ބަވަނަވަމުންދާ އަދުގެ ދުނިޔޭގައި ތަފާތު އެތައް ކަމަކާ ކުރިމަތިލާންޖެހޭ ކަމަށާއި، ނަމަވެސް ޢަޒުމެއް ކަނޑައަޅައިގެން މަސައްކަތްކޮށްފިނަމަ އެކަމަކުން ސަލާމަތްވެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ. މަހިބަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވައި، މިސާލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ވޭޕްގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްގެ ގޮތުގައި ތަންފީޒު ކުރަން ފެށުމެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން އިލެކްޓްރޯނިކް ސިނގިރޭޓުގެ ނުވަތަ، ވޭޕްގެ ވިޔަފާރި ކުރަމުން ގެންދިޔައީ ޤާނޫނީ އިމުގެ ތެރެއިން ހުއްދަ އޮވެގެން ނަމަވެސް، އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދިޔަކަމީ ހަގީގަތެއް ކަމަށެވެ. އަދި ހާލުގެ ދުލުން އެދެމުން ދިޔައީ ގައުމުގެ ދަރިން، ވޭޕްގެ ވަބާއިން ސަލާމަތް ކޮށްދިނުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހި މުޖުތަމައުތަކަކީ ވޭޕާއި މަސްތުގެ ވަބާތަކުން ސަލާމަތްކުރެވިފައި ވާ މުޖުތަމައުތަކަކަށް ހަދަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ސިއްހީ ގޮތުން ޒުވާނުންނާއި އާންމުން ސަލާމަތްތެރިކަމާއެކު ތިބެގެން މެނުވީ ގައުމަށް ވެސް ކޮށްދެވޭނެ ކަމެއް ނޯންނާނެކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ގައުމުގެ ދަރިންނަށްޓަކައި ހެޔޮ މުސްތަގުބަލެއް ފޯރުކޮށްދެވެން އޮތީ ޒަމާނުއްސުރެ މުޖްތަމައުގެ ތެރޭގައި އާދަވެ، އަށަގަނެފައިވާ ނުރަނގަޅު އާދަތަކުން ސަލާމަތްވެގެން ހޯދޭ ތަރައްގީ ވެސް ހާސިލުކޮށްގެން ކަމަށެވެ. އެގޮތުން، ހަގީގީ ތަރައްގީއަކީ ލޮލަށް ފެނި، އަތުން ހިފޭ ތަރައްގީ އެކަނި ނޫންކަން ތަކުރާރު ކުރައްވަމުން ވިދާޅުވީ، މައުނަވީ ތަރައްގީއެއް ލިބެން އޮތީ އުމްރާނީ ތަރައްގީއާއެކު، ލޮލަށް ނުފެންނަ، ފިކުރީ، އިންސާނީ ތަރައްޤީވެސް ހާސިލުކުރެވިގެން ކަމުގައެވެ.
މުޖުތަމަޢުގައި ފެތުރިފައި އޮތް ނުރަނގަޅު އާދަތަކުން ސަލާމަތްވެވެން އޮތީ ޢަޒުމާއިއެކު މަސައްކަތްކޮށްގެން ކަމަށާއި، ޤާނޫނުތަކެއް ވުޖޫދުކުރެވިފައި ވީނަމަވެސް ފޫނުބެދޭ އެތައް ކަމެއް އެ މޭރުމުން ހުރިކަމުގައި ރައީސް ވިދާޅުވިއެވެ. ބަޔަކު ކުށްވެރި ކުރުމަކީ އަދުގެ ސަރުކާރުން އެދޭ ގޮތް ނޫން ކަމަށާއި، އެހެން ނަމަވެސް މަސްތުގެ ވަބާއާއި އެ ނޫންވެސް ގޮތްގޮތުން ކުށުގެވެށީގައި ބަނދެވިފައިވާ މީހުން އެކަންކަމުން ސަލާމަތްކޮށް، ހަމަމަގަށް އަޅުވަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ނުބައި ނިޔަތުގައި އެފަދަ ވަބާތައް ފަތުރާ ފަރާތްތަކަށް ޙައްޤު ޢަދަބު ލިބެންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

