ސިޔާސީ މަގާމުތަކުގައި މީހުން ބައިތިއްބައިގެން ވެރިކަން ވަރުގަދަކުރުމަށްޓަކައި އާންމު ރައްޔިތުންގެ ޖީބަށް އަތްކޮށްޕައި ޖީބުތައް ހުސްކޮށްލަމުންދާ މަންޒަރު ފެންނަމުންދާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގޭގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ޗެއަރޕާސަން ފައްޔާޒްވަނީ، އެ ޕާޓީއިން ގާނޫނުއަސާސީގެ ދިފާއުގައި ނުކުތުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން އެކަން ކުރަނީ ކީއްވެތޯ ބައެއް ފަރާތްތަކުން އަހަމުންދާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. ފައްޔާޒް ވިދާޅުވީ، އެއީ ކުރެވޭ ސުވާލެއްކަމަށް ގަބޫލުނުކުރައްވާކަމަށާއި ރާއްޖޭގައި މިހާރު އޮތް ގާނޫނުއަސާސީ ހޯދީވެސް އެމްޑީޕީއިންކަން އަދި ދިފާއުކުރާނީވެސް އެމްޑީޕީއިންކަން ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެކަމަށެވެ.
އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ ބާރުތައް ދަމަހައްޓައި ހިފެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް އެމްޑީޕީއިން ކުރާނެކަން ރައްޔިތުންނަށް ރަނގަޅަށް ސާފުވާނެކަމަށެވެ. ފައްޔާޒް ވިދާޅުވި، ގާނޫނުއަސާސީއިން ލިބިދީފައިވާ ހައްގުތައް ހޯދީ ކުޑަ މަސައްކަތަކުން ނޫންކަމަށާއި އެކަން ކުރީ އެތައް އަހަރެއްގެ މަތިން އެތައް ދިވެހި ރައްޔިތުންނެއް އެތައް ގުރުބާނީއެއްވެގެންކަމަށެވެ. އ
ފައްޔާޒް ވިދާޅުވީ، މި ގާނޫނުއަސާސީ ހޯދީ އެތައް ބައެއްގެ ފުރާނަވެސް ގެއްލިގެންދިއުމަށްފަހުކަމަށާއި މިއަދު ވެރިކަމުގައި ތިބީ އެ ގާނޫނުއަސާސީ ގެނެއުމާއި ދެކޮޅަށް ވަރަށް ބުރަކޮށް މަސައްކަތްކޮށް ރައްޔިތުންނާއިމެދު ވަރަށް އަނިޔާވެރިކޮށް އަމަލުކުރަމުންދިޔަ ބައެއްކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކުގެ އަތް މައްޗަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް މަސައްކަތްކުރުމުން ހައިރާން ނުވާކަމަށާއި މިވާހަތަކަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެ ޕާޓީން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތައްކަމަށެވެ.
ނަމަވެސް ޕާޓީގެ ތެރޭގައި އުފެދިފައި އޮތް ފިތުނައާއި ޖަޒުބާތުތަކުގެ ތެރެއިންގޮސް ރަނގަޅަށް އިންސާފުވެރިކޮށް ހިނގަމުންދިޔަ ގައުމަކާއި އިގްތިސާދެއްވަނީ މޮޔައެއްގެ އަތްމައްޗަށް ދެވިފައިކަމަށް ފާހަގަކުރެއްވިއެވެ. އަދި މިއަދު ރައްޔިތުންނަށް މިއަދު ކުރިމަތިވެފައިވަނީ ”މޮޔައެއްގެ އަތަށް ކަނޑިއެއް“ ދިނުމުން ތަހައްމަލުކުރަންޖެހޭނެ ހިތާމަވެރިކަން ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ފެންނަމުންދަނީ އާދައިގެ ރައްޔިތުންގެ ދިރިއުޅުމާއިމެދު އެއްވެސް ވިސްނުމެއް ނެތި ސަރުކާރުން ކަަންކަން ކުރަމުންދާ މަންޒަރުކަމަށާއި ސިޔާސީ މަގާމުގައި މީހުން ބައިތިއްބައިގެން ވެރިކަން ވަރުގަދަ ކުރުމަށްޓަކައި އާންމު ރައްޔިތު މީހާގެ ޖީބަށް އަތްކޮށްޕައިގެން ޖީބު ހުސްކޮށްލާ މަންޒަރު ފެނިގެންދާކަމަށެވެ.
އޭނާ ވިދާޅުވީ، ސިނގިރޭޓުން އެތައް ގުނައަކަށް ޑިއުޓީ ބޮޑުކޮށްފައިވަނީ ރައްޔިތުންގެ ސިއްހަތާއިމެދު ރައީސް މުއިއްޒު ކަންބޮޑުވެވަޑައިގަންނަވާތީ ނޫންކަމަށާއި އެހެން ގައުމުތަކުގައި އެކަންކޮށްފައިވަނީ އެތައް ޒަމާނެއްވަންދެން ރައްޔިތުންގެ ގާތުގައި އެކަމަށް ވަކާލާތުކޮށް ރައްޔިތުން އަމިއްލައަށް އެކަމާއި ދުރުހެލި ކުރުވައިގެންކަމަށެވެ. އަދި ސިނގިރޭޓުބޯ މީހުންނަކީ އަގުބޮޑުކުރިޔަސް އަދި އެކަމާއި ދުރުވާނެ ބައެއް ނޫންކަން ސަރުކާރަށް އެނގޭކަމަށްވެސް ވިދާޅުވިއެވެ.

