ކ. ދިއްފުށީގައި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތް ދޭން ފަށައިފައިވާ ކަމަށް ފުލުހުންގެ ޙިދުމަތުން ބުނެފިއެވެ.
ދިއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިއްފުށި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ދިއްފުށި ކައުންސިލު ރައީސް އިބްރާހީމް ސުނިލްއެވެ. ދިއްފުށި ޕޮލިސް ޕޯސްޓު ހުޅުވައި ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސުނިލްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ ޝުޖާއުއެވެ.
ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ދިއްފުށި ކައުންސިލާއި މުއްސަސާތަކުގެ މުވައްޒަފުންނާއި އާންމު ބައެއް ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިއްފުށީގައި ފުލުހުންގެ ޚިދުމަތްދޭން ފަށާފައިވާއިރު މި ފަސް އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
އެގޮތުން މި އަހަރު ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ވަނީ ޕޮލިސް ފޯޓް ހުޅުވައިދެއްވައިފައެވެ.

