މުޅި ރާއްޖޭގައި ވެސް ވެމްކޯއިން ދޭ ހިދުމަތް އެއްހަމައަކުން، ނުވަތަ އެއް އުސޫލަކުން އަގުކުރެވި ހިދުމަތް ދެވޭގޮތް ކަށަވަރުކުރުމަށްފަހުގައި ނޫނީ އަގުނުނަގާނެ ކަމަށް ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލު ވިދާޅުވެއްޖެއެވެ.
މުޖުތަބާ ވިދާޅުވީ ވެމްކޯ އައު މެނޭޖްމެންޓަކާއިއެކު ފެށުނުތާ މިއަދަށް ގާތްގަނޑަކަށް އަހަރެއް ފުރިގެން ދާއިރުގައި ވަރަށް ގިނަ މަސައްކަތްތަކެއް ހުރި ކަމަށެވެ. އެގޮތުން ވެމްކޯއާއި މިދިޔަ އަހަރު ހަވާލުވީއިރު ވެމްކޯގެ މަސައްކަތްތައް ފެށުމަށް ރާވައި، މުވައްޒަފުންވެސް ނަގާފައި ހުރި ބައެއް ސަރަހައްދުތަކުގައި އެ މަސައްކަތްތައް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ނުކޮށް ހުރި ކަމަށް މުޖުތަބާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ ބޮޑު ދެ ސިޓީކަމަށްވާ ތިނަދޫ އަދި ކުޅުދުއްފުށީ ސިޓީގައި ހިންގާ މަސައްކަތަކަށް މުވައްޒަފުން ނަގާ، 6 މަސް ދުވަސްވަންދެއް މުސާރަވެސް ދީފައިވާކަމަށެވެ. އެހެންނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ހިންގާފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި ކ. މާފުށީގައިވެސް މުވައްޒަފުން ނަގެމަށް ފަހު އެއްވެސް މަސައްކަތެއް ނުކޮށް ހުރިކަން ފާޙަގަވެފައިވަ ކަމަށެވެ.
ކުޅުދުއްފުށީ އަދި ތިނަދޫ ސިޓީގައި ވެމްކޯގެ ހިދުމަތްތަކުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްގެންދާތާ 6 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ. މީގެ އިތުރުން ކ. މާފުށީގައިވެސް މިކަމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައި ކަމަށް އެމްޑީ ވިދާޅުވިއެވެ. އެމްޑީ ވިދާޅުވީ އެންމެ ފުރަތަމަ އަމާޒަކަށްވީ ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ވެމްކޯގެ ހިދުމަތް ތައާރަފްކޮށް އެކަމުގެ މަސައްކަތް އަމަލީގޮތުން ފެށުން ކަމަށެވެ.

