2024 ވަނަ އަހަރަކީ ދިވެހިންގެ ލޭނާރުކަމުގައި ފާހަގަކުރާ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ޒަމާންވީ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި އާ އަޒުމެއްގައި މަސައްކަތް ފެއްޓެވި އަހަރެކެވެ. މިއަހަރު ނިމުމަކާއި ހަމައަށް އައިރު މަސްވެރިންގެ އުދާސްތަކާއި ކަންބޮޑުވުންތަކަށް ލުއިތައް ހޯދަވައިދެއްވުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި އެބަހުރިއެވެ.
އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ މަސްވެރިން ބާނާ މަހަށް 48 ގަނޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެން ވައުދު ފުއްދެވުމެވެ. އިގްތިސާދީ އަދި މާލީ ގޮތުން ގައުމުގެ ހާލަތު އޮތް ފައްތަރުގެ ސަބަބުން މި ވައުދު ފުއްދުމުގައި ލަސްތަކެއް ދިމާވި ނަމަވެސް، ދެން މަސްވެރިން ފައިސާކޮޅު ހޯދަން ނިކުމެ އިހުތިޖާޖު ކުރަން ނުޖެހޭނެ ގޮތަށް ނިޒާމު މިވަނީ ބައްޓަން ކޮށްފައެވެ.
މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ކަމަށްވާ ތެޔޮ ލިބުމުގައި ހުރި ދަތިކަމަށް ޙައްލު ހޯދައި ދިނުމުގެ ގޮތުން 4 ރަށެއްގައި ހުންނަ އެސް.ޓީ.އޯގެ ނުވަތަ އެފް.އެސް.އެމްގެ ސައިޓުތަކުން ”އެސްޓީއޯ ރޭޓް“ގައި އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ. އެއީ، ކ. ހިންމަފުށި، ގއ. ކޫއްޑޫ، ޅ.ފެލިވަރު އަދި ސ. ހުޅުމީދޫއެވެ. އަދި ގއ. ކޫއްޑޫ އާއި ޅ.ފެލިވަރު ސަރަޙައްދުގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރުންވެސް ”އެސްޓީއޯ ރޭޓް“ ގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް އެސް.ޓީ.އޯއިން މަސައްކަތް ކުރައްވަމުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި 17،000 އަށްވުރެ ގިނަ ދިވެހި އާއިލާ ޝާމިލުވާއިރު، ސަރުކާރުން ފާހަގަކުރާ ގޮތުގައި ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވީއިރު އެންމެ އުނދަގޫ ހާލަތުގައި އޮތީ މަސްވެރިކަމުގެ ސިނާއަތެވެ. މި ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި، ދަތިތަކަކީ އެއް ސަރުކާރުން، އަނެއް ސަރުކާރުން ވާރުތަވަމުން އައިސްފައިވާ ކަންތައްތަކެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ރައީސް މުއިއްޒު އެމަނިކުފާނުގެ ޒައާމަތާއި ހަވާލުވީއިރު، މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް އޮތީ ފުނިޖެހިފައިކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. ވަޒީރު ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބާނާ މަސް ޕްރޮސެސް ކުރެވޭނެ ފުރިހަމަ އެކަށީގެންވާ ހަރުދަނާ ނިޒާމެއް ގާއިމްކުރެވިފައި ނެތުން ހިމެނެއެވެ. އަދި މަސްވެރިކަމުގެ މުޅި ސިނާއަތް ބިނާވެފައި އޮންނަ މިފްކޯ އޮތް ހާލަތު ފާހަގަކުރެއްވިއެވެ.
މި ތަންތަން އޮޕަރޭޝަނަށް ގެނައި ފަހުން އެތަކެއް އަހަރުތަކެއް ފާއިތުވެފައިވާއިރުވެސް، އަންނަން ޖެހޭ ކުރިއެރުން އައިސްފައިނުވާކަން މިއީ ހަމައެކަނި މި ސަރުކާރުގެ ވަޒީރު ފާހަގަކުރެއްވި ކަންކަމެއް ނޫނެވެ. ކޮންމެ ބޭފުޅަކުވެސް މިކަން ފާހަގަކުރައްވާ، މަސްވެރިކަމުގެ ސިނާއަތަށް އޮތް ގޮންޖެހުންތަކުގެ ވާހަކަ ވަރަށް ފުޅާ ދާއިރާއެއްގައި ފާހަގަކުރެއެވެ. އެހެން ނަމަވެސް މިއަދާއި ހިސާބަށް އައިރުގައިވެސް، މި ކަންތައްތަކަށް ހައްލު ހޯދައިދިނުމުގައި ވަށާޖެހޭ، އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމުގެ ނަތީޖާއަކީ މިއަދުވެސް ބާނާ މަސް ޕްރޮސެސް ނުކުރެވިގެން އެތައް ގޮން ޖެހުންތަކެއް މަސްވެރިންނަށް ކުރިމަތިވަމުންދާކަމެވެ.
