ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024: ޓްރާންސްޕޯޓު ދާއިރާ ހަރުދަނާކުރުމަށް ރޭވުންތަކެއް އެކުލެވުނު އަހަރެއް!

މިނިސްޓަރު އަމީން:ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތަކާއި އާންމު ހިދުމަތްތަކަށްވެސް ޓަރާންސްޕޯޓު ދާއިރާގެ މަސައްކަތްތައް ހަރުދަނާވެގެންދިއުން މުހިންމެވެ. ރާއްޖެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއިއެކު މި ދާއިރާ ފުޅާވެ ބޮޑެތި މައްސަލަތައްވެސް އުފެދެމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ކަނޑާއި އެއްގަމުގެ އުޅަނދުތައް ގިނަވަމުންދިއުމާއި، އެކަމުގެ ސަބަބުން އުފެދޭ މައްސަލަތަކަށް ހައްލުތަކެއް ހޯދަންޖެހިފައިވާކަން ފެނިގެންދެއެވެ. އެ މަސައްކަތްތަކުގައި ޝާމިލުވާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ މި ދާއިރާ ހަރުދަނާކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި މަސައްކަތްތަކެއްކޮށްފައެވެ. ނަމަވެސް އަދި އެންމެ އެދެވޭ މިންވަރަށް ކާމިޔާބީ ހާސިލުކުރެވިފައިނުވާއިރު، އެ މިސްރާބު ޖެހިފައިވާކަމަކީ ޔަގީނުންވެސް ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.

ރާއްޖޭގެ މަސައްކަތްތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު މި ދާއިރާގެ މަސައްކަތްތަކަށް ބަލާލުމުން ފެނިގެންދެއެވެ. އެގޮތުން ކައުންސިލުތައް ބާރުވެރިކޮށް ސަރުކާރުންވަނީ އުޅަނދުފަހަރުގެ އަހަރީ ފީ ކައުންސިލްތަކަށް ލިބިގެންދާނެ ގޮތަކަށް ކަނޑައަޅައިދީފައެވެ.

ޓެކްސީގެ ހިދުމަތަކީ މި ދާއިރާގެ އެންމެ މުހިންމު އެއް ގުނަވަނެވެ. ޒަމާންތަކުގެ މަތިން އަމިއްލަ ގޮތުން އެކި ފަރާތްތަކުން މި ހިދުމަތް ފުޅާކޮށް ހަރުދަނާކުރަމުން އައިސްފައިވާނަމަވެސް ރަސްމީ ސިފައެއްގައި އެހެނިހެން ދާއިރާތަކުގެ މަސައްްކަތްތެރިންނަށް ލިބޭ ބައެއް އުފާތަކުން މި މަސައްކަތްތައް ކުރިއަށް ގެންދާ ފަރާތްތައް ތިބެނީ ދުރުގައެވެ. އެ ހިތްދަތިކަމަަށް ހައްލެއް ގެނައުމުގެ މަގުސަދުގައި ޑްރައިވަރުންނަށް ހާއްސަ ދަފްތަރެއް ކަނޑައަޅައި އެއީ ބެންކުތަކާއި އެފަދަ އެހެން ތަންތަނުން މަސައްކަތްތެރިންގެ ގޮތުގައި ބަލައިގަންނާނެ ބަޔަކަށް ހެދުމަށް އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. އަދި ޓެކްސީ ޑްރައިވަރުންނާއި ފަސިންޖަރުންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި އައު އުސޫލުތައް ތައާރަފްކުރުުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ. ޓެކްސީ ލައިނުގެ އުސޫލަކީ މިފަދަ އިންތިޒާމެކެވެ.

މާލެ ސަރަހައްދު އޮތީ ތޮއްޖެހިފައެވެ. ހައްލެއް ލިބިގެންދާނެކަމުގެ އުންމީދެއް މީގެ ކުރިން ކުރެވިފައިނުވެއެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯދުމުގެ އަމާޒުގައި މަސައްކަތްތައް ފަށައި، ރައީސް ޑރ މުހައްމަދު މުއިއްުޒުގެ ސަރުކާރުންވަނީ މާލެ ސަރަހައްދުގައި ތިބި އަޅާލާނެ މީހަކު ނެތް ބާވެ ހަލާކުވެފައިވާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ.

