ބޯހިޔާވަހިކަމަށް ވީ ވައުދުތައް ފުއްދުމަށް ރައީސް ކުރައްވަނީ ވަށާ ޖެހޭ މަސައްކަތެއްކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ބ އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގައި ސޮއި ކުރެވިގެން މިދިޔައީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އެކުލަވާލެވުނު އެމްއޯޔޫއެއްގެ ދަށުންކަމަށެވެ. ހައުސިން މިނިސްޓްރީއާއި ކައުންސިލާއިއެކު މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ވެވުނު އެއްބަވުމުގެ ދަށުން 15 ބުރީގެ 12 ޓަވަރު އަޅާނެކަމަށް މިނިސްޓަރު މައުލޫމާތުދެއްވިއެވެ. މިގޮތަށް ކަނޑައެޅި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސަރުކާރުން ކަނޑައެޅި އަރބަން ސެންޓަރުތަކުގެ ތެރޭގައި ބ އޭދަފުށި ހިމެނުމާއި، ރަށުގެ ބިން އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭދަފުށީގައި ބިން އިތުރުކުރެވެން ނެތުމުން ވޭޓިކަލް ޑިވެލޮޕްމެންޓަކީ މުހިންމުކަމެއްކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ގޮތުގައި މި މަޝްރޫއުގެ ދަށުން ތިން ރޫމްގެ 36 ފްލެޓު އަޅާނެއެވެ. އަދި 2 ރޫމްގެ 672 ފްލެޓަ އަޅާނެއެވެ.
އެގޮތުން ތިން ރޫމްގެ 36 ފްލެޓާއި، 2 ރޫމްގެ 672 ފްލެޓު މި ޕްރޮޖެކްޓް ތެރޭގައި ހިމެނޭ. ކުރިންވެސް ދެންނެވި ފަދައިން އޭދަފުއްޓަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށަކަށްވާތީ، މި ރަށަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ނާރެހަކަށްވެސް ވެގެންދާނެ ބ އަތޮޅުގައި.
މިނިސްޓަރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް މަސައްކަތް ކުރާ ރިސޯޓާއި ކައިރިން އާއިލާއާއިއެކު ދިިރިއުޅެވޭނެ ގޮތެއް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ ވައުދެއްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ބ އޭދަފުށި ވަށައިގެން ވަރަށް ގިނަ ރިސޯޓުތަކެއް އޮންނަކަމަށެވެ. މި ރިސޯޓުތަކުގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރަމުންދާއިރު، މި ވައުދު ފުއްދުގެ މަސައްކަތުގެ ތެރެއިން، އެ މަސައްކަތް ހިންގަން އޭދަފުއްޓަކީ ރަނގަޅު ރަށެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އޭދަފުށީގައި ތައުލީމީ ފުރުސަތުތައް އެބަހުރިކަމަށާއި، އަދި އޭދަފުއްޓަކީ ސިއްހީ ހިދުމަތްވެސް ފުރިހަމައަށް ލިބޭ ރަށެއްކަމަށެވެ. އެހެންކަމުން އާބާދީ އެއްފަސްކުރެވެމުންދާއިރު، އޭދަފުށި ވެގެންދާނީ ރަނގަޅު ރަށަކަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަންކަމުގެ ސަބަބުން އޭދަފުށި އިތުރައް ތަރައްގީ ވާނެކަމަށާއި، ވަޒީފާގެ ފުރުސަތުތައް ފަހިވެ، އެ ސަރަހައްދުގައި ހުރި ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ދިވެހިންގެ އަދަދުވެސް މަތިންވެގެންދާނެކަމަށް ވިދާޅުވިއެވެ.
އޭދަފުށީގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ރައީސުލްޖުމްހުރިއްޔާގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތަށް ރަނގަޅު ފެށުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް، ރައީސް މުއިއްޒު ދެއްވި ލަފަޔާއި އިރުޝާދަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

