ސީޓު-އެއަރ ކަރގޯ ޙިދުމަތާއި ވަރޖިން އެޓްލާންޓިކް އެއަރލައިންނާއި ގުޅިއްޖެއެވެ.
ސީޓު-އެއަރ ކަރގޯގެ ޙިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްއޭސީއެލްއާއި އެމްޕީއެލް ގުޅިގެން ފަށައިފައިވާ ޙިދުމަތެކެވެ. އެމް.އޭ.ސީ.އެލް.އިން ބުނެފައިވަނީ، ސީޓު-އެއަރ ކަރގޯގެ ޙިދުމަތާއި އެކު ވީ،އައި.އޭއިން ދެމުންދާ ކަރގޯގެ ޙިދުމަތް އިތުރަށް ފުޅާވެގެން ގޮސްފައިވާ ކަމަށެވެ.
ދުނިޔޭގެ ކަރގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީ.އައި.އޭގެ ޙިއްސާ އޮތުމަކީ ރާއްޖޭގެ އިޤްތިސާދަށް އެމް.އޭސީ.އެލްއިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަ ވާނެ ކަމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެމްއޭސީއެލްއިން ބުނެފައިވަނީ، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ، ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށެވެ.
މިއަހަރު މެއިމަހުގެ ތެރޭގައި ފެށި މި ޙިދުމަތުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކޮށްފައިވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގަރމެންޓް ޝިޕްމެންޓްތައް ކަމަށް އެމްއޭސީއެލްއިން ވަނީ ފާހަގަކުރައްވައެވެ. އެގޮތުން މި އަހަރު ހުޅުވުނު ކަރގޯ ޓާމިނަލަކީ މިފަދަ ގިނަ ޚިދުމަތްތަކެއްދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރައްވައެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާއި ވަރޖިން އެޓްލާންޓިކް އެއަރލައިން ގުޅުމާއެކު މިޚިދުމަތް 12 އެއަރލައިނަކުން ގުޅިފައިވާ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އެގޮތުން ސީޓު-އެއަރ ކަރގޯ ޙިދުމަތާއި ގުޅިފައިވާ އެއަރލައިންތަކަކީ:
- ޓަރކިޝް އެއަރލައިންސް
- ގަތަރު އެއަރވޭސް
- އެމިރޭޓްސް އެއަރލައިން
- އިއްތިހާދު އެއަރވޭސް
- އެރޯފްލޮޓް
- ނިއޯސް
- ގަލްފް އެއަރ
- ޑިސްކަވަރ އެއަރލައިންސް
- އޮސްޓްރިއަން އެއަރލައިންސް
- ކޮންޑޯ
- ބްރިޓިޝް އެއަރވޭސް
- ވަރޖިން އެޓްލާންޓިކް

މި މަސައްކަތަކީ އެމް.އޭސީ.އެލްގެ އޮޕަރޭޝަން ފުޅާކޮށް ރާއްޖޭގެ އިޤްތިސާދު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަހަރު މުޅިން އަލަށް ތަޢާރަފްކުރެވުނު ޙިދުމަތެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މި އަހަރު ހުޅުވުނު ކަރގޯ ޓާމިނަލްއަކީ އެފަދަ ގިނަ ޙިދުމަތްތަކެއްދެވޭ ފެންވަރަށް ތަރައްޤީކުރެވިފައިވާ ޓާމިނަލް އެއް ކަމަށެވެ. އެމް.އޭ.ސީ.އެލް.އިން ބުނެފައިވަނީ ސީޓު-އެއަރ ކަރގޯގެ ޙޮދުމަތުގެ ތެރެއިން އެއްހާސް ޓަނުގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.