މަގުތައް ތާށިވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ އުޅަނދުތައް ޕާކުކޮށްފައިހުރުން ބޮޑު ދައުރެއް އަދާކުރެއެވެ. މި މައްސަލައަށް ހައްލެއް ގެނައުމުގެގޮތުން ސަރުކާރުންވަނީ ޕާކިންގް އިމާރާތްތައް ބިނާކުރެވެންދެންވެސް އެކަމަށް ހައްލުތަކެއް ގެނައުމަށްޓަކައި ޖާގައިގެ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 23،000 އަކަފޫޓުގެ ބިމެއްގައި މެކޭނިކަލް ޕާކިންގް ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާއިރު އެޗްޑީސީ އަދި ފިނޭންސް މިނިސްޓްރީއާއި ޓްރާންސްޕޯޓު މިނިސްޓްރީއިންވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މައުލޫމާތުތައް ރައީސް އޮފީހަށް ހުށައަޅާފައިވާކަން މީގެ ކުރިން މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.

މި މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމުގެ މަގުސަދުގައި ޓްރާންސްޕޯޓުންވަނީ މާލެ ސަރަހައްދުގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދުތައް ކަނޑައެޅުމުގެ ގޮތުން މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ، މިހާރު އެކޖަަން ކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލާއި ހަވާލުކުރެވިފައިވާކަން ފާހަގަކުރެވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިކަމުގައި ވަކިގޮތެއް ނިމިގެންދާނެކްަމަށް ބެލެވެއެވެ.

ސިނާއީ ބޭނުންތަކުގައި ބޮޑެތި އުޅަނދުފަހަރު މަގުތައް މައްޗަށް ނެރުމުގެ ސަބަބުން ތާށިވެގެންދިއުމަކީ ވަރަށް ގިނައިން ފެނިގެންދާ މަންޒަރެކެވެ. ސަރުކާރުންވަނީ މިކަމަށް ހައްލެއް ގެނައުމަށްޓާކައި އެފަދަ އުޅަނދުތަކާއި މުދާ އުފުލުމުގެ މަސައްކަތްތައް ކުރުމަށް ވަކި ގަޑިއެއް ކަނޑައެޅުމަށް ރާވާފައެވެ. އަދި މިކަމުގައި މަސްލަހަތު ހިމެނޭ ފަރާތްތްކާއިއެކު އެކަށީގެންވާ އިންތިޒާމެއްގެ މަޝްވަރާތައް ކުރެވެމުންދާކަމަށް މައުލޫމާތު ދީފައިވެއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ނިމުމަކަށް ގެނައުމަށްޓަކައިވެސް ފިޔަވަޅުތައް އެޅިފައިވެއެވެ. ނިމިދިޔަ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ޑޮމެއިންގެ މައްސަލައާއި ގަރާޖު ސިޓީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވެއެެވެ. މިފަދަ މައްސަލަތައް ނައްތާލުމުގެ ނިޔަތުގައި ސަރުކާރުންވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމަށް ބޭނުންކުރަމުން އައި ސޮފްޓްވެއަރ ބަދަލުކޮށްފައެވެ. ބޭނުންކުރަމުން އައިސްފައިވާ ސޮފްޓްވެއަރގައި ސެކިއުރިޓީ ފީޗާޒް މަދުކަމަށްވުމުން އެއީ އެންމެ އެކަށީގެންވާ ވަސީލަތެއް ނޫންކަން ސަރުކާރުން ހާމަކޮށްފައިވެއެވެ.

