ބޭރު ފައިސާގެ ގާނޫނުގެ ދަށުން މާރުކުރާ ކޮންމެ 500 ޑޮލަރަށް ވެސް ބެންކު ރޭޓުން ވެރިފަރާތްތަކަށް ދިވެހި ފައިސާ ލިބިގެންދާނެކަމަށާއި ފޭރުމަކަށް ވާނީ ފައިސާ ނުދީ އަތުލުމުންކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދުދެއްވައިފި އެވެ.
މިދިޔަ އޮކްޓޯބަރު މަހު އަމަލު ކުރަން ފެށި އައު ގަވައިދާއި މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އާންމުންގެ ހިޔާލަށް ހުޅުވާލި ގާނޫނީ އޮނިގަނޑަށް ލިބުނު ހުށަހެޅުންތަކަށް ބަލައި ޑޮލަރު މާރު ކުރުމަށް ދެ އިހުތިޔާރެއް ދީފައިވެއެވެ. އެއީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ނުވަތަ ގްރޮސް ސޭލްސް ޕްރޮސީޑްސްގެ 20 މާރުކުރުމެވެ.
މި ދެ އިހުތިޔާރުން ވެސް ނިކުންނާނީ ސަރުކާރުން ބުނެފައިވާ ގޮތުގައި އެއް ނަތީޖާ އެކެވެ.
އިއްޔެ ބިލު ފާސްކުރި ނަމަވެސް، އެމްޑީޕީގެ މެމްބަރުން މި ނިންމުމަށް އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ ބިލު މާލިއްޔާތު ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ ތަޅުމުގައި އެކަމާއި ގުޅޭގޮތުން ވަރަށް ފުޅާކޮށް ބަހުސް ކުރުމަށްފަހު ކަމަށެވެ. އަދި ވިދާޅުވީ މާލިއްޔާތު ކޮމިޓީއަށް ކަމާއި ގުޅުންހުރި އެކި ފަރާތްތައް ހާޒިރުކުރިކަމަށާއި ބިލާއި މެދު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރިކަމަށެވެ.
ފަލާހު ވިދާޅުވީ މި ބައްދަލުވުންތަކުގައި ފާހަގަކޮށް، ހުށަހެޅުނު ކަންކަމަށް ރިއާޔަތްކޮށް އެ އިހުތިޔާރާއި ލުއިތައް ދީފައިވާނެކަމަށެވެ. އެގޮތުން ބިލު މަޖިލީހަށް ފޮނުވިއިރު 10 އަހަރުން ދަށުގެ ކުދިން އަތުން 500 ޑޮލަރު މާރުކުރަން ނުޖޭ ގޮތަށް އޮތް އޮތުން އިސްލާހުކޮށް 12 އަހަރަށް ބަދަލުކޮށްފައިވާކަމަށް ވިދާޅުވި އެވެ. މިއާއި އެކު ހިޔާލުތަކާއި އެއްގޮތަށް ގެނެވުނު އެހެން ބަދަލުތައް ވެސް ހުންނާނެކަމަށް ފަލާހު ވިދާޅުވި އެވެ.
ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތަށް ބަލާއިރު މި ބިލަކީ ބޭރު ފައިސާއަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށްޓަކައި ވަރަށް މުހިންމު ބިލެއްގެ ގޮތުގައި ފާހަގަކޮށް ފަލާހު ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުން މިއީ ފަތުރުވެރިކަމުގެ ސިނާއަތުން ”ފޭރުން“ ކަމަށް ވެސް ސިފަ ކުރަމުންދާކަމަށެވެ. މިއީ ޑޮލަރު ހޯދައި އެއަށް ވާ އަގު ދޫ ނުކުރާ ގޮތަށް އޮތް އިސްލާހެއް ނުވަތަ ޓެކްސްއެއްގެ ގޮތުގައި ވެސް ނަގާ އަދަދެއް ނޫންކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ރާއްޖޭގައި މިވަގުތު އެމެރިކާގެ ޑޮލަރެއް ގައުމީ ބެންކުން މާރު ކުރަނީ 15.42 ރުފިޔާގެ ރޭޓުންކަމަށްވުމުން މާރުކުރެވޭ ކޮންމެ 500 ޑޮލަރަކަށްވެސް ކަނޑައެޅިފައިވާ ރޭޓާއި އެއްހަމައަށް ވެރިފަރާތަށް ދިވެހި ފައިސާ ލިބިގެންދާނެކަމަށެވެ. މެމްބަރު ވިދާޅުވީ، ކޮންމެ ބޮަލަކަށް 500 ޑޮލަރު ނަގަނީ ހިލޭ ނޫންކަމަށާއި ފޭރުމަކަށްވާނީ އަގުނުދީ އަތުލުމުންކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

