އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަބުރާ ބެހުނު މައްސަލައިގައި އޭބީސީ ނިއުސްއިން ބަދަލުގެ ގޮތުގައި ޓްރަމްޕަށް 15 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވެއްޖެއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އޭބީސީ ނިއުސްއިން އެ ފައިސާ ދިނުމަށް އެއްބަސްވެފައިވަނީ އަބުރުގެ ދައުވާގެ މައްސަލަ ނިންމުމަށްޓަކައެވެ.
މި ދައުވާއަކީ 10 މާރޗުގައި ދެއްކި އިންޓަރވިއުއެއްގެ ތެރެއިން އޭބީސީ ނިއުސްގެ ޖޯޖް ސްޓެފަނޯޕޮލަސް ދެއްކި ވާހަކައަކާ ގުޅިގެން ކުރި ދައުވާއެކެވެ. އެގޮތުން އޭނާ ވަނީ ޓްރަމްޕްގެ މައްޗަށް ރޭޕްގެ ދައުވާ ސާބިތުވެފައިވާކަމަށް ދޭހަވާ މޭރުމުން ތަކުރާރުކޮށް ވާހަކަ ދައްކާފައެވެ.
އެހެންނަމަވެސް ރޭޕްގެ ކުށަކީ އެއްވެސް އިރެއްގައި ޓްރަމްޕްގެ މައްޗަށް ޝަރީއަތުގައި ސާބިތުވެފައިވާ ކުށެއް ނޫނެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އޭބީސީ ނިއުސްއިން ބަދަލުގެ ފައިސާ ދޭނީ ޓްރަމްޕްގެ ކޮންމެވެސް ޗެރިޓީ ފައުންޑޭޝަނަކަށް ނުވަތަ އެފަދަ މަސައްކަތަކަށެވެ. އެއީ މީގެ ކުރިންވެސް އެމެރިކާގެ ރައީސްކަމުގައި ތިއްބެވި ބޭފުޅުން އަމަލު ކުރައްވާފައިވާ ގޮތެވެ.
އޭގެ އިތުރުން، ޓްރަމްޕްގެ ޤާނޫނީ ފީގެ ގޮތުގައި 1 މިލިއަން ޑޮލަރު ދެއްކުމަށްވސް އޭބީސީ ނިއުސްއިން ވަނީ އެއްބަސްވެފައެވެ. ހަމައެއާއެކު، މާފަށް އެދި ބަޔާނެއް ނެރުމުގެ އިތުރުން، މާރޗު މަހު ދެއްކި އިންޓަރވިއުގެ އޮންލައިން ލިންކުގެ ތިރިއަށް އެޑިޓަރުންގެ ނޯޓެއް އިތުރުކޮށް، އެކަން ސާފުކޮށްދިނުމަށްވެސް އޭބީސީން އެއްބަސްވެފައިވެއެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭބީސީ ނިއުސްގެ ތަރުޖަމާނު ވިދާޅުވީ، މައްސަލައިގައި ދެފަރާތުން އެއްބަސްވުމަކަށް އާދެވުމުން އުފާ ކުރައްވާ ކަމަށާއި، މައްސަލަ އަނބުރާ ގެންގޮސް، ކޯޓުގައި އޮތް މައްސަލަ ފައިލް ކުރުމަށް ނިންމާފައިވާތީ އުފާ ކުރައްވާ ކަމަށެވެ.
ޓްރަމްޕްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުނުވިނަމަވެސް، 1996 ގެ މައްސަލައަކާ ގުޅިގެން 2023 ވަނަ އަހަރު އޭނާގެ މައްޗަށް ޖިންސީ ކުށުގެ އެހެން މައްސަލައެއް ސާބިތުވެފައިވެއެވެ. ނަމަވެސް އޭރު ސާބިތުވި ކުށާއި، ރޭޕްގެ ކުށަކީ އެމެރިކާގެ ޤާނޫނީ ނިޒާމުގައި މުޅިން ތަފާތު ދެ ކުށެކެވެ. އަދި އެހާ ކުރީގެ މައްސަލައެއްގައި 2023 ވަނަ އަހަރު ނިއުޔޯކްގެ ސިވިލް ކޯޓުން އައި ޙުކުމަކީ ސިޔާސީ ޙުކުމެއްކަމަށްވެސް ޓްރަމްޕްގެ ޓީމުން ބުނެފައިވެއެވެ.

