ފެންވަރު ރަނގަޅު ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ދިނުމަށް މާލޭގެ 6 އަވަށާއި އަތޮޅު ތެރޭގައި ސެންޓަރުތައް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސް ނިންމަވާފައިވަނީ ފެންވަރު ރަނގަޅު ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ތަޢާރަފުކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން އެކަން ތަންފީޒުކުރައްވަން ފެއްޓެވުމަށެވެ.
މިނިސްޓްރީ އޮފް ފިނޭންސް އާއި، މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މަޝްވަރާކުރައްވައިގެން މި ސިސްޓަމުގެ ތެރެއިން ޞިއްޙީ ޚިދުމަތުގެ އިސްރާފުތައް ކުޑަކުރެވިގެންދާނޭގޮތަކަށް މި މަސައްކަތް ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނިންމެވިއެވެ.
މީގެ އިތުރުން މާލެ ސަރަޙައްދާއި ރީޖަނަލް، ސިޓީތަކުގައި ސެންޓަރުތައް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސެވުމަށާއި، މި ސެންޓަރުތައް ޤާއިމުކުރުމުގައި، ރައްޔިތުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުމާއި، ސްޕެޝަލިސްޓުންނަށް ދެއްކުމަށް ނަގާ މުއްދަތު ވިހާވެސް އަވަހަށް މާލެ ސަރަޙައްދުގައި ޤާއިމުކުރުމަށްޓަކައި، މިހާރު ޖާގަ ލިބެން ހުރި އިމާރާތްތައް ބަލެފަށްފަހު މި މަސައްކަތް އަވަސްކުރުމަށް ވަނީ ނިންމާފައެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ޤައުމުގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި މި ސަރުކާރުން އަންނަނީ އަވަސް އަދި މުހިންމު ފިޔަވަޅުތަކެއް އަޅަުން ކަމަށެވެ. އަދި މުޅި ޞިއްޙީ ދާއިރާ ޖުމްލަގޮތެއްގައި ތަރައްޤީކުރުމަށް މީހާރުވެސް ވަރަށް ގިނަ ކަންކަން މި ސަރުކާރުން ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެގޮތުން ދާދި ފަހުން ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އަދި ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކާއެކު ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސް ހުޅުވައިދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

