ދިވެހިރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބް، ސަފީރު ކަމުގެ ފަތްކޮޅު، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގ އަށް އަރުވައިފި އެވެ.
ފަތްކޮޅު އެރުވުން އޮތީ ބެއިޖިންގ ގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލް ގައި މިއަދު އޮތް ޚާއްޞަ ރަސްމިއްޔާތެއް ގައެވެ.
ފަތްކޮޅު އެރުވުމަށްފަހު ސަފީރު ފަޒީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުން ގެ ފަރާތްޕުޅުން ރައީސް ޝީ އަށާއި ޗައިނާ ގެ ރަހުމަތްތެރި ރައްޔިތުންނަށް އެންމެހެޔޮ އެދުންތަކާއި ވެދުމާއި ސަލާން އަރިސްކުރައްވާފައެވެ.
ދިވެހިރާއްޖެ އިން ޗައިނާއަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމާ ސަފީރު ޑރ. ފަޒީލް ނަޖީބް ހަވާލުވެވަޑައިގަތުމުން ޝީ ޖިންޕިންގ ތަހުނިޔާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާ އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވިއެވެ.
ދިވެހިރާއްޖެ އާއި ޗައިނާ ސިޔާސީ ގުޅުން ގާއިމުކުރީ 14 އޮކްޓޫބަރު 1972 ގައެވެ.
އެމްބެސެޑަރ ފަޒީލް އަކީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައެޅި ފަސްވަނަ ސަފީރެވެ.

