ވޭޕު ކުރުމަށް ބޭނުންކުރާ އާލާތްތައް ހިލޭ ބެހިޔަސް ޖޫރިމަނާކުރާނެކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން ރައްޔިތުން ދުރުހެލިކުރުމަށާއި ސަލާމަތްކުރުމުގެ ނިޔަތުގައި ސަރުކާރުންވަނީ މުހިންމު ފިޔަވަޅުތަކެއް ތަންފީޒުކުރުމަށް ނިންމާފައެވެ. އެގޮތުން މިކަމަށް ބާރުދިނުމުގެ ގޮތުން ގެނެސްފައިވާ ގާނޫނީ އިސްލާހުތަކުގެ ދަށުން ކަނޑައެޅިގެންދާ ގަވައިދަކުން ދައުލަތުގެ ހުރިހާ އިދާރާތައް ހިންގާ އިމާރާތްތަކާއި ގޯތިތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައިވާކަމަށާއި މީގެ ކުރިންވެސް މިއީ ބަޔާންކޮށް ކަނޑައެޅިފައިވާ އުސޫލެއް ކަމަށެވެ.
ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހަށްފަހު ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުން މަނާކުރެވިފައިވާކަމުގެ މައުލޫމާތު ދިންއިރު މިފަދަ ތަކެތި ވިއްކާ ތަންތަނުގެ އިތުރުން އެއްތަނުން އަނެއްތަނަށް އުފުލާ ހަދާއިރު އާންމުކޮށް ނުފެންނަ ގޮތަށް ބެހެއްޓުމަށްވެސް ލާޒިމުކޮށްފައިވާކަމަށެވެ. އަދި ރާއްޖެއަށް ދުންފަތުގެ ބާވަތެއް އެތެރެކުރާއިރުގައާއި ބޭރުކުރާއިރުމުގެ އިތުރުން ރާއްޖޭގައި އެތަކެތި ވިއްކާއިރު ވިޔަފާރިކުރުމުގެ އާންމު ހުއްދައިގެ އިތުރުން ހެލްތު މިނިސްޓްރީއިން މިކަމަށް ހާއްސަ ހުއްދައެއްވެސް ހޯދަންޖެހޭނެކަަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
ގާނޫނީގޮތުން އެޅުމަށް ކަނޑައެޅިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުންވެސް ހިމެނެއެވެ. މިގޮތުން ވޭޕްގެ އާލާތްތަކާއި ސާމާނު ރާއްޖެއަށް އެތެރެކޮށްފި ހާލަތެއްގައި 50،000 ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާކުރެވޭނެއިރު ކޮންމެ އާލާތަކަށް 10،000 ރުފިޔާ ނެގުމަށް ކަނޑައެޅިފައިވާކަމަށެވެ. މިފަދަ ތަކެތި ވިއްކައިފި ހާލަތެއްގައި 20،000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް މިނިސްޓްރީއިން ބުނެފައިވާއިރު ކޮންމެ އާލާތަކަށް 10،000 ނަގާނެކަމަށްވެސް ހިއްސާކޮށްފައިވެއެވެ.
މިފަދަ ތަކެތި ހިލޭ ބަހައިފި ނަމަވެސް ޖޫރިމަނާކުރާނެކަން މިނިސްޓްރީން އާންމުކޮށްފައިވެއެވެ. އެގޮތުން 10،000 ރުފިޔާ ނަގާނެއިރު ވޭޕު ބޭނުންކުރާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި 5،000 ރުފިޔާ ނަގާނެކަމަށް ބުނެފައިވެއެވެ. ކުޑަކުއްޖަކަށް ވިއްކައިފި ހާލަތުގައި ނުވަތަ ހިލޭ ބަހައިފި ހާލަތުގައިވެސް ޖޫރިމަނާ ނަގާނެކަމަށާއި އެގޮތުން އިސްވެ ބަޔާންކުރި ޖޫރިމަނާގެ އިތުރުން 50،000 ރުފިޔާ ނަގާނެކަމަށެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނެވިފައިވާ އިސްލާހުގެ ދަށުން އެކުލަވާލަން ޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ ގަވައިދުތަކާއި އުސޫލުތައް ފަރުމާކުރުމަށްޓަކައި ސުންގަޑިއެއްވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން 15 ނޮވެމްބަރުން ފެށިގެން 60 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ މަސައްކަތްތައް ނިންމާލުމަށް މިނިސްޓްރީއިން ރާވާފައިވެއެވެ.
މިނިސްޓްރީއިން ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ކޮންމެ ސިނގިރޭޓެއް ނުވަތަ ބިޑިއަކަށް 8 ރުފިޔާ ދައްކަންޖެހޭނެއިރު އަގުގެ 50 އިންސައްތަ އިމްޕޯޓު ޑިއުޓީގެ ގޮތުގައިވެސް ދައްކަންޖެހޭނެއެވެ. އަދި އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން އިމްޕޯޓު ޑިއުޓީއިން އިނާޔަތް ލިބޭ ތަކެތީގެ ލިސްޓުން ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށްޓަކައި ބޭނުންކުރާ އާލާތްތައް އުނިކުރެވިފައިވާކަމުގެ މައްޗަށްވެސް މިނިސްޓްރީއިން އަލިއަޅުވާލިއެވެ.

