ހައުސިންގ މިނިސްޓްރީގައި ހިނގި އަލިފާނުގެ ޙާދިސާއާއެކު ދައުލަތުގެ 3 ވުޒާރާއެއްގެ މަސައްކަތްތައް މުޅިން ހުއްޓުމަކަށް އައިސްފިއެވެ.
މި އަލިފާނުގެ ޙާދިސާގެ ރިޕޯޓު ސިފައިންނަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 06:27 ގައެވެ. ޙާދިސާ ހިނގާފައިވަނީ ހައުސިންގ މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރމަންޓް މިނިސްޓްރީ ހިންގަމުންދާ އިމާރާތުގައެވެ.
އަލިފާނުގެ ޙާދިިސާއާއެކު މުޅި އިމާރަތް ރޯވެ އަނދާފައިވާއިރުު، މިނިސްޓްރީތަކުގެ މަސައްކަތް މުޅިން ހުއްޓުމަކަށް އައިސްފައިވާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން، މާލޭ ސިޓީ ކައުންސިލަށްވެސް ގެއްލުންތަކެއް ލިބި، ބައެއް ލިއެކިއުންތައް ވަނީ ހަލާކުވެފައެވެ. އެގޮތުން އެތަނުގައި ވަރަށް މުހިންމު ލިޔެކިއުންތައް ހުންނާނެ ކަމަށާއި އަދި އެ ލިޔެކިއުންތައް ނެރުމުގެ މަސައްކަތް ކޮށްފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. އެތަނުން ލިއެކިއުންތައް ނެރުމުގެ މަސައްކަތް ސިފައިންނާއި ސިޓީ ކައުންސިލުގެ މުވައްޒަފުން ގުުޅިގެން ކުރިއަށް ގެންގޮސްފައިވެއެވެ.
ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި އަލިފާނުގެ ޙާދިސާގެ ސަބަބުން މާލޭ މީހުންގެ ގޯތީގެ ރަޖިސްޓްރީތައް ފަދަ މުހިއްމު ލިއެކިއުންތަކަށް ވަނީ ގެއްލުން ލިބިފައެވެ.
އަލިފާނުގެ ޙާދިސާގައި ހައުސިންގ މިނިސްޓްރީ އެއްކޮށް އަނދާ ރޯވެފައިވީނަމަވެސް، ގެދޮރުވެރިޔާ ސްކީމްގެ ލިއެކިއުންތައް ހުންނާނީ މިނިސްޓްރީގެ ޕޯޓަލްގައިކަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.

