އަލިފާނުގެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދައި ހުލުވި ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިއްޔެގެ ހެނދުނު 06:30 ހާއިރު އެންމެ ފުރަތަމަ ރިޕޯޓު ކުރީ ހައުސިން މިނިސްޓްރީގައި އަލިފާން ރޯވެފައިވާކަމަށެވެ. އޭގެ ފަހުން އެ އަލިފާންގަނޑު ވަރަށް ބޮޑަށް ފަތުރި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެންވައިރޮމެންޓް މިނިސްޓްރީގެ ބްލޮކުގައި ވެސް ރޯވީއެވެ.
މުޅި އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް ހަތަރު ގަޑިއިރު ހޭދަވީއިރު، ރޯވުމަށް މެދުވެރިވި ސަބަބެއް އަދިވެސް ސާފެއް ނޫނެވެ. އެހެން ނަމަވެސް ލިބުނު ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި ބޮޑަށް ބެލެވެނީ ކަރަންޓު ސޯޓެއްވީކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ބޮޑުބައެއްގައި ލަކުޑިއާއި، ޓިނު ބޭނުންކޮށްފައި ވެއެވެ. އަދި ޑެގު އަޅައި ފްލޯތައް ނަގާފައި ހުރިއިރު އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ފެތުރުގެން ދިޔައީ އެ ސަބަބާއި ހުރެކަމަށް ބެލެވެ އެވެ.
މި އިމާރާތަކީ 2008 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ މަސައްކަތްތަކަށް ވަގުތީ ގޮތުން އެޅި އިމާރާތެކެވެ.
އިމާރާތުގައި ހުރި މުހިންމު ލިޔެކިއުންތައް ހޯދައި ނެރުނުމުގެ މަސައްކަތްތައް ކުރިޔަށް ދާއިރު އިއްޔެ ވެސް ގިނަ އަދަދެއްގެ ފައިލުތައް ނެރެފައި ވެއެވެ.
މިނިސްޓްރީތަކުގެ ހިދުމަތް ވީހާވެސް އަވަހަށް ފެށުމުގެ ގޮތުން މިހާރު ދަރުބާރުގެ އެކަމަށް ހާއްސަކޮށް ސްޓޭޝަންތައް ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިނިސްޓްރީތަކުގެ މަސައްކަތް ބަދަލު ކުރުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްޓެލްކޯ ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރޯވި އިމާރާތުގައި ހިދުމަތް ދެމުން އައި މާލެ ސިޓީ ކައުންސިލްގެ ސެކްޝަން ވަނީ ހުޅިމާލެއަށް ބަދަލުކޮށްފަ އެވެ. އަދި އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ބެލެވޭ ގޮތުގައި ބަދަލުވާނީ އެންވައިރޮމެންޓް މިނިސްޓްރީއާއި އެއްތަނަކަށެވެ.

