ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024: ރާއްޖޭގެ ފަތުރުވެރިކަން ރަން އަކުރުން ފަވާލުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް

ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއާ ކަނޑުގެ ކެޓަގަރީ އިން އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ރާއްޖެ އަށް ވަނީ ލިބިފަ ----ފޮޓޯ/އެމްއެމްޕީއާރުސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމަކީ ރާއްޖޭގެ މުޅި އިގްތިސާދު އެކަމަކަށް ބަރޯސާވެފައި އޮތް ކަމެކެވެ. ފަތުރުވެރިކަމުގެ ސިނާއަތަކީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން، އެތައް ބައެއްގެ ހިތްވަރުން ކުރިއަރައިގެން އައި ސިނާއަތެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ މައިދާނުގައި ނަން ފަވާލާފައިވާއިރު، މި ސިނާއަތް އިތުރަށް ކުރިއަރުވާ، ލިބިފައިވާ ކުރިއެރުންތައް ދެމެހެއްޓުން މުހިންމެވެ.

އެގޮތުން 2024 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، އެތައް އަހަރެއްވީއިރުވެސް އޮޕަރޭޝަނަށް ގެނެވިފައި ނުވާ ރަށްތަށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފެށުން ފާހަގަކޮށްލެވެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައިވެސް މަސައްކަތްތަކެއް ކޮށްފައި އެބަހުރިއެވެ. 2024 ވަނަ އަހަރުވެސް ވެގެން ދިޔައީ ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ ފެންވަރު ރަން ވަނަ ތަކެއް ރާއްޖެއިން ހާސިލް ކުރި އަހަރަކަށެވެ.

ނުނިމި ހުރި ރިސޯޓުތަކުގެ މަސައްކަތް އަވަސްކުރުމަށާއި، އެ ތަންތަން ހުޅުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް 2024 ވަނަ އަހަރުކޮށްފައިވާ މަސައްކަތްތައް:

ޓޫރިޒަމް މިނިސްޓަރު ފައިސަލްގެ ބަސްފުޅުގައި، 20 އަހަރު ވީއިރުވެސް ހަދާ ނުނިމި އޮތް 63 ރަށެއް ހުރިކަމަށް ވިދާޅުވެފައިވެއެވެ. މި ރަށްތައް ހިންގުމަށް ގެނައުމަށްޓަކައި، ސަރުކާރުން ވަނީ ޚާއްޞަ ސިޔާސަތެއް އެކުލަވާލައި، އޭގެ ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގައި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސް، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ހިމެނޭ ކޮމިޓީއަކުން ވަކި ބައިތަކަކަށް ބަހާލައިގެން ރަށްތަކާއި ފަޅުތައް ދިރާސާކޮށް ފާހަގަކޮށްފައިވެއެވެ.

ސަރުކާރުގެ މި ސިޔާސަތުގެ ދަށުން:

1. އެއްވެސް މަސައްކަތެއް ފެށިފައިނުވާ ތަންތަން ދައުލަތަށް އަނބުރާ ނެގުމަށް ނިންމާފައިވެއެވެ. މިގޮތުން، ކުއްޔަށް ހިފާފައިވާ ފަރާތްތަކާ މަޝްވަރާކޮށް، ދައްކަންޖެހޭ ބިމު ކުލި އަދި ޖޫރިމަނާ މަޢާފުކޮށްދިނުމަށްފަހު، އިތުރު ދަޢުވާއެއް ނުކުރާނެކަން ކަށަވަރުކުރުމަށް ވަނީ ނިންމާފައެވެ.

2. މަސައްކަތް ފަށައި ނުނިމި ހުރި ތަންތަނާ ގުޅޭގޮތުން، ކުއްޔަށް ހިފާފައިވާ ފަރާތްތަކާއެކު މަޝްވަރާކޮށް، އެއްބަސްވާނަމަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވެލުއޭޓްކުރުމަށްފަހު، ކޮށްފައިވާ މަސައްކަތުގެ އިންސައްތައަށް ޙައްޤުވާ ޙިއްޞާ އެ ފަރާތްތަކަށް ދިނުމަށް ނިންމާފައިވެއެވެ.

3. މަސައްކަތް ނުނިމި ހުރި ތަންތަނުގެ މަސައްކަތް ނިންމުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ޙަވާލުކުރުމަށް ނިންމާފައިވެއެވެ.

4. މަސައްކަތް ނިމުމުން، ކުރިން ޙައްޤުވާ ޙިއްޞާ ބައި-ބެކްކުރުމުގެ ފުރުޞަތު ދިނުމަށް ނުވަތަ ސަރުކާރަށް ލީސް ޓްރާންސްފަރކޮށް ހިންގުމުގެ އޮޕްޝަން ދިނުމަށް ނިންމާފައިވެއެވެ.

