ބޭރުފައިސާގެ ޤާނޫނަކީ މީގެ 30 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ފާސްކުރެވިފައި އޮތްނަމަަ، ދިވެހިރާއްޖެ ވެގެންދާނީ މިސަރަހައްދުގައި އެންމެ މުސައްދި އެއް ޤައުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުރަޙީމް ވިދާޅުވީ، ބޭރުފައިސާގެ ޤާނޫނަކީ މީގެ 30 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ފާސްކުރެވިފައި އޮންނަން ޖެހޭ ޤާނޫނެއް ކަމަށެވެ. އަދި އެ ޤާނޫނު މީގެ 30 ވަރަަކަށް އަހަރު ކުރިން ފާސްކޮށްފައި އޮތްނަމަ ދިވެހިރާއްޖެ ވެގެންދާނީ މިސަރަހައްދުގައި އެންމެ މުސައްދި އެއް ޤައުމަށް ކަމަށް އަބްދުރަޙީމް ވިދާޅުވިއެވެެ.
އަބްދުރަޙީމް ވިދާޅުވީ، ބޭރުފައިސާގެ ޤާނޫނު ރާއްޖޭގައި މީގެ ކުރިން ފާސްކޮށްފައިއޮތްނަމަ ދިވެހި ރާއްޖޭގެ ރިޒާވްގައި ފައިސާ މަދުވެގެން އުޅޭކަން ނުޖެހޭނެ ކަމަށާއި އަދި ބޭރު ފައިސާގެ ވަރުގަނދަ ރިޒާވެއް އޮތް ޤައުމަކަށް ދިވެހިރާއްޖެ ވެގެންދާނެ ކަމަށެވެ.
ބްލެކް މާރކެޓްގައި 15 ރުފިޔާއަށް ހުރި ޑޮލަރު 40 ރުފިޔާއަށް ނުވަތަ 19 އަށްހުރި ޑޮލަރު 20 ރުފިޔާއަށް އަރައިގެން ނުދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ 30 އަހަރުގެ ކުރިން މި ޤާނޫނު އޮތްނަމަ، އެމްޑީޕީގެ ވެރިކަން ފެށިގެން އައިރު ޑޮލަރުގެ ރޭޓު ހުރި ވަރަށް ވުރެ ދަށަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އަބްދުރަހީމް ވިދާޅުވިއެވެ.
ނަމަވެސް އެކަން ނުކޮށް އޮތުގެ ނަތިއްޖާއަކަށް ވެގެން ދިޔައީ މިއަދު ޤައުމު މި އޮތް ޙާލަަތަށް ދިއުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ޙާލަތުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމެވީ ބޭރު ފައިސާއާއި ބެހޭ ޤާނޫނެއް މަޖިލަށް ގެންނެވުމަށް ކަމަށެވެ. އަދި އެ ބިލު ފޮނުވައި ދިރާސާ ކުރުމުގައި އެކަމާއި ގުޅުންހުރި ފާރާތްތަކާއި އެކު މަޝްވަރާ ކުރެއްވި ކަމަށާއި އަދި އެ ބޭފުޅުން އެދިވަޑައިގަތް ގިނަ ކަންތައްތައް ހައްލު ކޮށްދެއްވައިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ބޭރު ފައިސާއާއި ބެހޭ ބިލު ރައްޔިތުން މަޖިލިހުން ވަނީ 56 މެމްބަރުންގެ ވޯޓާއެކު މިއަހަރުގެ މަޖިލިހުގެ ފަހު ދައުރުގައި ފާސްކޮށްފައެވެ.

