ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ: ދައުލަތުގެ ފަޔަށް ހެރިފައި ހުރި ކައްޓެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުވާންޖެހޭ!

ފެނަކަ ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ ހަތަރު އަތޮޅެއް ފިޔަވާ އެހެން ހުރިހާ ރަށްތަކަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެވެ.

ކޮންމެ ސަރުކާރެއްގައިވެސް ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަމާޒުވާ އެއް ކުންފުޏްޏަކީ ފެނަކަ ކޯޕަރޭޝަނެވެ. އެގޮތުން ފެނަކައަކީ ދައުލަތަށް ބުރައަކަށްވެފައިވާ ކަމާއި، ފެނަކަ ކުންފުނީގެ އެތެރޭގެ ކޮރަޕްޝަންގެ ވާހަކައަކީ ޒަމާންތަކެއް ވަންްދެން އަޑުއިވި، ބާވެފައިވާ ވާހަކަތަކެކެވެ.

މިދިިޔަ ސަރުކާރުގައިވެސް އެންމެ ބޮޑަށް ކޮރަޕްޝަނާއި، ނާޖާއިޒް މަންފާ ހޯދައި ދިނުމުގެ ތުހުމަތުތައް ކުރެވުނު އެއް ކުންފުންޏަކީ ފެނަކަ ކުންފުންޏެވެ. އެގޮތުން އިންތިޚާބުތަކާ ދިމާކޮށް ވަޒީފާ ބަހާ މެޝިނެއްގެ ގޮތުގައި ފެނަކައިގެ ބޭނުންކޮށްފައިވާ ކަމާއި، ނުއަގުގައި، ދައުލަތަށް ބުރައަކަށްވާގޮތަށް ބޮޑެތި އެތައް މަޝްރޫއުތަކެއް ހިންގާފައިވާކަމާއި، އިއުލާނު ކުރުމެއް ނެތި ޕްރޮކިއުމަންޓުުގެ އުސޫލުތަކާ ޚިލާފަށް އެތައް މަޝްރޫއެއް ޙަވާލުކޮށްފައިވާކަމާއި، މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. އޭރުވެސް ފެނަކަ ކުންފުންޏަކީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި އާންމުން ދިޔައީ ސިފަ ކުރަމުންނެވެ.

އާންމުވެފައި ހުރި އެކިއެކި ހިސާބުތަކަށް ބަލާއިރު، މަޝްރޫއުގެ އަގެއް ބެލުމެއް ނެތި، ހަމައެކަނި ނަމަކަށް ފަށާފައިވާ މަޝްރޫއުތަކުގެ އަގު 400 އެތައް މިލިއަން ރުފިޔާއަށް އަރައެވެ. މުޅިންވެސް ދައުލަތަށް އިތުރު ބުރަތަކާއި ތަކްލީފުތަކެވެ.

ކަން އެހެން އޮއްވައި ވެރިކަން ބަދަލުވެ، މި ސަރުކާރުންވެސް އެންމެ ބޮޑު އެއް ވައުދެއްވި އެއް ކަމަކީ ފެނަކަ ކުންފުނީގެ ހިންގުން ބަދަލުކޮށް، ދައުލަތަށް ފައިދާވާ ކުންފުންޏަކަށް ފެނަކަ ކުންފުނި ހެދުމެވެ. ވެރިކަމުގެ ކުރީކޮޅު ފެންނަމުން ދިޔަ މަންޒަރުތަކުން އެކަން އެމަގުން ޙާސިލުވެދާނެ ކަމުގެ އުއްމީދުތަކެއްވެސް ލިބިގެން ދިޔައެވެ.

ވަކިން ޚާއްސަކޮށް ފެނަކައިގެ ސަތޭކަ އިންސައްތަ ހިއްސާ އެސްޓީއޯއިން ގަނެ، އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހެދުމަށް ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކުރުމާއެކު، ސަރުކާރުން މި މަސައްކަތާމެދު ”ސީރިއަސްކަން“ ފެނިގެންދިޔައެވެ.

އެހެންނަމަވެސް އެކަންވެސް މިވަނީ ފަނުފުލުން ގޮސްފައެވެ. އެގޮތުން ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލު ނުކުރަން ސަރުކާރުން މިހާރު ނިންމާފައިވާއިރު، އެކަމުގައި ދެވަނަ ވިސްނުމަކަށް ގޮސް ސްޓެލްކޯގެ ދަށަށް ފެނަކަ ބަދަލުކުރެވޭނެ ގޮތްތަށް ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކި މަަހައްލުތަކުގައި ދައްކާ ވާހަކަތަކަށް ބަލާއިރު، ދެންމެ ދެންމެ އެ ބަދަލުވެސް ގެނެސްދާނެހެން ހީވެއެވެ. ނަމަވެސް އެކަމުގައި ދުވަސްތައް ހޭދަވަމުންދާތީ، ފަހަރުގައި އެއީ ހިޔާލީ ފޮލައަކަށް ވެދާނެކަމަށްވެސް ދެކޭ ރައްޔިތުން މަދެއް ނޫނެވެ.

ނުވިތާކަށް ފެނަކައަކީ ރާއްޖޭގެ ވަރަށް ގިނަ އާއިލާތަކާ ސީދާ ގޮތެއްގައި ގުޅިފައިވާ ކުންފުންޏެއްކަމަށްވާއިރު، ފެނަކަ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވެގެން ދިޔަ ދިއުމާއެކު، ކުންފުންްޏާމެދު ހުރި ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން މާލީ ވަޒީރުވެސް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުން ދޭހަވެގެން ދިޔަ ކަމަކީ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ދިނުމަށް މާލީ އިދާރާއިން ކުރަން ޖެހޭ މަސައްކަތްތައް ވަނީ ކުރެވިފައި ކަމެވެ. ދެން ސުވާލަކީ މުސާރަ ދިނުން ލަސްވެފައިމިވަނީ ކުންފުނީގެ އެތެރޭގެ ހިންގުން ބޮއްސުންލައިގެން ގޮސްފައިވާތީތޯއެވެ؟ ނޫނީ އެކަމުގެ ހަގީގީ ސަބަބަކީ ކޮބައިތޯއެވެ؟

ކޮންމެއަކަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ތާއަބަދު ފެނަކަ ކުންފުންޏަކީ ދައުލަތުގެ ފަޔަށް ހެރިފައިވާ ކަށްޓަކަށް ވެފައި އޮވެގެން ނުވާނެ ކަމެވެ. އެކަން ބަދަލުވާން ޖެހޭ ކަމެވެ. ސަރުކާރު ކުންފުނިތަކުން ރައްޔިތުންނަށް ފައިދާ ވުމުގެ ބަދަލުގައި، އެއީ އިންތިޚާބީ ”ޓޫލަކަށް“ ވެފައި އޮންނަ އޮތުން އެއީ ބަދަލުވާންޖެހޭ ކަމެކެވެ. ފެނަކައާމެދު ޒަމާނުއްސުރެ މި އޮތް ތަސައްވުރު ބަދަލުކޮށްލާނެ ފަދަ ވަރުގަދަ ނިންމުންތަކާއި ސިޔާސަތުތަކެއް ދެކެން ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.

ވަރަށް ގަދަ
55%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 27%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: