ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ފެހިކަމަކީ އަޅުގަނޑުމެންގެ އަގުހުރި ތަރިކައެކެވެ. ނަމަވެސް، ތަރައްޤީގެ ނަމުގައި އަޅުގަނޑުމެންގެ ރަށްތަކުގައި ހުރި ގަސްތައް ނެތިގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، 2024 ވަނަ އަހަރު ސަރުކާރުން ވަނީ ”ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓް“ ފަށާފައެވެ. މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ގަސް އިންދުމަށް ފެށި އެންމެ ބޮޑު މަޝްރޫއެވެ.
މި މަޝްރޫއުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މި ވަގުތު މަދުވެފައިވާ ނުވަތަ ނެތިގެންދާ ގަސްތައް ހޯދައި އާލާކުރުމެވެ. މިކަމަށްޓަކައި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ރާއްޖެއިން ނެތެމުންދާ ގަސްތަކުގެ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާއިން ދައްކާގޮތުގައި 90 ވައްތަރެއްގެ ގަސް މިހާރުވެސް ނެތިގެން ދިއުމުގެ ބިރު އެބައޮތެވެ. މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.
މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
1. ނެތެމުންދާ ގަސްތައް ހޯދުން
2. އެ ގަސްތައް އިންދުން
3. އިންދާ ގަސްތައް މޮނިޓަރކުރުން
4. 5 އަހަރު ތެރޭގައި ގަސްތަކަށްވާ ގޮތް ބެލުން
5. ގަސް އިންދާނެ ފަރާތްތައް ހޯދުން
މި މަޝްރޫއުގައި ހަމައެކަނި ސަރުކާރުގެ މުއައްސަސާތަކުން ނޫނެވެ. ކުންފުނިތަކާއި، ރިސޯޓުތަކާއި، އަދި ޖަމިއްޔާ ޖަމާއަތްތަކުންވެސް ބައިވެރިވެގެންދާނެއެވެ. މިއީ މުޅި ޤައުމުގެ މަޝްރޫއެކެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓަކީ ހަމައެކަނި ގަސް އިންދުމަށް އަމާޒުކޮށްފައިވާ މަޝްރޫއެއް ނޫނެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ދެމެހެއްޓޭނެއެވެ. އަދި ގަސްގަހާ ގެހި ރައްކާތެރިކޮށް އިތުރުކުރުމުގެ މުހިންމުކަން އާންމުންނަށް އޮޅުންފިލުވައިދެވޭނެއެވެ.
މި މަޝްރޫއަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެކެވެ. މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ތައްޔާރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
މި މަޝްރޫއުގެ މުހިންމުކަން ދުނިޔޭގެ ސަމާލުކަމަށްވެސް ގެނެވިފައިވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަޝްރޫއުގެ ވާހަކަ ފާހަގަކުރެއްވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ބޭއްވުނު 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައެވެ. މިއީ ދިވެހިރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު މިސާލެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ހުށަހެޅުނު ކަމެކެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކުރުމަށް އަމާޒުކުރެވިފައިވާ މަޝްރޫއެއް ނޫނެވެ. މިއީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުންވެސް ވަރަށް މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން:
1. ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ރީތިކަން އިތުރުވާނެއެވެ.
2. ދިވެހިންގެ ސިއްހަތަށް ރަނގަޅު އަސަރުތަކެއް ކުރާނެއެވެ.
3. ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެއެވެ.
4. ގަސްގަހާގެހީގެ ބޭނުންކޮށްގެން އުފައްދާ ބާވަތްތައް އިތުރުވެ، އައު ވަޒީފާގެ ފުރުސަތުތައް އުފެދޭނެއެވެ.
5. ދިވެހިންގެ މެދުގައި ތިމާވެށި ރައްކާތެރިކުރރިކުރުމުގެ ޝުޢޫރު އާލާވެ، ޒިންމާދާރު ރައްޔިތުންތަކެއް އުފެދޭނެއެވެ.
ނިންމާލުމުގެ ގޮތުން ދަންނަވާނަމަ، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލަށް ކޮންމެހެން ބޭނުންވާ މަޝްރޫއެކެވެ. މިއީ އަޅުގަނޑުމެންގެ ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފެހި އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫއުގެ ކާމިޔާބީއަކީ ހަމައެކަނި ސަރުކާރުގެ މަސައްކަތަކުން ލިބޭނެ ކާމިޔާބީއެއް ނޫނެވެ. މިއީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޒިންމާއެކެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، 2024 ވަނަ އަހަރު ފެށުނު މި މަޝްރޫއު ވެގެންދާނީ ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް މަޝްރޫއަށެވެ.