ގަރާޖުސިޓީގެ މައްސަލަ ހައްލުކުރުމަށްވެސް ފިޔަވަޅު އަޅާފައިވެއެވެ. މިގޮތުން ރަޖިސްޓްރީ ކުރުމަށް ހުށައަަޅާ ގަރާޖުގެ މައުލޫމާތުތައް ކަށަވަރުކުރަން ފަށާފައިވާއިރު އެތަނަކީ ހަގީގަތުގައިވެސް އުޅަނދު ޕާކުކުރުމަށް ބޭނުންކުރެވޭނެ ތަނެއްކަން ބެލުމުގެ ގޮތުން އިންސްޕެކްޝަން މަސައްކަތްތައް ފަށާފައިވެއެވެ.

ރާއްޖޭގެ ވައިގެ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތްތައްވެސް ސަރުކާރުން ކުރިއަށް ގެންދާއިރު، ވެލާނާ އިންޓަރނޭޝަން އެއަރޕޯޓުގެ ތަރައްގީގެ މަސައްކަތްތަކާއި އެތަނުގެ ވަސީލަތްތައް އައުކުރުމުގެ އިތުރުން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް މި އަހަރުގެ ތެރޭގައި މަސައްކަތްތައް ކުރެވިފައިވެއެވެ. ނަމަވެސް މިކަމުން މައިގަނޑު ގޮތެއްގައި އަސަރުކުރާނީ ފަތުރުވެރިކަމުގެ ދާއިރާއަށްކަމަށްވުުމުން ތަފްސީލުތަކަށް ނުދާނަމެވެ. މި މަސައްކަތްތަކުގެ ބެލެނިވެރި ފަރާތަކީ އެމްއޭސީއެލްއެވެ. ނަމަވެސް މަސައްކަތްތައް ކުރެވެނީ ޓްރާންސްޕޯޓާއި ޓުއަރިޒަމް މިނިސްޓްރީގެވެސް މަޝްވަރާއާއިއެކުއެވެ.

ޓްރާންސްޕޯޓުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ގާނޫނީ ގޮތުން ބޭނުންވާ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައްވެސް ކުރެވިފައިވެއެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތަކާއިމެދު އަމަލުކުރާނެ ގޮތުގެ ގަވައިދަށް އިސްލާހު ގެނައުމާއި 7 ގޮނޑިއަށްވުރެ އިތުރު ސީޓު ހުންނަ އުޅަނދުތަކުން ހިދުމަތްދޭނެ އަގު ކަނޑައެޅުން ހިމެނެއެވެ.

ލައިސެންސް ނެގުމުގެ ބޭނުމުގައި މާލެ ސަރަހައްދަށް އަންނަން ޖެހުމަކީ އާންމު ރައްޔިތުންގެ ދިރިއުޅުމުން ބޮޑެތި ވަގުތުތަކެއް ބޭކާރުވެގެންދާ ކަމެކެވެ. މި އަހަރުގެ ތެރޭގައި މިކަމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ. އެގޮތުން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި އަތޮޅުތަކުގައި އެ މަސައްކަތްތައް ކުރަމުންދާ މުއައްޒަފުންގެ ތަމްރީނު ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވުން ފާހަގަކުރެވެއެވެ.

