އިގްތިސާދު، މާލީ އަދި އިޖްތިމާއީ ހާލަތަކީ ނުސީދާގޮތުން ގުޅިފައިވާ ތިންކަމެވެ. އެއްކަން ގޯސްވެގެންދިއުމާއިއެކު އަނެއް ދެކަމަށްވެސް އަސަރު ފޯރުމުގެ ފުރުސަތު އޮވެއެވެ. މިގޮތުން ބަލާއިރު، ރާއްޖެ އޮތީ އިގްތިސާދީ، އިޖްތިމާއީ އަދި މާލީ އަނދަވަޅެއްގެ މަތީ ބޯދިއްކޮށްގެންކަމަށް ބުނުމަށް ފުރުސަތު އެބައޮތެވެ. ހާލަތު މެދުވެރިކުރުމުގެ ޒިންމާ ކޮންމެ ސަރުކާރެއްގެ މައްޗަށް އެޅިގެންދިޔަނަމަވެސް، ހާލަތުން އަރައިގަތުމުގެ ބުރަތަކާއި ހަވާލުވާންޖެހުނީ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރަށެވެ.
2024 ވަނަ އަހަރު ފެށިގެންދިޔައީ އުންމީދީ ކުލަވަރުތަކަކާއިއެކުއެވެ. އިޖްތިމާއީ އެތައް ހައްލުތަކެއް ގެނެސްދެއްވުމުގެ ފޮނި އުންމީދުތައް ސަރުކާރުން ކުރަމުން އައެވެ. މިއަދުވެސް ސަރުކާރު އޮތީ އެ ހުވަފެން ސީދާކުރުމަށްޓަކައި ފުރުސަތަކަށް ބަލަބަލައެވެ. ސަރުކާރުންދަނީ އެ މަންޒިލާއި ހިސާބަށް ވާސިލުވުމުގެ ގޮތުން މަގުކޮށަމުންނެވެ. އެންމެ ބޮޑު ހުރަހެއްގެ ގޮތުގައި އޮތީ ދިވެހިރާއްޖޭގެ އިންތިހާއަށް ގޯސް މާލީ ހާލަތުކަމަށްވާއިރު، ތަނަވަސްކަމާއި ހިސާބަށް ވާސިލުވުމަށްޓަކައި އޮތްގޮތަކީ އިގްތިސާދު ކޮޅަށް ޖަހައި އެ ހަރުފަތުގެ ބޭނުން ހިފުމެވެ. ވޭތުވެދިޔަ އަހަރު ދުވަސް ހޭދަކޮށްފައިވަނީ އެ ހަރުފަތް ކޮޅަށް ޖަހައި، މަރާމާތުކޮށް ބޭނުން ހިފޭ ހާލަތަށް ގެނައުމުގައެވެ. އަދި އެއީ ރައްޔިތުންނަށްވެސް ފައިދާވަނިވި ގޮތެއްގެ މަތިން ބިނާކުރެވޭ އެއްޗެއްގެ ގޮތުގައި ބައްޓަންކުރުމަށްވެސް މަސައްކަތްތައް ކޮށްފައިވެއެވެ.
އަހަރު ފެށިގެންދިޔައީ ސަރުކާރަށް ނާއުންމީދީ ގޮތެއްގެ މަތިންނެވެ. އެންމެ ފުރަތަމަވެސް އިވިގެންދިޔައީ އަހަރުގެ ބަޖެޓު އެކުލަވާލުމުގެ ތެރޭގައި ނިމިދިޔަ ސަރުކާރުން، އައު ވެރިންނަށް ލަނޑެއް ދޭން މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ވާހަކައެވެ. ސަރުކާރުގެ އެންމެ މުހިންމު އަމާޒުތަކަށް ވާސިލުވެވޭނެ މަގު ނުހިމަނާ ބަޖެޓު އެކުލަވާލުމުގެ ސަބަބުން ޖެހުނީ ބައެއް ކަންކަން މަޑުޖައްސާލަންށެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރި ނުކަނޑާކަމުގެ އަޑުތަކާއި، މުހިންމު ސިނާއަތުތަކުގެ މަސައްކަތްތެރިންނާއިމެދު އިހުމާލުތައް ވަމުންދާކަމުގެ އަޑުވެސް ފެތުރުނެވެ. ސަރުކާރަށް ޖެހުނީ އެ އޮޅުންތައް ފިލުވުމަށާއި، މައްސަލައިގެ މުލުގައިވާ ހަގީގަތްތައް ސާފުކޮށްދިނުމަށްޓަކައި މަސައްކަތްތައް ފަށަންށެވެ. އަދި ނުރުހުންތަކެއް އަމާޒުވިނަމަވެސް، ހައްލެއް ހޯދުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންށެވެ.
48 ގަޑީރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ހަވާލުކުރަން ބޮޑެތި އުންމީދުތަކާއި ވައުދުތަކެއް ވެގެން ވެރިކަމަށް ވާސިލުވި ސަރުކާރަށް މި މަސައްކަތްތައް ވައުދާއި އެއްގޮތަށް ކުރިއަށް ގެންދިއުން ވެގެންދިޔައީ ހިރާސްތައް ގިނަ މަގަކަށެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވިގެންދިޔައީ ދިވެހިރާއްޖޭގެ މާލީ ހާލަތު، އަދި އެ މަސައްކަތްތަކާއި ހަވާލުވެފައިވާ ކުންފުނީގެ ހިންގުންތެރިކަން ދަށްވުމެވެ. ވެރިކަމާއި ހަވާލުވުމުގެ ކުރިން އިދިކޮޅުގައި ތިބިއިރު، މިހާރުގެ ސަރުކާރުގެ އިސްވެރިން ދިޔައީ ރާއްޖޭގެ އިގްތިސާދު އަޑިއަޅާލަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނަމަވެސް،. އޭރު އޮތް ސަރުކާރުންދިޔައީ އެ ވާހަކަތައް ދޮގުކުރަމުންނެވެ. ރައްޔިތުންނަށްވެސް އޮތީ ހަގީގަތް ފޮރުވާފައިކަމަށް ދެންނެވުމަށް ފުރުސަތު އެބައޮތެވެ.
އެހެންކަމުން ވެރިކަމާއި ހިސާބަށް ވާސިލުވެ، ތަޅުލާފައި ހުރި ފޮށިތައް ހުޅުވާލުމުން އައު ސަރުކާރަށް ސިހުންތަކެއް ލިބިގެންދާނެއެވެ. މާލިއްޔާތު އޮތީ ހުސްކޮށްލާފައިކަމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން އިވިގެންދިޔައިރު، ދަރަނީގެ ދަންތުރައެއްގައި ރާއްޖެ ހަގީގަތުގައިވެސް ޖެހިފައި އޮތްކަމަށް ފެނިގެންދިޔައެވެ. ބޭރާއި އެތެރޭގެ ލޯނުތައް ގިނަކަމުން، ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ހޭދަކުރަންޖެހުނީ އެ ހާލަތުން އަރައިގަތުމަށެވެ. މާލީ ދާއިރާގެ އެކި ފަރާތްތަކުގެ މައުލޫމާތުތަކުން ނަމަ، ކޮންމެ ދުވަހަކީވެސް ޑެފިސިޓެއްގައި ހިނގަމުންދިޔަ ދުވަހެކެވެ. އާމްދަނީ ލިބުނަސް ދަރަނި ގިނަކަމުންނާއި، ހަރަދުތައް ބޮޑުކަމުން، ރައްޔިތުންނަށް އެކަމުގެ ހެޔޮ އަސަރުތަކެއް ނުފޯރައެވެ. މިއަހަރު ފެންމަތިވެގެންދިޔަ އިޖްތިމާއީ މައްސަލަތަކަށް ބެލުމުން ރައްޔިތުންނަށް މާލީ ހީނަރުކަމުގެ އަސަރުކޮށްފައިވާކަން ސާފެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުންވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ބައްޓަންކުރެވިފައިވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެ ކުރިން ދިވެހިރާއްޖެއަކީ އެއް ސިނާއަތަކަށް ބަރޯސާވެފައިވާ ގައުމެއްނަމަވެސް މިއަދު ދިވެހިރާއްޖެއަކީ އެކި ސިނާއަތުތަކުން ބޮޑެތި މަންފާތަކެއް ހާސިލުކުރުމުގެ އުންމީދުގެ މަތީގައި އޮތް ގައުމެކެވެ. ރައީސް ޑރ މުއިއްޒުގެ ސަރުކާރުންވަނީ ދިވެހިރާއްޖޭގެ މައި އިގްތިސާދީ ދާއިރާތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން އައު ދާއިރާތައް ތައާރަފްކޮށް އެ ދާއިރާތަކުގެ މަސައްކަތްތައް ފަށާފައެވެ.
