ޒުވާނުންގެ ހުނަރުތައް އިތުރުކުރުމަށްތަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮމިއުނިޓީ ސެންޓަރތައް ޤާއިމުކުރުން މުހިންމު ކަމަށް ޔޫތު މިނިސްޓްރީ ބުނެފިއެވެ.
ރައްޔިތުން މަޖިލިހުގެ އިޖްތިމާއި ކޮމެޓީގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މެމްބަރ ވަނީ ދީނަށް ލޯބިކުރާ އަޙްލާގް ރަނގަޅު ރިވެތި ޒުވާނުންތަކެއް އުފެއްދުން ޔޫތު މިނިސްޓްރީގެ މެންޑޭޓާގައި ހިމެނޭ ކަމަށް ފާހަގަކުރައްވައިފައެެވެ. އަދި އެކަން ކުރުމަށްޓަކައި ޔޫތު މިނިސްޓްރީން ކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތު ދެއްވުމަށް ވަނީ އެދިފައެެވެ.
މިކަމާއި ގުޅިގެން އެ ވުޒާރާއިން ބުނެފައިވަނީ ރާއްޖޭގައި އޮންނަގޮތުން ނަމަ، މަދަރުސާތަކުގައި ސިވިކް އެޑިއުކޭޝަން ނޯންނަ ކަމަށާއި ވޮކޭޝަނަލް ޓްރޭނިން ހުރި ނަމަވެސް، އެތަނުން ފުރުސަތު ލިބެނީ ވަރަށް މަދު ދަރިވަރންނަށް ކަމަށެވެ. އަދި ސްކޫލް ނިންމުމަށްފަހު ހަޔަރ އެޑިއުކޭޝަނަށް ދާން އޮންނަ މުއްދަތުގެ ތެރޭގައި ހުސްކަމެއް އަންނައިރު، އެ ހުސްކަން ފިލުވުމަށް ޔޫތު މިނިސްޓްރީ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކަމާއި ގުޅުހުންހުރި ޕްރޮގުރާމްތައް ކުރިއަށް ގެންގޮސް ޒުވާނުން ބާރުވެރި ކުރުމަށްޓަކައި މަސައްކަތް ކުރައްވަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އާބާދީގެ 42 ޕަސެންޓަކީ 18 އަހާރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށާއި އޭގެ ތެރެއިން މާލެ ސަރަހައްދުގައި 26،000 އަދި އަތޮޅު ތެރޭގައި 27،000 ޒުވާނުން ހިމެނިގެންދާނެ ކަމަށް އެ މިނިސްޓްރީ އިން ވަނީ މައުލޫމާތު ދެއްވައިފައެވެ.
އެހެންކަމުން ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް ތަމްރީނު ޕްރޮގުރާމް ހިންގުމަށްޓަކައި މާލެ ސަރަހައްދުގައި އާއި އަތޮޅު ތެރޭގައި ޖާގަ ބޭނުންވާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. މާލެ ސަރަހަށްދަށް ބަލާއިރު، ޖާގައިގެ ދަތިތައްހުރި ކަމަށާއި އެހެން ނަމަވެސް ކެބިނެޓްގެ ނިންމުމާއެކު މުލިއާގޭގެ ވެހިކަލް ގާރަޖު ލިބިފައިވާ ކަމަށް ވަނީ ވިދާޅުވަފައެވެ. އެހެންކަމުން ޒުވާނުންގެ ހުނަރުތައް އިތުރުކުރުމަށްޓަކައި މުލިއާގޭގެ ވެހިކަލް ގާރަޖު ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ.
ޒުވާނުންގެ ހުނަރުތައް އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮމިއުނިޓީ ސެންޓަރުތައް ހެދުން މުހިންމު ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ލައިބްރަރީ ފެސިލިޓީތައް ކޮމިއުނިޓީ ފެންވަރުގައި ހެދުން މުހިންމު ކަމަށް ވަނީ ވިދާޅުވެފައެވެ.

