ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލްޓި ޕާޓީ ޑިމޮކްރަސީގައި، ވަކި ހިއްޕާލެވެނީ އަބަދުވެސް ދެޕާޓީއަކަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ މަލްޓި ޕާޓީ ޑިމޮކްރަސީއެއް އޮންނަ ޤައުމެއްކަމަށް ބުނެވެއެވެ. އެހެން ބުނެވެނީ ފަހަރެއްގައި ރާއްޖޭގައި އެތައް ނަމެއްގައި، އެތައް ކުލައެއްގައި، އެތައް ލޯގޯއެއްގައި ޕާޓީތައް އުފައްދާފައިވާތީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް، މަލްޓި ޕާޓީ ޑިމޮކްރަސީގެ ޙަޤީޤީ އަސާސަކީ އެއީބާއެވެ؟ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ މަފްހޫމަކީ، ސިޔާސީ ޙަރަކާތެއް، އުރަތްޕެއް ނެތް ނަމަވެސް ނަމެއްގައި ގިނަ ޕާޓީތަކެއް ވުޖޫދުވެފައި އޮތުންބާއެވެ؟

އިންޑިއާގެ ތަޖުރިބާކާރެއް ވިދާޅުވާ ގޮތުގައި މަލްޓި ޕާޓީ ޑިމޮކްރަސީން ދޭހަކޮށްދެނީ ބާރުތަކުގެ މިނިވަންކަން ނެގެހެއްޓޭނީ ހަމައެކަނި އެންމެން އެއް ފިކުރެއްގައި ތިބެގެން ނޫން ކަމެވެ. އޭގެ ބަދަލުގައި މަލްޓި ޕާޓީ ޑިމޮކްރަސީއަކީ އެކި ހިޔާލުތަކާއި ފިކުރުތަކުގެ މެދުގައި އުފެދޭ ވާދަވެރިކަމާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ޖަވާބުދާރީވުމަށް އުފެދިގެންދާ އަސާސެއްކަމަށް ދެކިލައްވައެވެ.

ހަގީގީ ޑިމޮކްރަސީ ޖުމްހޫރިއްޔަތަކީ، ރައްޔިތުންގެ މިނިވަން އަޑުކަމަށް ބުނެ 1900 ގެ އަހަރުތަކުގައި ލިޔެފައިވާ ލިޔުންތައްވެސް އެބަހުއްޓެވެ. ހަގީގީ ޑިމޮކްރަސީއަކީ މަޝްވަރާއިން އުފެދި ނިކުންނަ އަޑުކަމަށާއި، ރައްޔިތުންގެ މިނިވަން އަޑަކީ، އެއްޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ޑިމޮކްރަސީ ސިޔާސަތުކަމަށް ބުނެއެވެ.

ސުވާލަކީ ރާއްޖޭގައި ކަން ހިނގަނީ އެމަގުންތޯއެވެ؟ ރާއްޖޭގައި އެކި ހިޔާލުތަކާއި ފިކުރުތަކުގެ ވާދަވެރިކަމެއް ފެންނަން އެބައޮތްބާއެވެ؟ ކަންކަން ނިންމާއިރު، ހުރިހާ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހަމަ ހަގީގަތުގައިވެސް ހިމެނޭބާއެވެ؟

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި 11  ޕާޓީ ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް، ސިޔާސީ ޕާޓިއަކުން ކުރަން ޖެހޭ މަސައްކަތްތަކާއި، ކުރިއަށް ގެންދަން ޖެހޭ ހަރަކާތްތައް ކިރިއާވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސް، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފައިތިލަ ސާބިތުކޮށްދެވުނީ ދެތިން ޕާޓީއަކަށެވެ. އެއް ޕާޓީއަށް ކުރި ހޯދެނީ އަނެއް ޕާޓީ ވުޖޫދުން ފޮހެވިގެން ގޮސް، ނިޒާމުން ގެއްލުނީމައެވެ. ނުވަތަ ނިޒާމުން ގެއްލުވާލައިގެންނެވެ. ހަގީގީ މާނައިގައި މިނިވަންކަމާއިއެކު ސިޔާސީ ޕާޓީތައް ހިންގުމުގެ ފުރުސަތު ޕާޓީތަކަށް ދީގެން ކުރިއަށްދާ މަންޒަރެއް ނުފެނެއެވެ. އަބަދުވެސް އޮންނަނީ ވަކި ދެ ޕާޓީއެކެވެ. ބޮޑަށް އޮންނަ ދެ ޕާޓީއިން ދެން ހުރި ސިޔާސީ ޕާޓީތަކުގެ އަޑު ކަނޑުވާލައެވެ.

މުޅިން އާ މަގްސަދެއްގައި، އާ ރޫހެއްގައި ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށާއި ޑިމޮކްރަސީ އަލުން ދިރުވާ އާލާ ކުރުމަށް އުފައްދާ ޕާޓީތައްވެސް ފެނިގެން ދަނީ ބޮޑު ޕާޓީގެ ނިވާ ފަތްގަނޑަށް ވަންނަ މަންޒަރެވެ. މިހެން ގޮސް ހަމަ އެހުރިހާ ޕާޓީއެއްގެ އަޑަކީވެސް ބޮޑު ޕާޓީގެ އަޑަށްވެ، ރަނގަޅު ބިނާކުރަނިވި މަސައްކަތްތަކެއް، މަޝްވަރާތަކެއް ކުރެވޭ މަންޒަރެއް ނުފެނެއެވެ. އެތައް ޕާޓީއެއް ރަޖިސްޓްރީ ކުރެވިފައި އޮތަސް، ބަސް ވިކޭ، އެބަޔަކު ކުރާ މަސައްކަތް ބަލައިގަނެ، އޭގައި ބުރަދަނެއް ހުރިކަމަށް ރައްޔިތުން ދެކޭ ޕާޓީތައް މަދެވެ.