އިގްތިސާދު އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖެއާއިއެކު ގާތް ގުޅުންތައް ބާއްވާ ގައުމުތަކުގެ ދެމެދު މުއާމަލާތްތައް އިތުރުކުރުމަށް ބާރު އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ. އެގޮތުން ޗައިނާގައި މޯލްޑިވްސް އިންވެސްޓުމެންޓު ފޯރަމްގެ ނަމުގައި އެކި ފަހަރުގެ މަތިން އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، އިންޑިއާގައިވެސް މިފަދަ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި މަސައްކަތްތަކުގެ ތެރެއިން އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ގެންދިޔަ މަސައްކަތްތަކުގައި އިސްވެ ހުންނެވީ ރައީސް ޑރ މުއިއްޒުއެވެ. މި މަސައްކަތްތަކުގައި އިންޑިއާގެ ސަރުކާރުގެ އިސްވެރިންނާއި އެ ގައުމުގެ ވިޔަފާރީގެ ދާއިރާގެ ފުންނާބު އުސް ފަރާތްތައްވެސް ޝާމިލުވިއެވެ.
އިސްލާމީ ގައުމުތަކާއިއެކުވެސް ގުޅުންތައް ހަރުދަނާކޮށް ވިޔަފާރީގެ ދާއިރާގައި އައު ހިތްވަރެއް ޖެއްސުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު ކާމިޔާބީތަކުގެ ތެރޭގައި ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓުކުރާ މަހުގެ ގިނަ ބާވަތްތަކެއް ސުން ރޭޓުގައި އެ ގައުމަށް އެކްސްޕޯޓުކުރުމަށް ފަހިވެގެންދިއުން ހިމެނެއެވެ. ސަރުކާރުން މި އަމާޒު ހާސިލުކޮށްފައިވަނީ ތުރުކީ-މޯލްޑިވްސް ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް މެދުވެރިކޮށެވެ.
ރާއްޖޭގެ އިގްތިސާދު ޒަމާނާއި އެއްގޮތެއްގެ މަތިން ބައްޓަންކުރުމަށްޓަކައި އަމަލީ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ކުރެވިފައިވާކަން ފާހަގަކުރުން މުހިންމެވެ. މިކަން ހާސިލުކުރުމގެ ގޮތުން ސަރުކާރުންވަނީ ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ކުރެވޭ އިދާރީ މަސައްކަތްތައް ހަރުދަނާކުރުމަށާއި އެ މަސައްކަތްތައް ލުއިފަސޭހަކަމާއިއެކު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ. މިގޮތުން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރެޖިސްޓްރާޒް ގެޒެޓު އާންމުކޮށް ފެންނާނެ އުސޫލުން އޮންލައިން ހިދުމަތެއްގެ ގޮތުގައި ކަނޑައެޅުމާއި، އަމިއްލަ ވިޔަފާރިތަކުން ހުށައަޅާ ޕްރޮޕޯސަލްތަކާއި ގުޅޭ އުސޫލަށް އިސްލާހުތައް ގެނެސް ފަހި ފުރުސަތުތަކެއް ހުޅުވާލުން ހިމެނެއެވެ. މިކަމަކީ ދިވެހި ޖުމުލަ އިގްތިސާދުގެ ތެރޭގައި ދިވެހި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައިވެސް އެޅިގެންދިޔަ މުހިންމު ފިިޔަވަޅެކެވެ.
ރާއްޖޭގެ ބިޒްނަސް ރެޖިސްޓްރީގެ ކޮމާޝަލް އެޕްލިކޭޝަން ޕްރޮގްރާމިންގ އިންޓަރފޭސް މެދުވެރިކޮށް ބޭންކުތަކަށް ފަސޭހަކަމާއެކު މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ އިންތިޒާމުތަކެއް އިގްތިސާދީ ވުޒާރާއިންވަނީ އެމްއެމްއޭ މެދުވެރިކޮށް ހަމަޖައްސާފައެވެ. އެތެރޭގެ މުއާމަލާތްތައް ރަނގަޅު މަގެއްގައި ކުރެވިގެންދާކަން ކަށަވަރުކުރުމުގެ އިތުރުން މި އަހަރުގެ ތެރޭގައި ސަރުކާރުންވަނީ ބޭރުގެ މުއާމަލާތްތައްވެސް ފަސޭހަކަމާއިއެކު ކުރެވިގެންދާކަން ޔަގީންކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ތައާރަފްކޮށްފައެވެ. މި ގޮތުން ކުރެވުނު އެއް މަސައްކަތަކީ ”ޓްރޭޑިއަން“ ގެ ނަމުގައި ދިވެހިރާއްޖޭގެ ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމްގެ މަސައްކަތްތައް ފެށުމެވެ.
ޓްރޭޑިއަންއަކީ ޖުމުލަގޮތެއްގައި ވިޔަފާރި މުޢާމަލާތަކާ ގުޅޭ އެންމެހައި މަޢުލޫމާތު ލިބެން ހުންނާނެ، އަދި އެ މުޢާމަލާތުގެ ހުރިހާ މަރުޙަލާއެއް ކުރިއަށް ގެންދެވި، ބޭނުންވާ ހުއްދަތައްވެސް އެއް ޕްލެޓްފޯމަކުން ލިބިގެންދާނެ ގޮތަށް ކުރެވިފައިވާ މަސައްކަތްތަކެވެ.
ރާއްޖޭގެ ވިޔަފާރި ދާއިރާއަށް ގާނޫނީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައިވެސް ސަރުކާރުންވަނީ މި އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން އެ މާހައުލުގެ މަސައްކަތްތެރިންނަށް ހުރަސްއެޅިގެންދާގޮތަށް ހުރި ގަވައިދުތައް އިސްލާހުކުރުމުގެ މަސައްކަތްތައް ފާހަގަކުރެވޭއިރު، މިފަދަ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޕްރައިވެޓް ކުންފުނީގެ ޤަވާޢިދާއި ބޭރުގެ ކުންފުނި އަލުން ރަޖިސްޓަރީކުރުމާބެހޭ ޤަވާޢިދު އެކުލަވާލުން ހިމެނެއެވެ. އެއް މެންބަރު ހިމެނޭ ކުންފުނި ރަޖިސްޓަރީކުރުމަށްޓަކައި މިކަމުގެ ރެގިއުލޭޓަރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްތައް ނިންމާލާފައިވުމަކީވެސް އަލިއަޅުވާލުން މުހިންމު މަންފާވަނިވި ކާމިޔާބީއެކެވެ.
އިގްތިސާދީގޮތުން އެއްފައި މައްޗަށް ބުރަވެ އޮތް އޮތުން، ސަރުކާރުންވަނީ ނިމުމަކަށް ގެނެސްފައެވެ. މިގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގް ހިދުމަތް ފަށާފައިވާއިރު މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓުގެ ދަށުން މިކަމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގައި މުހިންމު ދައުރެއް އަދާކޮށްދޭނެ މަސައްކަތްތަކެއްކަން ސަރުކާރުގެ އިސްވެރިންގެ ފަރާތުން އިވެމުންދާ ވާހަކަތަކާއި މިފަދަ ކަންކަން ދިރާސާކުރާ ފަރާތްތަކުގެ ވާޙަކަތަކުންވެސް އެނގެއެވެ.
ތަރައްގީގެ މަސައްކަތްތައް ލާހޫރޭ އުސޫލެއްގެ މަތިން ބައްޓަންކުރެވިގެންދިއުމަކީވެސް ދިވެހިންގެ ކުރިއެރުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ސަރުކާރުންވަނީ އެ ބިރުވެރި ހަގީގަތް ބަދަލުކޮށްލާފައެވެ. ކޮންމެ ވެރިކަމެއް ނިމުމާއިއެކު ދެން އަންނަ ބަޔަކު ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް އައު ފެށުމަކުން ކުރިއަށް ގެންދިއުމަށް ވިސްނާކަމަށްވުމުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ފަށާ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކުރިއަށް ނުގެންދެވި އެތައް ގެއްލުންތަކެއް ލިބިގެންދެއެވެ. ސަރުކާރުންވަނީ މިކަން ހައްލުކުރުމަށްޓަކައި ދުރުރާސްތާގެ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި އެކަމަކީ ބޭނުންހާ އިރަކު ބޭނުންވާހާ ގޮތަކަށް ބަދަލުނުކުރެވޭނެ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްތައް ފައްޓާފައެވެ.
އާޓިސްޓުންނާއި މިފަދަ ފަންނީ މަސައްކަތްތެރިންގެ ހިތްވަރަށް އެކަށީގެންވާ އަހައްމިއްޔަތެއް ނުދެވި އޮތުމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ގިނަ އަދަދެއްގެ ބަޔަކު ބޮޑެތި ފައިދާތަކެއް ހޯދަމުންދާ މި ސިނާއަތުގައި ރާއްޖޭގެ މާ ބޮޑު ބައިވެރިވުމެއް މީގެ ކުރިން ނެތެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުންވަނީ ގިނަ އަދަދެއްގެ ފަންނީ މަސައްކަތްތެރިންގެ އެ ހުވަފެންތަކުގައި ހަގީގަތުގެ ކުލަވަރުތައް ޖެއްސުމުގެ ގޮތުން އިންތިޒާމުތައް ހަމަޖައްސާފައެވެ.