ޓްރާންސްޕޯޓު މިނިސްްޓްރީން ކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ މާލެ ފަހިގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކުރުމެވެ. މިއީ މާލެ ސަރަހައްދުގައި ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކެކެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ހާއްސަކޮށް އެކުލަވާލި ކޮމިޓީއެއްގެ ލަފާގެ މަތިންނެވެ. މައިގަނޑު މަގުސަދަކީ ފައިމަގުގައި އުޅުމަށާއި އުޅަނދުތަކުގައި ދުއްވާ އުޅުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްތަކުގައި ޝާމިލުވެ އުޅޭއިރު ގިނަ އަދަދެއްގެ މީހުންނަކީ މަސައްކަތްތަކުގައި އުޅަނދުތަކުގެ ބޭނުން ހިފާ މީހުންނެވެ. އެހެންކަމުން ސަރުކާރުންވަނީ ބިދޭސީންގެ ޑްރައިވިންގ ލައިސެންސް ކޮންވާޝަން މަސައްކަތްތަކަށް މުހިންމު ބަދަލެއް ގެނެސްފައެވެ. ކުރިން 10 އަހަރުގެ މުއްދަތަށް ދޫކުރެވުނު ލައިސެންސް، މިހާރު ކޮންވާޓުކުރާ ލައިސެންސްގެ މުއްދަތަށް ހަނިކުރެވޭނެއެވެ. އަދި ކޮންވާޝަނަށް ދުއްވުމުގެ ޓެސްޓު ހެދުން ލާޒިމުކުރުމަށް މިނިސްޓްރީންދަނީ ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ޓޯކުރާ އުޅަނދުތައް ރައްކައުތެރި މާހައުލެއްގައި ބެހެއްޓިގެންދިއުމަކީ އެކަމާއި ކުރިމަތިލާ ކޮންމެ މީހަކުވެސް އެދޭނެ ކަމެކެވެ. ނަމަވެސް މީގެ ކުރިން އެކަން އޮތީ އެންމެ އެކަށީގެންވާ އިންތިޒާމެއްގެ މަތިނެއް ނޫނެވެ. މި ކަންބޮޑުވުމަށް ހައްލެއް ގެެނައުމުގެ ގޮތުން ސަރުކާރުންވަނީ މާލެ ޓޯޔާޑުގެ ޖާގައިގެ ދަތިކަމަށް ރިއާޔަތްކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކާރު ޕާކުކުރުމަށް ކަނޑައެޅި ސަހަހައްދުން ބައެއް ޓޯކުރާ އުޅަނދުތައް ބެހެއްޓުމަށް ހާއްސަކޮށްފައެވެ. މިކަމުގެ ސަބަބުން އުޅަނދުތަކަށް ގެއްލުންތައް ލިބިގެންދިއުމުގެ ކަންބޮޑުވުން ކުޑަވެ ޓްރެފިކް މެނޭޖުކުރުމުގެ މަސައްކަތްތަކުގައި އައު ހިތްވަރެއް ޖެހިގެންދާނެކަމަށް ބެލެވެއެެވެ.

މާލެ ސަރަޙައްދުގައި ތިބި އެހެނިހެން ޒޯންތަކަށް ރެޖިސްޓްރީކުރެވިފައިވާ އުޅަނދުފަހަރު މާލޭގެ ޒޯނަށް ބަދަލުކުރުމުގެ ފުރުޞަތު ދެވި، އެކަން ފުރިހަމަވަންދެން ޚާއްޞަ ސަރަޙައްދެއް ކަނޑައެޅިފައިވެއެވެ.

ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްވެސް މަސައްކަތްކުރެވެއެވެ. މީގެ ތެރޭގައި ކުރިން ހުއްޓާލާފައިވާ ޑޮމެއިން ދޫކުރުމުގެ މަސައްކަތް އަލުން ފެށުމަށް ރޭވިފައިވެއެވެ. މިކަމަށްޓަކައި އުސޫލުތަކެއް އެކުލަވާލައި، ގަވާއިދަށް އިޞްލާޙު ގެނެސް، އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވެއެވެ.

ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު ދާއިރާތައް ކުރިއެރުވުމަށް، ދަނޑުވެރިކަމަށް ޚާއްޞަ އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ އިސްތިސްނާކުރުމާއި، ޓަނޭޖް ކަނޑައެޅުމަށް ގަވާއިދުތަކަށް އިޞްލާޙު ގެނެސް، އެޓަރނީ ޖެނެރަލްގެ ލަފައަށް އެދިފައިވެއެވެ.

މިނިސްޓްރީއިންދަނީ ޕާކިންގް އިމާރާތްތަކެއް ބިނާކުރުމަށްޓަކައި އެޗްޑީސީއާއި ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ތައްޔާރުވަމުންނެވެ. މިވަގުތު ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބިފައިނެތްނަމަވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި މިކަންކަން ތަންފީޒުކޮށް ވަސީލަތްތައް ބިނާކުރެވުމާއިއެކު މައްސަލަތައް ހައްލުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނަކަމަށް އުންމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: