މޯލްޑިވްސް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ބޮޑެތި އަދަދުތަކުން ހަރަދުކޮށްފައިވާއިރު ނިންމާލެވިފައިވާ އެއްވެސް މަސައްކަތެއް ފެންނަން ނެތްކަމަށް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ޒަރީރުވަނީ އެމްއައިޓީޑީސީ ކުންފުނީގެ އޮޑިޓުން ފާހަގަކުރެވިފައިވާ މައްސަލަތަކަށް އަލިއަޅުއްވާފައެވެ. މެމްބަރު ވިދާޅުވީ، އެއީ ސަރުކާރުގެ ކުންފުންޏެއްކަމަށާއި އެއީ 2016 ވަނަ އަހަރު ވަރަށް މުހިންމު މަގުސަދެއްގައި އުފައްދާފައިވާ ކުންފުންޏެއްކަމަށެވެ. ޒަރީރު ވިދާޅުވީ، އެތަނަކީ ފަތުރުވެރިކަން ކުރިއެރުވުމެއްގެ ގޮތުން އާންމުނަށް ހިއްސާ ވިއްކައިގެން އުފެއްދި ކުންފުންޏެއްކަމަށެވެ.
ނަމަވެސް ކުންފުނީގެ އަހަރީ އޮޑިޓަށް ނަޒަރު ހިންގާއިރު 2016 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 164.2 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ބޮޑެތި ގެއްލުންތައް ވެފައިވާއިރު ކުންފުނިން ކުރި އެއްވެސް މަސައްކަތެއް ފެންނަން ނެތްކަމަށެވެ. ޒަރީރު ވިދާޅުވީ ހަތަރު ވަރަކަށް މަޝްރޫޢު ފަށާފައިވާކަމަށާއި ނަމަވެސް އެއްވެސް މަސައްކަތެއް ނިންމާލެވިފައިނުވާކަމަށެވެ.
މެމްބަރު ވިދާޅުވީ، ކާށިދޫ ޓުއަރިސްޓު ވިލެޖުގެ ނަމުގައިވެސް މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އެގޮތުން ކާށިދޫގައި 54 އެނދުގެ ބޮޑު ސިޓީ ހޮޓެލްއެއް އަޅާ ވާހަކަ ދެކެވެމުންދިޔަކަމަށާއި އެ މަސައްކަތްތަކަށްވެސް 26.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. ނަމަވެސް ކުރެވިފައިވާ އެއްވެސް މަސައްކަތްތަކެއް ފެންނަން ނެތްކަމަަށާއި އެގޮތުގެމަތިން ކ އަތޮޅުގައި ތިން ފަޅެއް ހިއްކުމުގެ މަސައްކަތްތައްވެސް ކުންފުނިން ހަވާލުވެފައިވާކަމަށެވެ.
އެކަމަށް 3.6 މިލިއަންގެ ހޭދައެއްކޮށްފައިވާކަން އޮޑިޓުން ދައްކާއިރު ބައެއް ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އެކި ކުންފުނިތަކަށް އެޑްވާންސަށް ފައިސާ ދީފައިވާކަންވެސް ރިޕޯޓުން ދައްކާކަމަށެވެ. ނަމަވެސް އެ ކުންފުނިތަކާއި ހަވާލުކުރި މަސައްކަތްތައް ފަށާފައިވެސް ނުވާކަމަށާއި އެހެންކަމުން މިހާ ދުވަސްވެގެންދިޔަ އިރު އެ ފައިސާތައް އަނބުރާ ހޯދުމަށްޓަކައި އެއްވެސް މަސައްކަތްތަކެއް ކުރެވިފައިނުވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފެދޭކަމަށެވެ.
މެމްބަރު ވިދާޅުވީ، ސިޓީ އެއް އަދި އީމެއިލްއެއްވެސް ފޮނުވާފައިވާކަމަށް ފެންނަން ނެތްކަމަށާއި އެހެންނަމަވެސް ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި އޮންނަ އުސޫލުތަކުގެ ތެރެއިން އެފަދަ ގޮތަކަށް ނުލިބި ހުންނަ ފައިސާ ހޯދަން މަސައްކަތްކުރުން ލާޒިމުކުރެވިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. ޒަރީރު ވިދާޅުވީ، އެފައިސާތައް ހޯދުމަށްޓަކައި ތަހުގީގީ އިދާރާތަކަށް މައްސަލަތައް ހުށައެޅުމަކީވެސް އެ ކުންފުނީގެ ޒިންމާއެއްކަމަށެވެ.
އޭނާ ވިދާޅުވީ، ކޯޓަށް ދިއުމަކީވެސް އެ ކުންފުނީގެ ޒިންމާއެއްކަމަށެވެ. ނަމަވެސް އިސްވެ ފާހަގަކުރެވުނު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށާއި ބަޔާންކުރެއްވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ކަންކަން ހިންގަމުން އައިސްފައިވާ ގޮތްކަމަށެވެ.
ޒަރީރު ވިދާޅުވީ، ރާއްޖެ އޮތީ މިފަދަ ހާލަތެއްގައިކަމަށާއި އެމްއައިޓީޑީސީ އެކަނި ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ފެނަކަ އަށް ބަލާލިޔަސް ކަން އޮތީ މިގަޮތަށްކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވިއިރު 160 މިލިއަންގައި ހުރި ދަރަނިވަނީ 4800 މިލިއަނަށް އަރާފައިކަމަށެވެ. ނަމަވެސް ފަށާފައިވާ ގިނަ މަސައްކަތްތައް ނުނިމޭކަން ފާހަގަކުރެއްވިއެވެ.

