ކޮންމެ ސަރުކާރަކުން ފެށިނަމަވެސް ރާއްޖޭގައި ހިންގާ މަޝްރޫޢުތައް އިހުލާސްތެރިކަމާއިއެކު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ދެއްވައިފިއެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާގޮތުން ނައިބުރައީސް ލަތީފްވަނީ ކޮންމެ ސަރުކާރަކުން ފެށި މަޝްރޫޢުއެއްނަމަވެސް މި ސަރުކާރުން އެ މަޝްރޫޢުތަކަށް އިހުތިރާމްކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ މަސައްކަތްތައް ނިންމައިދޭނެކަަމަށާއި މިވާހަކަތައް އެމަނިކުފާނު ދެއްކެވީ އއ އުކުޅަހުގައި ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައިކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އުކުޅަހުގެ ބޯޅަދަނޑަކީ އެކަމުގެ ނަމޫނާއެއްކަމަށާއި އެގޮތަށް ނުނިމި ހުރި ހުރިހާ ދަނޑުތަކެއް މި ސަރުކާރުން ނިންމައިދޭނެކަމަށެވެ. ނައިބުރައީސް ވިދާޅުވީ، ޒުވާނުންނަކީ ރާއްޖޭގެ ހަކަތަ ކަމަށާއި ޒުވާނުން، ޒުވާނުންގެ ގޮތުގައި މި ސަރުކާރުން ބަލައިގަންނާނެކަމަށެވެ. ނައިބުރައީސް ލަތީފް ވިދާޅުވީ، އެހަކަތައިގައި ވަރު ނެތްނަމަ ދިވެހިރާއްޖެ ނުހިނގާނެކަމަށާއި ޒުވާނުންގެ އަޑުއަހައި އެދޭ ކަންކަން ފުރިހަމަކުރުމަށް ސަރުކާރުން އަހައްމިއްޔަތު ދޭކަމަށެވެ..
ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދަނޑުގެ ސްޓޭޖު ކުރިމަތީގައި ދަމާފައިވާ ރިބަންފަށް ކަނޑުއްވާލައްވާފައެވެ. އަދި ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ބޭނުންކުރި ބޯޅައިގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސޮއިކުރައްވާފައިވެއެވެ. ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ވާދަކުރީ، ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ލެޖެންޑުންގެ ޓީމަކާއި، އުކުޅަހު ޒުވާނުންގެ ޓީމެކެވެ.

