ސިޔާސީ މަސައްކަތްތައް ކުރުމުގައި އެއްވެސް މީހެއްގެ ކިބައިގައި މަވެތިކަމުގެ ސިފައެއް ހުރެގެން ނުވާނެކަމަށާއި، އަމިއްލަ މަންފާ އިސްނުކޮށް ރައްޔިތުންނަށް މިދިޔަ އެއް އަހަރުގެ ތެރޭގައި ހިދުމަތް ކުރެއްވީ ފަހުރުވެރިކަމާއި އެކުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުންނަކީ އަބަދުވެސް އަމިއްލަ މަންފާއާއި ތިމާ ބޭނުންވާ ގޮތް އިސް ކުރަމުން އައި ބައެއްކަމަށެވެ. އެފަދަ މީހުންނަކީ އެއީ ރައްޔިތުންގެ މަތީން އެއްވެސް މިންވަރަކަށް ހަނދާން ބަހައްޓާ، ހިދުމަތެއް ދިނުމުގެ އެއްވެސް ނިޔަތެއް ހުރި ބައެއްތޯ ސުވާލު އުފައްދައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ދުވަހަކު ވެސް މަވެތިކަން އިސް ކުރައްވާނެ ވެރިއެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ބައެއް ބޭފުޅުން އެމަނިކުފާނަށް ނިސްބަތްކޮށް، ސިޔާސީ މީހެއް ނޫންކަމަށް ބުނެ ބަސްތައް ރައްދު ކުރާކަމަށާއި އޭގެ ސަބަބަކީ ބޮޑާކަމާއި އެކު ސިޔާސީ މަސްލަހަތު އިސް ކުރަމުން ނުދިއުން ކަމަށެވެ. ރައީސް ވިދާޅުވީ ސިޔާސީ މީހަކަށްވުމުގެ މާނައަކީ، އަމިއްލަ މަންފާތައް އިސްކޮށް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކުން އެއްފަރާތް ވެގަތުން ނޫންކަމަށެވެ. ނުވަތަ ރައްޔިތުން މަތިން ހަނދާން ނައްތާލައި ބޭނުންވާ ބަޔަކަށް ސަރުކާރުގެ ތެރެއިން ނާޖާއިޒް ފައިދާ ހޯދައިދެމުން ދިއުމެއް ވެސް ނޫންކަމަށެވެ.
ބައެއްގެ ނަޒަރުގައި އެފަދަ ސިފައެއް ހުރެގެން ނޫން ގޮތަކަށް ހަރު ސިޔާސީ ލީޑަރަކަށް ނުވެވޭނެކަމަށް ދެކޭނަމަ ފަހުރުވެރިކަމާއި އެކު އެވާހަކަތައް ބަލައިގަންނަކަމަށް ރައީސް ވިދާޅުވި އެވެ.
ސިޔާސީ މީހަކަށް ވުމަކީ ތިމަންނަ ބޭނުންވާ ގޮތް އިސްކޮށް.. މަވެތިކަން އިސްކޮށް.. ރައްޔިތުން މަތިން ހަނދާން ނައްތާލައި… އޭނާގެ ހުރިހާ މަސްލަހަތެއް އިސްކުރުން ކަމަށްވާނަމަ… އަޅުގަނޑު އެކަހަލަ ސިޔާސީ މީހަކަށް ވާކަށެއް ބޭނުމެއް ނޫން… ފަހުރުވެރިކަމާ އެކީގައި މިއީ އެކަހަލަ ސިޔާސީ މީހެއް ނޫން…
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުގައި އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު ޖެހިލުން ނުވާ ސަބަބަކީ އެއީ އެވެ. ރައީސް ވަނީ ކުރީގެ ސަރުކާރުތަކަށް އެފަދަ ސަބަބުތަކައި ހުރެ އަތްލާން ނުކެރިފައި ހުރި އެތައް މައްސަލައެއް ހައްލު ކުރުމަށް ސަރުކާރުން ފިޔަވަޅު އަޅުއްވަމުން ގެންދަވާކަން ފާހަގަކުރައްވާފަ އެވެ.
އޭގެ ތެރޭގައި ރައީސް ފާހަގަކުރެއްވީ ރާއްޖޭގައި ވޭޕް މަނާކުރުމާއި، ގޭންގު ކުށްތަކައި މާރާމާރީތައް ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަ އިސްލާހުތަކެވެ. އަދި ވަކި ބައެއްގެ އަތް ދަށުގައި އޮތް ވިޔަފާރިތަކުން ވެސް ދިވެހި ރައްޔިތުންނަށް މަންފާވާނެ ގޮތަށް ބަދަލުތައް ގެނެވިފައިވާކަމަށް ހާމަކުރެއްވި އެވެ.