މީގެ އިތުރުން، ނުނިމި ހުރި ރިސޯޓުތަކުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އައު އަދި ބަދަލުވަމުންދާ ޙާލަތަށް ފެތޭ ފައިނޭންސިންގ އޮޕްޝަންތައް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދެއެވެ. މިގޮތުން:

1. ނުނިމި ހުރި ރިސޯޓުތަކުގެ މަސައްކަތުގެ ކުރިއެރުމުގެ އިންސައްތަ އަދި ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

2. ޚާއްޞަ ސިޔާސަތެއް އެކުލަވާލައި، އެ ސިޔާސަތު ތަންފީޒުކުރުމަށް ކޮމިޓީއެއް އުފެއްދުމަށް ނިންމާފައިވެއެވެ.

3. މި ކޮމިޓީއިން ރަށްތައް ވަކި ބައިތަކަކަށް ބަހާލައި، ލީސް ހޯލްޑަރުންނާ ބައްދަލުކޮށް މަޝްވކޮށް މަޝްވަރާކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.

4. މި މައްސަލައަށް ޙައްލު ހޯދުމުގެ ސިޔާސަތު ކަރުދާހެއް އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރެވެމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއްވެސް ކޮށްފައެވެ. މީގެ ތެރޭގައި:

1. 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން 400 މިލިއަން އެމެރިކާ ޑޮލަރު ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކުރެވިފައިވެއެވެ.

2. ކްރޮސް ސަބްސިޑީގެ ގޮތުގައި 13.2 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރެވިފައިވެއެވެ.

3. މި އަހަރުގެ ތެރޭގައި ސަރުކާރުން ސޮއިކޮށްފައިވާ 3 މަޝްރޫޢުއެއްގެ ފައިދާގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

ފަތުރުވެރިކަން ފުޅާކުރުމަށް 2024 ވަނަ އަހަރު ކުރި މަސައްކަތްތައް:

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އަދިވެސް ތަރައްޤީކުރެވިދާނެ ގިނަ ފުރުޞަތުތަކެއް ވުޖޫދުގައި އެބަހުއްޓެވެ. ޤާނޫނީ އޮނިގަނޑަށް އެކަށީގެންވާ ބަދަލުތަކެއް ގެނެވިއްޖެނަމަ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ގިނަ ގުނައަކަށް އިތުރުކުރެވިދާނެއެވެ. ފަތުރުވެރިކަމުގެ ދާއިރާ 52 އަހަރު ފުރިފައިވާއިރު، މިހާރު ރާއްޖޭގައި 280 ރިސޯޓު ހިންގަމުންދެއެވެ. މި ދާއިރާ އިތުރަށް ކުރިއެރުވުމަށް އައު އިސްތިރާޖުތަކެއް އެކުލަވާލުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ.

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ޤާނޫނީ އިޞްލާޙުތަކެއް ވަނީ ގެނެވިފައެވެ.

މި ގޮތުން، މާލެ އާއި ހުޅުމާލޭގައި އިތުރު ޓްރާންސިޓް ހޮޓާތަކެއް ޤާއިމުކުރުމަށް މަގުފަހިކޮށްދެވިފައިވެއެވެ. ޓްރާންސިޓް ހޮޓާތަކާ ގުޅޭ ގޮތުން ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކުގެ ސިޔާސަތު ކަރުދާސް އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ. މިއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ފަށައިގަތް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބިޔަ މަޝްރޫޢު ނިމުމާއެކު އިތުރުވާނެ ޑިމާންޑަށް ރިޢާޔަތްކޮށް ކުރިއަށްގެންދާ މަސައްކަތެކެވެ.

މީގެ އިތުރުން، ޓްރެވަލް އޭޖެންސީތަކާ ބެހޭ ބިލެއް ޑްރާފްޓްކޮށް، އޭގެ ސިޔާސަތު ކަރުދާސް ބަންޑާރަ ނައިބުގެ އޮފީހާ ހިއްސާކުރެވިފައިވެއެވެ. ވޭތުވެދިޔަ މުއްދަތުގައި މަޞްލަޙަތުވެރިންނާއެކު ވަރކްޝޮޕެއް ބޭއްވިފައިވާއިރު، ޑްރާފްޓް ބިލާ ގުޅޭގޮތުން މަޞްލަޙަތުވެރިންގެ ލަފާ މިނިސްޓްރީން ވަނީ ހޯދާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ދެއްވާފައިވާ މަޢުލޫމާތުގެ އަލީގައި، ފަތުރުވެރިކަމުގެ ދާއިރާއަށް ގެނެވިފައިވާ މުހިންމު ބަދަލުތަކާއި ކުރިއެރުންތަކަށް ކުރުގޮތަކަށް ބަލާލާނަމެވެ:

