މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ހިންގުން ފަދަ ވިޔާފާރީގެ ތެރެއަށް ވަނުން ރަނގަޅު ނޫންކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ކ. މާފުށީގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ގެސްޓް ހައުސްގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް ނިންމާފައިވާކަން ހާމަކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލެވެ.
މާފުށީގައި ހަލާލް ޓޫރިޒަމް ހިންގަން ފެށުމަށް ނިންމާފައި ވަނީ ކުންފުނި ވަރަށް ބޮޑަށް ގެއްލުމުގައި ހިންގަން ޖެހިފައިވާތީކަމަށް ޝަކީލް ވިދާޅުވި އެވެ.
އެ ނިންމުމާއި ގުޅޭގޮތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސުވާލު ކުރުމުން ޒަމީރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސްއެއް ހިންގުމަކީ އެންމެ ރަނގަޅު ގޮތްތޯ ނުވަތަ ފައިދާ ހުރި ގޮތްތޯ ވިސްނާލުން މުހިންމުކަމަށެވެ.
އާންމު ގޮތެއްގައި ފަނޑު އެކްސެސް ހުރެއްޖެކަމަށްވެއްޖެއްޔާ އެކަމުގެ ސްޕެޝަލިސްޓުންނާއި ހަވާލުކޮށްގެން.. ފަންޑު މެނޭޖުކޮށްގެން.. އޭގެ ފައިދާ ކުންފުންޏަށް ހޯދައިފިކަމަށްވެއްޖެއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެކަމަށް މި ފެންނަނީ..
ޒަމީރު ވިދާޅުވީ ފަތުރުވެރިކަމަށް އިންވެސްޓު ކުރެވޭނެ ކުންފުނިތައް ސަރުކާރުގތެރޭގައި އެބަހުރިކަމަށެވެ. އެހެންކަމުން އެކި ކުންފުނިތަކުން ނިކުމެ ރިސޯޓުތައް ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ޒަމީރު ވިދާޅުވި އެވެ.