ކެޕޭސިޓީ ނެތުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައި އޮތްއިރު، މަސްވެރިކަން ރަނގަޅު ދުވަސްވަރުތަކުގައި ބާނާ މަސް ނުކިރިގެން އުކާލަން ޖެހޭ ހާލަތަށްވެސް ދޮޔައެވެ. ސްޓޯރޭޖް ކެޕޭސިޓީކަމަށްވީ ނަމަވެސް، ޕްރޮސެސިން ކެޕޭސިޓީކަމަށްވީ ނަމަވެސް، އައިސް ކެޕޭސިޓީކަމަށްވީ ނަމަވެސް، އެ މައްސަލަ އެބަ އޮތެވެ.
ސްޓޯރޭޖް ކެޕޭސިޓީގެ މައްސަލައިގެ ސަބަބުން ރާއްޖެއިން ބޭނުންވާ އަގުގައި މަސް ބޭރުކުރެވޭކަން ނޯވެއެވެ. ރާއްޖެއަށް ބާނާ މަހުގެ ބޮޑު ބައެއް ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރާއިރު، މަސް ބޭރު ކުރަން ޖެހިފައި އޮންނަނީ ގަންނަ ފަރާތުން ބޭނުންވާ އަގެއްގައިކަމަށްވާއިރު، މިއީ މަސް ރައްކާކުރާނެ ސްޓޯރޭޖް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކެވެ.
މިއަހަރު ފެށިގެން އައިރު، ރާއްޖޭގައި މަސް ފިނިކޮށް ރާއްކާ ކުރެވޭ ސްޓޯރޭޖް ހުރީ ތިން ފެސިލިޓީއެއެވެ. މިހާރުގެ ފެކްޓަރީތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 4،250 ޓަނެވެ.
ސްޓޯރޭޖްގެ މައްސަލައަށް ހައްލު ގެނައުމަށް މިއަހަރުގެ ތެރޭގައި ފެށި މަސައްކަތްތައް:
މި ސަރުކާރުން ސްޓޯރޭޖް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރޭވުންތެރިކަމާއިއެކު، ރާއްޖޭގެ ހުރިހާ ރަށަކަށް ހާއްސަކޮށްގެންކަމަށެވެ. އެގޮތުން:
ގދ. ތިނަދޫއަށް 1،000 ޓަނު، ގދ ފިޔޯރީއަށް 3،000 ޓަނު، ގއ. ކޫއްޑޫއަށް 4،000 ޓަނު އަދި ސ. ހުޅުމީދޫއަށް 500 ޓަނު އިތުރުކުރުން ހިމެނެއެވެ.
މެދު ރާއްޖެތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ، ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި ފ. ނިލަންދޫގައި 1،500 ޓަނާއި، މ. މުލަކުގައި 500 ޓަނު އިތުުރުކުރުން ހިމެނެއެވެ.
އުތުރުގައި ހއ. އިހަވަންދޫގައި 1،000 ޓަނާއި، ޅ. ފެލިވަރުގައި 4،000 ޓަނު އިތުރުކުމަށް ވަނީ ރާވާފައެވެ.
ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތްތައް 2024 ވަނަ އަހަރު ބާރަށް ކުރިއަށްދާނެކަމަށާއި، ބައެއް މަސައްކަތްތައް އަންނަ އަހަރަށް ނިމެނޭކަމަށް ސަރުކާރުން މައުލޫމާތުދެއެވެ. މިއާއިއެކު ސްޓޯރޭޖް ހުރި ސަރަަހައްދަކަށް ދަތުރުކުރުމަށްޓަކައި މަސްވެރިން ތެލަށް ކުރަން ޖެހޭ ބޮޑު ހޭދަޔަށްވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަން ފާހަގަކުރެވެއެވެ.
ފެލިވަރަށް ބައިގަރުނު ވެގެންދާއިރު، ސްޓޯރޭޖް ކެޕޭސިޓީ ހުރީ 800 ޓަނުގައިކަމަށާއި، ފެލިވަރުގައި ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރާނެކަމަށް މިއަހަރުގެ ތެރޭގައި އިއުލާނުކުރިއެވެ. އެގޮތުން 4،000 ޓަނު އިތުރު ކުރަން ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިހާރު ރާއްޖޭގެ ކޯލްޑް ސްޓޯރޭޖުގައި ހުރި 8،000 ޓަނު 25،000 ޓަނަށް ބަދަލުވެގެންދާނެއެވެ. މިއީ މަސްވެރިކަމުގެ ސިނާއަތަށް 2024 ވަނަ އަހަރުގެ ތެރޭގައި ގެނެވުނު ތަރައްގީއެވެ.

