ސަރުކާރުގެ ފަރާތުން ހުށަހަޅައި ގާނޫނުއަސާސީއަށް އެންމެ ފަހުން ގެނައި އިސްލާހަކީ ވަގުތު ނަގައިގެން، މާބޮޑެތި މަޝްވަރާތަކެއް ކުރަން ޖެހޭ ބިލުތަކެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް ސަރުކާރުގެ ފަރާތުން މި ފަހުން ގާނޫނުއަސާސީއަށް ފަސް އިސްލާހެއް ގެނެސްފައި ވެއެވެ. އަދި އިދިކޮޅު އެމްޑީޕީ ދަނީ މި އިސްލާހު ގާނޫނުއަސާސީއާއި ހިލާފުކަމަށް ބުނެ އިހުތިޖާޖު ކުރަމުންނެވެ. މި މަސައްކަތްތައް ކުރުމުގައި ސަރުކާރުން އެއްވެސް މިންވަރަކަށް މަޝްވަރާ ނުކުރާކަމަށާއި، ބިލުތަކުގެ މަސައްކަތް ވެސް ކުރިޔަށް ގެންދަނީ އަވަސް އަރުވާލައިގެންކަމަށް ތުހުމަތު ކުރި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް ކޮމިޓީގައި މާ ބޮޑު މަޝްވަރާ ކުރުމެއް ނެތި އަވަސް އަރުވާލައި ފާސްކޮށް ރިޕޯޓު ތައްޔާރު ކުރުމާއި އެކު ރަބަރ ސްޓޭމްޕް ޖަހައިދޭ އުސޫލުން އެ ފާސްކުރާކަމަށް އަބަދުވެސް ތުހުމަތު ކުރެވެ އެވެ. އަދި ބައެއް ބިލުތައް އެއް ދުވަސް ތެރޭގައި ނިންމާލާއިރު އެގޮތަށް އެންމެ ފަހުން ކުރި އެއް މަސައްކަތަކަށް ވާނީ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ހަމަ އެ ދުވަހު ކޮމިޓީން ފާސްކޮށް އެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލު ތަސްދީގު ކުރެއްވި އެވެ. އެކަން ފާހަގަކޮށް ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ކުރި ސުވާލަށް ރިފާއު ވިދާޅުވީ ބައެއް ބިލުތަކަކީ އޭގެ ޒާތުގައި މާބޮޑު މަސައްކަތެއް ނުވަތަ ވަގުތުތަކެއް ބޭނުންވާނެ އިސްލާހެއް ނޫންކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާ ބިލު ދިރާސާ ނުކޮށް ފާސްކޮށްފައި ނުވާނެކަމަށާއި، އެއަށް ކޮމިޓީ މަރުހަލާގައި އުނި އިތުރު ގެނެސްފައި ހުންނާނެކަމަށް ރިފާއު ވިދާޅުވި އެވެ.
ބިލެއް ނުވަތަ ހުށަހަޅާ އިސްލާހެއްގެ ގޮތުން އަވަހަށް މަސައްކަތް ނިންމާފައި ހުންނާނެކަމަށާއި، އެއީ އެއްވެސް ހާލަތެއްގައި ނުބައި ނިޔަތެއްގައި ނޫންކަމަށް ރިފާއު ވިދާޅުވި އެވެ.
މިހާރު މިސާލަކަށް ގާނޫނުއަސާސީއަށް އެ ގެނައި އިސްލާހުތަކަކީ އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ މާބޮޑު މަޝްވަރާތަކެއް ބޭނުންވާނެ އިސްލާހުތަކެކޭ.. އެއީ އެއަކުން ނެތް ރައްޔިތަކަށް ލިބޭ ގެއްލުމެއް.. ރައްޔިތަކަށް ފައިދާވާނެ ކަންކަން އޭގައި ހުސް ހުރީ.. އެހެންވީމަ ކުރީގައި ވެސް ގާނޫނުއަސާސީގައި ހުރި ބައެއް ކަންކަން ވަރުގަދަ ކުރެވިފައި މި ހުރީ.. އެއީ މާބޮޑު މަޝްވަރާތަކެއްކޮށްގެން، ބަޔަކު ގެނެސްގެން މުޅި ދުނިޔެ އެއް ތަނަކަށް ޖަމާކޮށް..
ރިފާއު ވިދާޅުވީ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ހުރި ގާނޫނީ އިސްލާހުތަކުގެ ތެރެއިން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ނުވަތަ ކުޅިވަރު ގާނޫނަކީ ވަގުތު ނަގައި މަޝްވަރާ ކުރަން ޖެހޭނެ ބިލުތަކެއް ކަމަށެވެ. އަދި އަވަސް އަރުވާލައި އެ ބިލުތައް ނިންމާ ނުލައި، ކޮމިޓީތައް ގެންދަނީ އެ ސަބަބާއި ހުރެކަމަށް ރިފާއު ވިދާޅުވި އެވެ.
ދެވަނަ މިސާލަކަށް ބޭރު ފައިސާގެ ބިލު ނަންގަވައި ރިފާއު ވިދާޅުވީ މިއީ މިހާރު ވެސް އަމަލު ކުރަމުންދާ ގަވައިދަކަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ހުށަހެޅި ބިލެއް ކަމަށެވެ. އަދި އެ ބިލުގެ މަސައްކަތް ވެސް އަވަށް ނިންމައި ފާސްކުރީ އެކަމާއި ގުޅޭ މަޝްވަރާތަކާއި ބައްދަލުވުންތައް ކުރީގައި ބާއްވައި ހިޔާލު ހޯދާފައި ހުރުމުންކަމަށް ރިފާއު ވިދާޅުވި އެވެ.

