ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024: ކޯޓުތަކުން ކުރި ބައެއް ޙުކުމްތަކުގެ އުސްއަލިތައް

ދިވެހިރާއްޖޭގެ ސުޕްރީމް
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރަކީ ޝަރުއީ ދާއިރާގައިވެސް މުހިއްމު ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ. އެގޮތުން 2024 ވަނަ އަހަރު ޝަރުއީ ދާއިރާއިން ކުރެވިފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރެއިން ކޯޓުތަކުން ކޮށްފައިވާ ބޮޑެތި ޙުކުމްތަކަށް ބަލާލާނަމެވެ.

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެންމެންވެސް ސަލާމަތްވި

ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ  ޙުކުމްކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އެގޮތުން 25 ފެބްރުއަރީ 2025 ގައި ކުރި މި ޙުކުމުގައި ނިންމާފައިވަނީ ދައުވާލިބޭ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

އެހެންނަމަވެސް އެ ނިންމުން ދައުލަތުން މިހާރު ވަނީ އިސްތިއުނާފު ކޮށް، އިސްތިއުނާފު އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ.

ރ. މީދޫ، މުހައްމަދު އަނަސް: އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރު ތެރޭގައި

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ، ޖުނައިހު ޢަބްދުﷲ އާއި، ހަސަން މަހްފޫޒާއި، މުޙައްމަދު ޝާޒާއި، ސިމާހް މޫސާ އެވެ.

މި މައްސަލައިގައި އަނަސްއަށް ޙަމަލާ ދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވި ކަމުގެ ދަޢުވާ ލިބޭ 3 މީހުންނަކީ އަޙްމަދު ޒަޔާނާއި، އުސްމާން ޝަރީފް އަދި އަފްރާހު އަބްދުއްރައްޒާޤުއެވެ.

11 އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައި މަރުވި މީހެއްގެ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދިނުމަށް ޙުކުމްކުރުން:

މިއަހަރުވެސް ދުވަސްވީ ގިނަ މައްސަލަތަކެއް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް އަދިވެސް ޝަރީއަތް ކުރިއަށް ދެއެވެ.

ދުވަސްވީ މައްސަލަތަކުގެ ތެރެއިން 11 އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައި މަރުވީ މީހެއްގެ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދިނުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ފާހަގަކޮށްލެވެއެވެ. އެއީ މިއަހަރު މާރޗު މަހުއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ 2013 ވަނަ އަހަރުގައެވެ. މި އެކްސިޑެންޓުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ޅ. ނައިފަރު، ރޭދުވާގެ އަޙްމަދު ޤައްސާމުގެ މައްޗަށެވެ. އެގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނާއި ޚިލާފުވެފައިވާތީ ޤާނޫނުލް އުޤޫބާތުގެ ދަށުން މިމީހާގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއެވެ.

ރައީސް ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު:

މިއަހަރުތެރޭގައި ފާހަގަކޮށްލެވޭ އަނެއް ޙުކުމަކީ ފެލިދެއަތޮޅު އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރި، މަނީ ލޯންޑަރިންގއާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ޙުކުމް ބާތިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމެވެ. ހައިކޯޓުން މި ނިންމުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ.

ޙުކުމް ބާތިލު ކުރިނަމަވެސް، ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެކަމަށް ހައިކޯޓުގެ ޙުކުމުގައިވެއެވެ. އެގޮތުން ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތުދީ، އެކަންކަމާ ގުޅިގެން އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ވަނީ ތަހުވީލުކޮށްފައެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް

ޝަރީޢަތް އިތުރަށް ކުރިއަށްގެންދާއިރު ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހެކިތައް ވަޒަންކޮށްގެން ޝަރީޢަތް ކުރިއަށްގެންދިއުމަށްވެސް ހައިކޯޓުން އަންގާފައިވެއެވެ.

އެހެންނަމަވެސް، ދައުލަތުން ހުށަހެޅި އައު ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވާތީ ދައުލަތުން ވަނީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ ނިންމުން އިސްތިއުނާފު ކޮށްފައިވާތީ ދަށު ކޯޓުގެ މައްސަލަވެސް މިވަގުތު އޮތީ މަޑުޖައްސާލާފައެވެ. ބެލެވޭ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ ކުރިއަށްދާނީ ރިސެސަށްފަހު އަންނަ އަހަރުއެވެ.

މިރުޒާގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ނަފީޒް 17 އަހަރަށް ޖަލަށްލާން ޙުކުމްކުރުން:

ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ ޏ. ފުވައްމުލަކު، ޒާވިޔާ، އަބްދުﷲ ނަޒީފް އަށް މިރުޒާގެ އާއިލާއިން މައާފު ދިނުމުން އޭނާއަށް މަރުގެ އަދަބުގެ ބަދަލުގައި 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީވެސް މިއަހަރުއެވެ. އެއީ މިއަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.

