ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ޖީލުގެ ކޯޑުބްރޭކަރުން ހޯދަން ޔޫކޭގެ ސްޕައިއެޖެންސީގެ ހާއްސަ ހަރަކާތެއް!

ޖީސީއެޗްކިއު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކޭގެ ޖާސޫސީ އިދާރާއަކުން އަންނަނިވި ޖީލުތަކުގެ ކޯޑް ބްރޭކަރުން ދެނެގަތުމުގެ ގޮތުން ކްރިސްމަސް ކާޑް ޕަޒަލްއެއް އާންމުކޮށްފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އިނގިރޭސި ވިލާތުގެ އިލެކްޓްރޯނިކް އެންޑް ސައިބަރ އިންޓެލިޖެންސް އެޖެންސީ ޖީސީއެޗްކިއުއިންވަނީ އެ އިދާރާއިން ކޮންމެ އަހަރެއްވެސް މި ދުވަސްވަރުގައި އާންމުކުރަމުން އަންނަ ފަދައިން ޗެލެންޖެއް އާންމުކޮށްފައެވެ. މިއީ ސީޒަނަލް ގްރީޓިންގް ކާޑެއްގެ އިތުރުން އިންތިހާއަށް ނިންމަން އުނދަގޫ ޕަޒަލްއެއްކަމަށާއި މިއީ އެފަދަ މަސައްކަތްތަކަށް ޝައުގުވެރިވާ ޒުވާން ސިކުނޑިތަކަށް މަޖާ ކަމަކަށް ވެގެންދާކަމަށެވެ.

ޗެލެންޖު އަމާޒުކޮށްފައިވަނީ 11 އަަހަރާއި 18 އަހަރުގެ ދެމެދުގެ ކުދިންނަށްކަމަށްވާއިރު ޓީމުތަކުގައި މަސައްކަތްކުރުމަށް ބާރު އަޅާ މި ހަރަކާތުގައި އެކި ވިސްނުންތައް ޖަމައުކޮށްގެން ގުޅުވައިގެން ވިސްނަންޖެހުމާއި، އީޖާދީ ހިޔާލުތައް އަދި ކެތްތެރިކަންވެސް އިސްކުރަންޖެހޭނެކަމަށެވެ. މުޅިއަކު 7 މަސައްކަތެއް ފުރިހަމަކުރަންޖެހޭ މި އަހަރުގެ ޕަޒަލްއަކީވެސް ޖީސީއެޗްކިއު ނުވަތަ ގަވަމެންޓު ކޮމިއުނިކޭޝަންސް ހެޑްކުއާޓާރސްގެ އިން ހައުސް ޕަޒްލަރުންގެ އުފެއްދުމެކެވެ. މި ކާޑު އެހެން ގައުމުތަކުގެ ނެޝިނަލް ސެކިއުރިޓީ ޗީފުންނަށްވެސް ފޮނުވާފައިވެއެވެ. މި މަސައްކަތްތައް އެންމެ ފުރަތަމަ ފެށިގެން އައީ 2015 ވަނަ އަހަރުގައިކަމަށްވާއިރު ޖީސީއެޗްކިއުގެ ވެބްސައިޓުން ލިބޭނެކަމަށާއި އިނގިރޭސި ސުކޫލު ދަރިވަރުންގެ ތިންބައިކުޅަ އެއްބައި ކުދިން މި ކާޑު ޑައުންލޯޑްކޮށްފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

އެ އިދާރާގެ ޑިރެކްޓަރު އޭން ކީސްޓް ބަޓްލާރ ވިދާޅުވީ، މިކަމުގެ ސަބަބުން ސްޓެމް ނުވަތަ ސައިންސް ޓެކްނޮލޮޖީ އިންޖިނީރިންގް އަދި މެތްސްއަށް ކުދިންގެ ޝައުގުވެރިކަން ޖެއްސޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި ސައިބަރ ސެކިއުރިޓީ އާއި އިންޓެލިޖެންސް ދާއިރާއިން ކުރިއަށް ދިއުމަށް ހިޔާރުކުރުމަށް ބާރު އެޅިގެންދާނެކަމަށްވެސް އުންމީދުކުރައްވާކަމަށެވެ.

މީޑިއާތަކުން ބުނާގޮތުން މިކަމުގެ އަމާޒުތަކުގެ ތެރޭގައި އިންޓެލިޖެންސް ދާއިރާ އާއިމެދު އުފެދިފައިވާ ނުބައި ތަސައްވަރުތައް ނައްތާލުމަށްވެސް ފަހިވެގެންދާނެކަމަށެވެ. އެގޮތުން ސުޕަރ އެޖެންޓުން އުޅޭ ޖޭމްސް ބޮންޑު ފަދަ ހިޔާލީ ފިލްމުތަކުުގެ ސަބަބުން އެ ދާއިރާގެ ހަގީގަތް އޮޅިފައިވާކަމަށެވެ. އެ އިދާރާގެ ޗީފް ޕަޒްލަރު ކޮލިން ބުނެފައިވާގޮތުން މި އަހަރުގެ ޗެލެންޖް ނިންމަން ފަސޭހަވާނީ ޓީމް ވޯކުގެ ބޭނުން ހިފައިގެންނެވެ. އޭނާވަނީ ދާއިރާގައި އިންތިހާއަށް ތޫނުފިލި މީހުން އުޅޭކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ހަގީގަތުގައި އިދާރާގެ މަސައްކަތްތައް ބަރޯސާވަނީ އެކި މަސައްކަތްތައް ކުރާ ގިނަ އަދަދެއްގެ މީހުންގެ މައްޗަށްކަން ފާހަގަކޮށްފައިވެއެވެ. އޭނާގެ މަސައްްކަތްތަކުގެ ސަބަބުން ފުރިހަމަ ނަންވަނީ ސިއްރުކުރެވިފައެވެ.

ކޮލިން ވިދާޅުވީ، ޖީސީއެޗްކިއުއިންދަނީ އެކި ބާވަތުގެ ހުނަރުތައް ހުރި ކުދިން ހޯދުމުގެ މަސައްކަތްކުރަމުންކަމަށެވެ. އެގޮތުން އެނަލިޓިކަލް މަސައްކަތްތަކަށް މޮޅު ކުދިންނާއި، އެކި ނަޒަރިއްޔާތަކުން އެއްކަމަކަށް ބަލައި ގުޅުވާލުމުގެ ގާބިލުކަން ހުރި ކުދިންވެސް ހޯދުމުގެ މަސައްކަތްްތައް ކުރަމުންދާކަމަށެވެ. އަދި ހިތްވަރު އެލުވާނުލާ މަސައްކަތްތައް ކުރިއަށް ގެންދާ މީހުންވެސް ހޯދާކަން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: