އުނގޫފާރު ރިޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް 24 ގަޑިއިރު މަސައްކަތް ކުރެވެމުންދާކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވި ގޮތައް އުނފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބައްލައި އެކަން ބާރު ސުޕީޑުގައި ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތްދޭން ފެށުމަކީ ޓާރޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށެވެ.
މީގެއިތުރުން ސަރުކާރުން ވޭޕްމަނާ ކުރުމާއި ދުންފަތާ ދުރުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވައި ނާޒިމް ވިދާޅުވީ މިއީ ރައްޔިތުންގެ ހައްގުގައި ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުމަކީ ދުނިޔޭގެ ހުރިހާ ގައުމަކުން އެއްކަމަކަށް އެއްބަސްވާނަމަ އެއްބަސްވާނެ އެއްކަންތައްކަން ފާހަގަކުރެއްވި އެވެ.
ހަމައެހެންމެ ދުންފަތާ ދުރުވުމަށް އެހީވުމަށް ”ޓޮބޭކޯ ސިޒޭޝަން ކްލިނިކް“މުޅި ރާއްޖޭގައި ހިންގުމަކީ ކުޑަކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެއިން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރައިމަރީ ހެލްތް ކެއާ ނިޒާމް ވަރުގަދަކޮށް އެ ނިޒާމަށް މީހުން ހޭލުންތެރިކުރުމަށް ފަށާ މަސައްކަތަކީ ދުޅަހެޔޮ މުޖުތަމައުއެއް އޮތުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.
ގިނަ ޑޮކްޓަރުން ތިބުމަކީ ސިއްހީ ނިޒާމްގެ މުޅި ހައްލު ނޫން ކަން އެއީ ދުނިޔެދައްކަމުންދާ ހަގީގަތްކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރުގެ ސިއްހީ ނިޒާމް ބައްޓަން ކުރެވިފައި ހުރީ ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ދޭ ސަމާލުކަން އިތުރުކޮށް ހަމައެއާއެކު ބޭސްފަރުވާ ކުރަން ޖެހޭ ހާލަތުގައި ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ ނިޒާމް ތަންފީޒު ކުރުމަށް ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ އާސަންދަ ނިޒާމް ހަރުދަނާކޮށް އެ ނިޒާމުން އެންމެ ރަނގަޅު ފައިދާ ދިވެހި ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރުވެސް އާސަންދަ ނިޒާމްގެ ތެރެއިން ލިބެމުންދާ އެއްވެސް ހިދުމަތެއް އެއްވެސް ރައްޔިތަކަށް އުނިވެގެންނުދާނެ ކަމަށް ފާހަގަ ކުރެއްވިއެވެ.

