ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށްޓަކައި ބޭއްޖިންގައި ބޭއްވުނު ރަސްމީ ޙަފްލާގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އަމީން ބައިވެރިވެވަޑައިގެންފިއެވެ.
މި ޙަފްލާއަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އަމީން ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށްޓަކައި މި ބޭއްވުނު ރަސްމީ ރަމްޒީ ޙަފްލާގައި ބައިވެރިވުމަކީ އުފަލެއްކަމަށެވެ. އަދި މޯލްޑިވިއަން އެއަރލައިން މެދުވެރިކޮށް ބޮޑެތި މަތިންދާބޯޓުތަކުގެ އޮޕަރޭޝަންތައް ފެށުމުގެ ޔަގީންކަން ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، ބޭއްޖިންގ، ޝަންގހާއީ، ޗެންގދޫ އަދި ޝީއަންއަށް ދަތުރުތައް ފެށުމުން ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. މީގެއިތުރުން މި ދަތުރުތައް ފެށުމުން ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

