ފްލެޓްތަކުގެ ދާއިމީ ލިސްޓު އާއްމުކުރަން އަދިވެސް ވަގުތު ބޭނުންވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން 15 ނޮވެންބަރު 2023ގައި އިއުލާނުކުރި ފްލެޓް ލިބޭ މީހުންގެ ދާއީމީ ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާންމުން އެންޓި ކޮރަޕްޝަނަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.
އޭސީސީން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު ހައުސިނގ އެޑްވައިޒަރީ ކޮމިޓީއާއި ހައުސިންގ ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެ މަތިން، އެ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖާކުރުމުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީއިން ކުރިއަށްގެންދާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ބަޔާނުގައިވަނީ ކުރިން އާންމު ކޮށްފައިވާ ”ގެދޮރުވެރިޔާ“ ސްކީމުގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންކަން ހުރުމާއިގުޅިގެން މި މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާކަމަށެވެ.
އެހެންކަމުން އެ ސްކީމުގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަންނާއި ގުޅިގެން ކުރިއަށްގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މި މަސައްކަތްތައް ނިމުމުހާ އަވަހަކަށް އާންމުކުރާނެވާހަކަ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަސައްކްތަކަށް އިތުރު މުއްދަތު ދިޔަކަމުގައިވިޔަސް، ސަރުކާރުގެ މަގްސަދަކީ މި ސްކީމުން ފްލެޓް ހޯދުމަށް ހުށައަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަމަށް ކަށަވަރު ކުރުމާއިއެކކު މި ސްކީމުގެ ދަށުން ތަރައްގީކުރާ ފްލެޓްތައް ދޫކުރެވޭނީ ހައްގުވެރީންނަށްކަން ޔަގީންކުރުން ކަމަށެވެ.

