ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވެރިއަކު ހޮވޭނެ ނިޒާމެއް އޮތްތޯ ބެލުމަށް ދިރާސާތައް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވަނީ، މީގެ ކުރިން އެމަނިކުފާނު ވިދާޅުވި ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން އިއުލާނު ކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުން އަދި ރިޔާސީ ދައުރު ފެށޭ ތާރީހަކީ ނޮވެމްބަރު 11 ކަމަށް ބަދަލު ކުރުމެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ވޯޓަކަށް ވުރެ ބޮޑަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ގެންނަން ޖެހޭ ބަދަލުތަކަށް ވާތީ ރައީސް ވަނީ އެކަމުގެ ބައެއް ތަފްސީލު ދެއްވާފަ އެވެ.
މީގެއިތުރުން ދެން ރައީސް ހާމަކުރެއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދިއުމުގެ ބަދަލުގައި، ފުރަތަމަ ބުރުން ވެރިއަކު ކަނޑައެޅޭނެ ނިޒާމެއް އޮތްތޯ ބެލުމެވެ. މިކަމުގައި ދުނިޔޭގެ އެކި ގައުމުތަކުން އަމަލު ކުރަމުންދާ އުސޫލުތަކެއް ވެސް ހުރުމާއި އެކު، އެކަންކަން ދެނެގަނެ ރަނގަޅު މަގެއް ހޯދޭނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހުން ހާއްސަ ކަރުދާހެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހާމަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަކީ، ރިޔާސީ އިންތިހާބުގައި އެއްބުރުން ވެރިއަކު ކަނޑައެޅިގެން ދިއުން ކަމަށެވެ. އެކަމަކު މިއީ ރައްޔިތުން ވެސް ބޭނުންވާ ގޮތް ހޯދުން، މުހިންމު ކަމަކަށް ވާތީ އެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ނުޖެހޭ ހާލަތުގައި ހަރަދުތައް ވެސް ބޮޑުތަނުން ކުޑަ ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