ތާރީހު ބަލާލަމާ ހިނގާށެވެ. ފެށިގެން އައީ އެމްޑީޕީއާއި ޑީއާރުޕީއާއި ހިސާބުންނެވެ. އެ ވިދާޅުވާ މަލްޓި ޕާޓީ ޑިމޮކްރަސީގައި އޭރު އޮތް ދެ ޕާޓީއަކީ އެއީއެވެ. އަބަދުވެސް ވަކި ހިޕާލައިގެން އޮވެވެނީ ދެ ޕާޓީއަކަށޭ މި ދަންނަވާ ސަބަބު ތަފްސީލުކޮށްލާނަމެވެ. ޑީއާރުޕީގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކަކަށްފަހު ޕީޕީއެމް އުފެދުމާއިއެކު ޑީއާރުޕީގެ އަޑު އެކީ ކެނޑުނީއެވެ. ޕީޕީއެމްގެ އަޑު ގަދަވެ، ޕާޓީގެ ހަރަކާތްތައް ވަރުގަދަވުމާއިއެކު ޑީއާރުޕީ ވުޖޫދުން ގެއްލިއްޖެއެވެ. މިހާރަށް ބަލާއިރު، ޕީއެންސީއަށް މިއަދު އެ އޮތް ތަނުން ޖާގައެއް ލިބުނީ ޕީޕީއެމް ވުޖޫދުން ފޮހެލައިގެންނެވެ.

މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަގީގަތުގައި ވަކި ހިއްޕާލެވިފައި އޮތީ އެމްޑީޕީއާއި ޕީއެންސީއަށެވެ. ސަރުކާރުގެ ސިޔާސަތަކަސް، ރައްޔިތުންގެ މަޖިލީހު މަޖިލީހުގެ މަސައްކަތަކަސް އަދި އެނޫން ކަމެއް ނަމަވެސް، ކަމެއްގައި މަޝްވަރާ ނުވަތަ ބަހުސެއް ކުރާނަމަ އަބަދުވެސް އެކަމެއްގައި ރިޔާއަތް ކުރަނީ އެ ދެ ޕާޓީގެ ބަހަށެވެ. މަޖިލީހުގެ ކޮމިޓީއަކަށް ހުރިހާ ސިޔާސީ ޕާޓީއެއް ގެންގޮސް ބައްދަލުވުންތަކެއް ބޭއްވި ނަމަވެސް އެކަންކަމުން އެކަށީގެންވާ ނަތީޖާތަކެއް ނެރޭ މަންޒަރެއް ނުފެނެއެވެ.

ރާއްޖޭގައި މިއޮތް ނިޒާމު ހަގީގަތުގައި އޮންނަން ޖެހޭނީ އެންމެންގެ ބައިވެރިވުމާއިއެކު ކުރިއަށް ދެވޭނެ ގޮތަށްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިގޮތަށް ނިޒާމު ބައްޓަންކޮށް، އެ ވިދާޅުވާ ”ޑިމޮކްރަސީ“ ގެ ހަގީގީ މަންފާ ލިބޭނީ، އެ މަންފާ ހޯދުމަށް ސިޔާސީ ޕާޓީތަކުންވެސް މަސައްކަތްކޮށްގެންނެވެ. ނަމެއްގައި ޕާޓީއެއް އުފެއްދާ، އީސީގައި ރަޖިސްޓްރީކުރުމަކުން ނުނިމޭނެއެވެ. އަދި ކޮށްލާ ޓުވީޓަކުން، ފޭސް ބުކްގައި ޖަހާ ސްޓޭޓަސްއަކުންވެސް މި ހައްގެއް ކަށަވަރެއް ނުވާނެއެވެ.

ޙަޤީޤީ މަލްޓި ޕާޓީ ޑިމޮކްރަސީއެއް ޤާއިމުކުރުމަށްޓަކައި، ހުރިހާ ސިޔާސީ ޕާޓީތަކަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހެއެވެ. އަދި އެ ޕާޓީތަކުން އެ ފުރުސަތުތައް ބޭނުންކޮށްގެން ރައްޔިތުންނަށް ޚިދުމަތްކުރުމަށް މަސައްކަތްކުރަންޖެހެއެވެ. ހަމައެއާއެކު، ރައްޔިތުންވެސް ތަފާތު ވިސްނުންތަކާއި ޚިޔާލުތަކަށް ހުޅުވިގެންވާ، އަދި އެ ޚިޔާލުތަކަށް އިޙްތިރާމްކުރާ ބަޔަކަށް ވާންޖެހެއެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގައި ޙަޤީޤީ މަލްޓި ޕާޓީ ޑިމޮކްރަސީއެއް ޤާއިމުކުރުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ. ހަމައެކަނި ދެ ޕާޓީއަކަށް ބާރު ލިބިގެން ދިއުމުގެ ބަދަލުގައި، ހުރިހާ ޕާޓީތަކަކަށްވެސް ހަމަހަމަ ފުރުސަތު ލިބި، އެ ޕާޓީތަކުގެ އަޑު އިވި، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބޭނެ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު ކަމެކެވެ. މިކަން ޙާޞިލުކުރެވޭނީ ސިޔާސީ ޕާޓީތަކާއި، ސަރުކާރާއި، ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެންނެވެ. އޭރުން އެކަނި ރާއްޖޭގައި ޙަޤީޤީ މަލްޓި ޕާޓީ ޑިމޮކްރަސީއެއް ޤާއިމުކުރެވި، އޭގެ މަންފާ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: