ރައީސް ޑރ މުއިއްޒު މަސައްކަތްކުރައްވަމުންދަނީ ގައުމާއި ރައްޔިތުންގެ ހައްގުގައިކަމަށާއި އެމަނިކުފާނުގެ ނިންމެވުންތަކުގެ މަގުސަދަކީ ގައުމު ރަނގަޅު ގޮތެއްގެ މަތިން ބިނާކުރެއްވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ރިޔާޒް ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދައުރުން ފެށިގެން މިހާ ހިސާބަށް އައިއިރު އެއްވެސް ވެރިކަމެއްގައި އެއްވެސް މީހަކަށް އަތްލަން ނުކެރުުނު ކަންކަން ހުރިކަމަށެވެ. އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގޮތުންނާއި ދިވެހި މާލީ ނިޒާމުގެ ތެރޭގައި ބޭރު ފައިސާގެ މިންވަރުތައް އިތުރުކުރުމަށް ރައީސް ޑރ މުއިއްޒު އަޅުއްވާފައިވާ ފިޔަވަޅުތައް ފާހަގަކުރެއްވިއިރު އެއީ އެމަނިކުފާނު އަމިއްލަ ފައިދާއަށް ކުރައްވާފައިވާ ކަންކަން ނޫންކަމަށް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ، އެމަނިކުފާނު އެ މަސައްކަތްތައް ކުރެއްވީ ދިވެހި ރައްޔިތުންނަށްޓަކައިކަމަށާއި އެއީ ރާއްޖޭގެ ޒުވާން ޖީލުތައް ސަލާމަތްކުރުމުގެ ގޮތުން އެޅުއްވި ފިޔަވަޅުތަކެއްކަމަށެވެ. މެމްބަރު ވިދާޅުވީ، މިފަހުން ރައީސް އެޅުއްވި ފިޔަވަޅުތަކަށް ތާއީދުކުރައްވާކަމަށާއި އެކަމުގެ ސަބަބުން އެތައް ދިވެހި ދަރިންނަކަށާއި އާއިލާތަކަކަށް މަންފާތައް ކުރާނެކަމަށެވެ.
އޭނާ ވިދާޅުވީ، ބައެއް ފަރާތްތަކުން ރައީސްގެ ނިންމެވުމަށް ތައުރީފުކުރައްވާ އަޑުއިވިގެންދާކަމަށެވެ. އަދި ބައެއް ސިޔާސީ ފަރާތްތަކުން ވޭޕު މަނާކުރުމަށް ނިންމުމަށް އެމަނިކުފާނަށް އޭ ސްޓާއެއް ދޭންޖެހޭކަމަށް ވިދާޅުވާ އަޑުވެސް އިވިފައިވާއިރު ގާނޫނު ތަންފީޒުކުރުމުން އެކަމާއި ދެކޮޅަށް ވާހަކަތައް ދައްކަވާކަންވެސް ފާހަގަކުރެއްވޭކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ އަމަލުތައް ހުރި ގޮތްކަމަށެވެ.
ނަމަވެސް ހަގީގަތުގައި ރައީސް މަސައްކަތްކުރައްވަމުންދަނީ ދިވެހި ގައުމަށްޓަކައިކަމަށާއި ނިންމެވުންތަކުގެ މަގުސަދަކީ ދިވެހި ގައުމު ރަނގަޅު ގޮތެއްގެ މަތިން ބިނާކޮށް ރަނގަޅު ޖީލެއް އުފެއްދުންކަމަށެވެ. އެހެންކަމުން ސިނގިރޭޓު ކޮންމެހެން މަނާ ނުކުރިނަމަވެސް އަގުތައް ހުރިގޮތުގެ ސަބަބުން ބައެއް ފަރާތްތަކުން އިސްތިއުމާލުކުރުމާއި ދުރުހެލިވެފައިވާކަން ފާހަގަކުރެއްވޭކަމަށެވެ. އޭނާ ވިދާޅުވީ ބައެއް މީހުން އަދިވެސް އިސްތިއުމާލުކުރާއިރު ވޭޕު ބޭނުންކުރާ މަންޒަރު ނުފެންނަކަމަށެވެ.
ރިޔާޒް ވިދާޅުވީ، އެ މަސައްކަތްތަކަކީ ޒުވާން ޖީލުތައް އެ ވަބާއިން ސަލާމަތްކުރުމަށްޓަކައި އެޅުވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާއި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެޅުއްވި ފިޔަވަޅަކީވެސް މީގެ ކުރިން އެއްވެސް މީހަކަށް ކުރަން ކެރިވަޑައިނުގެންނެވި މަސައްްކަތްތަކެއްކަމަށް ވިދާޅުވިއެވެ.

