މަސްވެރިންނަށް މިހާރު ތެޔޮ ލިބެމުންދަނީ ކުރިން ލިބުނު އަގަށްވުރެ ބޮޑު ރޭޓެއްގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އަހުމަދު ދީދީ ވަނީ، އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ސަރުކާރުން ބުނާ ވާހަކައަށް ފާޑުވިދާޅުވެފައެވެ.
ދީދީ ވިދާޅުވީ، މީގެ ކުރިން ސީދާ އެސްޓީއޯއިން ތެޔޮ ގަތުމުން ތޭރަ ރުފިޔާ ނުވަދިހަ ދެ ލާރިއަށް ލިބެމުންދިޔަކަމަށް ދެކުނުގެ މަސްވެރިން ހިއްސާކުރިކަމަށެވެ. ނަމަވެސް މިހާރު މިފްކޯއިންވަނީ ސާދަ ރުފިޔާ ތިރީސް ފަސް ލާރިއަށް ތެޔޮ ލިބޭނެ ވާހަކަ އަންގާފައިކަމަށް ވިދާޅުވިއެވެ. މިއީ ތެލުގެ އަގު ކުޑަވުންތޯ ސުވާލު އުފައްދައި ދީދީ ވިދާޅުވީ، މިކަމުން ފެނިގެންދަނީ ސަރުކާރުން ކަންކަން އޮޅުވާލަމުންދާ މިންވަރުކަމަށާއި ހަގީގަތުގައި ވެސް މިހާރުގެ ރައީސަށް ނިސްބަތްކޮށް ވަނަމަކުން ދިވެހިންގެ ގިނަ ބަޔަކު މުހާތަބުކުރަމުން ދަނީ އެކަން ހައްގުވާތީކަމަށެވެ.
މީގެއިތުރުން ދީދީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ތެރޭގައި ދިމާވާ ކޮންމެކަމަކާއި ވެސް ކުރިމަތިލާން ޖެހެނީ ގިނިކަންޏާ ކަމަށެވެ. އެގޮތުން ވަޒީރުންނަށް އިތުބާރު ނުކުރައްވާކަމަށާއި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީސް މެމްބަރުންނަށް ވެސް އިތުބާރު ނުކުރައްވާކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނަށް ވަނީ އަމިއްލަފުޅަށް ވަޑައިގެން ދޮގުތަކެއް ހައްދަވަން މަޖުބޫރުވެފައިކަމަށް ވިދާޅުވިއެވެ.
މެމްބަރު ދީދީ ވިދާޅުވީ، މިފަހުން ދާއިރާގެ މަސައްކަތެއްގެ މައުލޫމާތު ހޯދުމަށް، ވަޒީރަކަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާކަމަށެވެ. އަދި މެސެޖުކޮށް ދާއިރާގެ ރައްޔިތުންނާއި ގުޅުން ހުރިކަމެއްގައި މަޝްވަރާ ކުރުމަށް މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލު ކުރުމަށް ބޭނުންވާކަން ހާމަކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދެއްވިކަމަށެވެ. އެހެންވެ މަޖިލީހުގެ ލެޓާ ހެޑްގައި މެއިލްއެއް ފޮނުވައި އެޕޮއިންޓްމަންޓަކަށް އެދުމުން ވެސް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށް ދީދީ ވިދާޅުވި އެވެ.