ވިލިމާލޭ ޕާކު ތެރޭގައި ލަކުޑިބުރިއަކުން ޖަހައި، ނ. މާޅެންދޫ ވައިޓްހައުސް މިރުޒާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ދެ މީހުންގެ ތެރެއިން ނަޒީފުގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ މެރުމަށެވެ. އަދި ހައިކޯޓުންވެސް ކްރިމިނަލް ކޯޓުގެ އަމުރު ދެމެހެއްޓިއެވެ. އަދި ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށްދަނިކޮށް މިރުޒާގެ އާއިލާއިން ނަޒީފަށް މައާފު ދިނެވެ. އެހެންވެ ޤާނޫނީ އަދަބެއް ދިނުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީއެވެ.

މަހުމޫދުގެ ޤާތިލު ޝާއަލޮމްއަށް ކުރި މަރުގެ ޙުކުމް ހައިކޯޓުން ދެމެހެއްޓުން:

މިއަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ޙުކުމްތަކުގެ ތެރޭގައި އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ, ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެފައިވާތީ, އޭނާގެ ކިބައިން މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުން ހައިކޯޓުން ދެމެހެއްޓުން ހިމެނެއެވެ.

ހައިކޯޓުން އެގޮތަށް ނިންމާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ސާލިމް — ފޮޓޯ: މިހާރު

މި މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އޭނާ މަހުމޫދު މަރާލީ އޭނާ ދަތިކޮށް އުޅެނިކޮށް އެއް ދުވަހު މަހުމޫދު އަތަށް މީހަކު ގިނަ އަދަދެއްގެ ފައިސާ ދިން ތަން ފެނުމުން ކަމަށާއި، އެ ދުވަހު މަހުމޫދު އަތުން އެ ފައިސާ ހޯދުމަށް ނިޔަތް ގަތްކަމަށް އޭނާ ބުނެފައިވެއެވެ.

ހަތަރު ފަހަރެއްގެ މަތިން އޭނާ މި ކުށަށް އިއުތިރާފުވެފައިވެއެވެ.

ކުރީގެ ޗީފް ޝިޔާމްގެ ބައްޕައާމެދު ޚާއްސަ އުސޫލަކުން އަމަލެއް ނުކުރޭ:

މިއަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ އަނެއް ޙުކުމަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްޕަ އެމްއެންޑީއެފްގެ ވީ.އައި.ޕީ އިމާރާތެއްގައި ދިރިއުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމެވެ. އެގޮތުން ކްރިމިނަލް ކޯޓުން މި ޙުކުމް ކޮށްފައިވަނީ 3 އޮކްޓޯބަރު 2024 ގައެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް:

ޒިޔަދަމްގެ މަރުގެ ދައުވާލިބޭ ސިފާމް އުމުރަށް ޖަލަށްލާން ކުރި ޙުކުމް ދެމެހެއްޓުން:

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ އަލީ ސިފާމް އުމުރަށް ޖަލަށް ލާން ދަށު ކޯޓުން ކުރި ޙުކުމް ބާތިލު ކުރަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޙުކުމް ކުރައްވާފައެވެ. އެއީ މިއަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.

ޒިޔަދަމްގެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ހުރި އަލި ސިފާމް

އެނާގެ އަމަލުތައް ހުރީ އިންސާނީ ކަރާމާތާއި ޤަދަރަށް އުނިކަން އަންނަ އަދި އެންމެ މަތީ ދަރަޖައިން އަދަބު ކަނޑައެޅޭ ޙާލަތުގައިކަމަށްވާތީ ދަށު ކޯޓުން ގާޒީ ވަނީ އޭނާގެ މައްޗަށް ސާބިތުވި ކުށަށް ކަނޑައެޅޭނެ އެންމެ މަތީ އަދަބުކަމަށްވާ 25 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

މި ނޫނަސް ދުވަސްވީ ބޮޑެތި މައްސަލަތައް މިހާރުވެސް ކޯޓުތަކުގައި ކުރިއަށް ދެއެވެ. އޭގެ ތެރޭގައި 18 އަހަރު ކުރީގެ މައްސަލަތަކާއި 12 އަހަރު ކުރީގެ މައްސަލަތައްވެސް ހިމެނެއެވެ. އޭގެ އިތުރުން، ޤާނޫނުއަސާސީއަށް ދާދި ފަހުން ގެނެސްފައިވާ އިސްލާޙު ބާތިލު ކުރުމަށް އެދިވެސް މައްސަލައެއް ހުށަހެޅިފައި އެބައޮތެވެ. ބެލެވޭ ގޮތުގައި އެ މައްސަލަތައް ކުރިއަށްދާނީ އަންނަ އަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: