ކުރިއަށް އޮތް ރޯދަ މަހު އިމާމުވެ ތަރާވީހު ނަމާދުކުރާނެ ދިވެހި ޙާފިޒުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރޯދަ މަހު މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން ބޭނުންވާތީ، އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޒުންންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
މިގޮތުން މާލޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދޭ ދިވެހި ހާފިޒުން ކަނޑައެޅިފައިވާ ފޯމު ފުރިހަމަކޮށް ލިޔުންތަކާއެކު އަންނަ މަހުގެ 20 ގެ ކުރިން ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. އަދި ރަށްރަށުގެ މިސްކިތް ތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޒުން ކަނޑައެޅިފައިވާ ފޯމާއި ލިޔުންތަކާއެކު އަންނަ މަހުގެ 6 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އަދި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.
މިނިސްޓްރީން ބުނީ ދިވެހި ޙާފިޒުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޒުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް 500ރ. ގެ މަގުން ކަމަށާއި މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި ދެ ހާފިޒުންނަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް ހުއްދަ ދެވޭނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް މިނިސްޓްރީ އަށް ހުށަހަޅާ ލިޔުންތަކަށް ބެލުމަށްފަހު ކަމަށް މިނިސްޓްރީން ވަނީ ބުނެ އެވެ.