މިއަދު ރާއްޖޭގެ އާޓިސްޓުންގެ މަސައްކަތްތައް ފަތުރުވެރިންނާއި ހިސާބަށް ގެނެސްދިނުމަށްޓަކައި ސަރުކާރުން ރާވާފައިވާ ކަންކަން ތަންފީޒުކުރެވިގެންދާ މަންޒަރު ފެނިގޮސްފައިވާއިރު، ބައިނަލްއަގުވާމީ ދުނިޔޭގެ ފައިދާތައް އަމިއްލަ ފަރުދުންނަށް ލިއްބައިދިނުމަށްޓަކައި ޕޭޕަލްފަދަ މުހިންމު މާލީ ވަސީލަތްތަކުގެ ބޭނުން ދިވެހިންނަށް ހިފޭކަން ކަށަވަރުކުރުމުގެ ގޮތުންވެސް މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މި ހުރިހާ ކަމަކަށް އެކުއެކީގައި ބަލާލުމުން ފެނިގެންދަނީ ވަށާޖެހިފައިވާ އުސޫލެއްގެ މަތިން އިގްތިސާދުގެ ހަރުފަތްތައް ބިނާކުރުމަށް ކުރެވިފައިވާ މަސައްކަތްތަކެކެވެ.
މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ޤާނޫނީ އޮނިގަނޑު އެކުލަވާލައި، ”މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިލު“ ޑްރާފްޓްކޮށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދުގެ އެކި ދާއިރާތައް ފުޅާކުރުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މި ބޭންކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ލައިސަންސްވެސް ލިބި ބެންކު ހުޅުވިފައިވާކަމަކީ ދިވެހިންނަށް ލިބިގެންދާނެ ބޮޑު އުފަލެކެވެ.
މަސްވެރިކަން ދަނޑުވެރިކަން އަދި ފަތުރުވެރިކަމަކީވެސް ދިވެހިންގެ އިގްތިސާދުން މުހިންމު ބައެކެވެ. ވަކިވަކި ވުޒާރާތައް މެދުވެރިކޮށް މި މަސައްކަތްތައް ކުރަމުންދާކަމަށްވުމުން ތަފްސީލީ ގޮތަކަށް މި ރިޕޯޓުގައި އެ ދާއިރާތަކަށް ބަލާނުލިނަމަވެސް ދާއިރާތައް ހަރުދަނާކުރުމަށްޓަކައި އިގްތިސާދީ ވުޒާރާއިން އަޅާފައިވާ ފިޔަވަޅުތަކާއި ހަމަޖައްސާފައިވާ މުހިންމު އިންތިޒާމުތަކަށް ބަލާލުން މުހިންމެވެ.
މިގޮތުން އެންމެ ފާހަގަކުރެވޭ އެއް މަސައްކަތަކީ ރާއްޖޭގައި ދެމެހެއްޓެނިވި އުސޫލެއްގެ މަތިން ދަނޑުވެރިކަން ކުރުމަށްޓަކައި އެގްރިކަލްޗަރ އިކޮނޮމިކް ޒޯން (އޭއީޒެޑް) ޤާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުން ހިމެނެއެވެ. މިއީ ރާއްޖޭގައި ޒަމާނުއްސުރެ ހައްލުނުވެ އޮތް އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަގުން އެޅުނު މުހިންމު ފިޔަވަޅެކެވެ. މިކަމަކީ ދިވެހިން ކެއިންބުއިމުގެ ބޭނުމުގައި އިމްޕޯޓަށް ކުރާ ހަރަދުތައް ކުޑަކުރުމަށްޓަކައިވެސް މަގުފަހިކޮށްދޭނެ މުހިންމު މަސައްކަތްތަކެކެވެ.
ޒަމާނާއިއެކު އާ ދާއިރާތަކުގައި ދިވެހިން އެބަ ހަރަކާތްތެރިވެއެވެ. މީގެ ތެރޭގައި ރިއަލްއެސްޓޭޓުގެ މަސައްކަތްތައް ހިމެނެއެވެ. މި ދާއިރާ ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ”ޕަރލް ވިސާ ޕްރޮގްރާމް“ ގެ ނަމުގައި އިންވެސްޓަރ ރެސިޑެންސް ޕްރޮގްރާމެއް ފެށުމަށް ނިންމުން ހިމެނެއެވެ. މިއީ ދިވެހިރާއްޖެއަށް ޝައުޤުވެރިކަން ހުރި އިންވެސްޓަރުންނަށް ރާއްޖޭގައި ތިބެގެން ޤައުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ހުރަހެއްނެތި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ

