ޕްރައިވެޓް އޮފީހަކުން ދެލައްކަ ރުފިޔާގެ މުދާ ވަގަށްނެގި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ވައްކަން ކުރުމާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ތުހުމަތެވެ.
އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 11 ޖެނުއަރީގައެވެ.
ކޯޓު އަމުރުގައި ބުނެފައިވާގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވެއެވެ. އެގޮތުން އޭނާ ޕްރައިވެޓް އޮފީހަކަށް ވަދެ ވައްކަން ކުރިކަމަށް ތުުހުމަތު ކުރެވޭ ކަމަށާއި، ވަގަށް ނެގި މުދަލުގެ އަގު ދެލައްކަ ރުފިޔާއަށްވުރެ މަތިކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އެތަނުގެ ތެރެއިން އޭނާގެ ފިންގަރޕްރިންޓް ފެނިފައިވެއެވެ. އަދި އޭނާ އެތަނަށް ވަނުމަށް ކަޅުހުރާ މިސްކިތް ކައިރިން ދާ މަންޒަރުވެސް ސީސީޓީވީ ފުޓޭޖުން ފެންނަކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައެވެ.
އޭގެ އިތުރުން، މިއަހަރު އެކަނިވެސް އޭނާގެ ވައްކަމާ ގުޅޭ ގިނަ ރެކޯޑުތަކެއް ހިމެނޭއިރު، ޖަމާއަތް ހަދައިގެން ވައްކަން ކުރުމާއި، ވައްކަމުގައި އިސްވެ އަމަލީ ގޮތުން ބައިވެރިވުމާ ގުޅޭ މައްސަލަތައް ހިމެނެއެވެ. އެކަންކަމަށް ބަލައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ ސޮފްއަތު ޙަބީބެވެ.