ފަތުރުވެރިކަމުގެ ޤާނޫނާއި ގަވާއިދުތަކަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނައުމާއި، ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް 2 ވަނަ އިޞްލާޙު ގެނައުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް 13 ވަނަ އިޞްލާޙުވެސް ގެނެވިފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ނެރުމެވެ. މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ތައްޔާރަށް ހުރިކަން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން، ކުރިމަގުގައި ދިވެހިންނަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި އިސް ދައުރެއް އަދާކުރެވޭނެ ކަމަށް އުންމީދުކުރެވެއެވެ.

އަންހެނުން ބާރުވެރިކުރުމަށްޓަކައި ”ފަހި ފަތުރުވެރިކަމަށް އަންހެނުން“ ޕްރޮގްރާމް ތަޢާރަފުކުރެވި، 58 ދަރިވަރުން 38 ރިސޯޓަކުން ހުށަހަޅާފައިވާ ދާއިރާތަކަށް ބައިވެރިވުމަށް ކުރިމަތިލާފައިވެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށްގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވެއެވެ.

ރާއްޖޭގެ ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ”އައްސޭރި ޓޫރިޒަމް“ މަޝްރޫޢު އެކުލަވާލެވި، އައްޑޫ ސިޓީގައި 6,000 އެނދުގެ މަޝްރޫޢެއް ހިންގައި، ސީޕްލޭން ހަބެއް ޤާއިމްކޮށް 10,000 ވަޒީފާ އުފެއްދުމަށް ރޭވިފައިވެއެވެ. އަދި ”ސައުތު ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް 2024“ ގެ ނަމުގައި މަހާސިންތާއެއްވެސް ބޭއްވިފައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ހަރުދަނާކޮށް، އޭގެ ނަފާ އިތުރުކުރުމަށްޓަކައި ފަތުރުވެރިކަމަށް ރަށްތައް ދޫކުރުމުގައި މިހާރު ގެންގުޅޭ އުސޫލު އިޞްލާޙުކުރެވި، ހާމަކަން ބޮޑު އާ އުސޫލެއް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ. މި އުސޫލުގެ ދަށުން، އިންވެސްޓްމަންޓްގެ ބޮޑުމިނާއި، އޭގެން މާލިއްޔަތަށާއި ސީދާ ރައްޔިތުންނަށް ކުރާނެ ނަފާއާއި ފައިދާއަށް އިތުރު އަހައްމިއްޔަތުކަމެއް ދެވޭނެއެވެ.

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްޓަކައި، ”މޯލްޑިވިއަން“ އިން ފަތުރުވެރިންގެ އަތުން އެތެރޭގެ އުދުހުންތަކަށް ނަގަމުން އަންނަ އަގުތައް މުރާޖަޢާކޮށް، ފަތުރުވެރިންގެ އަދަދު އިތުރުވާނެ މިންވަރެއްގައި ދެމެހެއްޓުމަށް މަސައްކަތްކުރެވޭނެއެވެ. މިކަމުގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިން ޒިޔާރަތްކުރުން އިތުރުވެ، ލޯކަލް ޓޫރިޒަމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރެވެއެވެ.

2024 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތައް:

2024 ވަނަ އަހަރުގެ ތަފާސް ހިސާބުތައް، މިދިޔަ އަހަރުތަކުގެ ތަފާސް ހިސާބުތަކާއި އަޅާބަލާއިރު އިތުރުވުންތަކެއް އައިސްފައި އެބަހުއްޓެވެ. އެގޮތުން 2023 ވަނަ އަހަރާއި އަޅާބަލާއިރު، ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރި އަދަދުތައް ވަނީ އުފުލިފައެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިން ޒިޔާރާތްކުރި އަދަދު ވަނީ 2023 ވަނަ އަހަރާއި ބަލާއިރު 9.6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.

2024 ވަނަ އަހަރު ހާސިލް ކުރި އެވޯޑުތައް:

2024 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ގްރީން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑުތައް ހިމެނެއެވެ. މި އެވޯޑުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހާސިލްކުރެވުނު މުހިންމު ކާމިޔާބީތަކެކެވެ.

މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި،  ފަތުރުވެރިކަމުގެ ދާއިރާއިން ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި އެވޯޑުތަކަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލް އުޖާލާކަމުގެ ހެއްކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: