އިންޓަރނޭޝަނަލް ލަގްޝަރީ ޓްރެވަލް މާކެޓު (އައިއެލްޓީއެމް) ގެ އެންމެ މުހިންމު އިވެންޓުކަމަށްވާ އައިއެލްޓީއެމް ކޭން 2024 ގައި އެމްއެމްޕީއާރްސީއިން ރާއްޖެ ތަމްސީލުކޮށްފިއެވެ.
އެމްއެމްޕީއަރްސީއިން މައުލޫމާތު ދީފައިވާގޮތުން އެ ކުންފުނިން ވަނީ ރާއްޖެއިން ލިބޭ ލަގްޝަރީ ހިދުމަތްތައް އައިއެލްޓީއެމް ކޭން 2024 ގައި ދައްކާލާފައެެވެ.
ފަރަންސޭސިވިލާތުގެ ކޭންގައި މި ފެއަރ ކުރިއަށް ގެންގޮސްފައި ވަނީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއެމްޕީއާރުސީއާއި އެކު މި ފެއަރ ގައި ފަތުރުވެރިކަމުގެ ދާއިރާގެ 7 ކުންފުންޏަކުން 12 މަންދޫބެއް ބައިވެރިވެފައިވެއެވެ.
އެގޮތުން އަލީލާ ކޮތައިފަރުގެ އިތުރުން އަމިއްލަ ފުށި، ބްލިސް މޯލްޑިވްސް އަދި ފިނޮޅު ބާ އެޓޯލް މޯލްޑިވްސްއާއި ޖޭއޭ މަނަފަރު އާއި ނޯޓިލަސް މޯލްޑިވްސް އަދި ވިލާ ރިސޯޓްސްއިން ބައިވެރިވި އެވެ.
އެމްއެމްޕީއާރުސީން ބުނީ މި ޝޯއަކީ ޕްރިމިއަރ ލަގްޝަރީ ޓްރެވަލް ޓްރޭޑް ޝޯއެއްކަމަށެވެ. އަދި މި ޝޯގައި ބައިވެރިވުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުން އައިސްފައިވާކަމަށާއި އޭގެ ތެރޭގައި ޓްރެވަލް އެޑްވައިޒަރުންނާއި ލަގްޝަރީ ޓްރެވަލް ބްރޭންޑުތައްވެސް ހިމެނޭކަމަށް ހާމަކޮށްފައިވެއެވެ.

