ ގޮތުން ފެނަން ހުރުމާއި އެކު އެކަން ފާހަގަކޮށް އަޅުގަނޑުމެން ވާނީ ސިޓީ ފޮނުވާފައި..
މި ސިޓީއާއި އެކު ދެން އުންމީދަކީ އިންސާފުވެރި ގޮތަކަށް، މައްސަލަ ނިމިގެން ދިއުންކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ޒިންމާތަކާއި، ވައުދުތަކުން ރެކެން އެއްވެސް މަސައްކަތެއް ނުކުރާނެކަމަށާއި ރައްޔިތުންނަށްވެފައިވާ ވައުދެއް އިހުލާސްތެރިކާމާއި އެކު ފުރިހަމަ ކުރުމަށް ފަސް ޖެހުމެއް ނެތްކަމަށެވެ.
ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ. އެކަމަކު ރާއްޖެއަށް ބޮޑުބައި ލިބެން ވަކާލާތު ކުރެވެން އޮއްވައި ގަސްތުގައި އެ ގޮތް ދޫކުރީކަމަށް ތުހުމަތު ކުރެވެ އެވެ.
ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ހުކުމް މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ.

