ކައުންސިލްތަކުން އިސްނަގައިގެން ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ހިންގާ މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން އެހީތެރިވާން ނިންމައިފި އެވެ.
މިއީ ދުންފަތް ކޮންޓްރޯލްކޮށް މުޖުމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރު ދިނުމަށް ނިންމަފައިވާ ނިންމުމެކެވެ. ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ވީހާވެސް ރޭވުންތެރިކަމާއި އެކު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ލިބޭނީ ދެމެހެއްޓެނިވި ގޮތެއްގައިކުރިއަށް ގެންގޮސްގެން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް 5 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ވަނީ ވިދާޅުވި އެވެ. މި ޕްލޭން އެކުލަވާލުމުގައި ކަމާބެހޭ އިދާރާތަކުގެ އިތުރުން، ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ވެސް ހޯދުމަށް ނިންމައިފައިވާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމަށް ރަށުފެންވަރުގައި އެންމެ ރަނަގަޅު މަސައްކަތަތަށް ކުރާ ކައުންސިލްތަކަށް އެދާއިރާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޕްލޭންގައި ހިމަނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް 5 އަހަރުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްފަށާފައިވާއިރު، ’ދަފަރާ‘ ގެ ނަމުގައި ދުންފަތާ ދެކޮޅު ޚާއްޞަ ކެމްޕެއިނެއް އެޗްޕީއޭ އިން ވަނީ ފަށައިފައެވެ. މި ކެމްޕެއިންގެ ތެރެއިން މިހާތަނަށް ނ، ތ، ލ، އަދި ސ އަތޮޅުގައި ވަނީ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

